ސަލާމަތީ ބާރުތަކުން ބައި އިލެކްޝަން ހުއްޓުވަންޖެހޭނެ: މައުމޫން

އިލެކްޝަން ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި، އެ ދާއިރާތަކުގެ ބައި އިލެކްޝަން އިއުލާން ކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ނިންމުމާ ހިލާފަށް ކަމަށާއި އެ ބައި އިލެކްޝަންތައް ސަލާމަތީ ބާރުތަކުން ހުއްޓުވަންޖެހޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، ސުޕްރީމް ކޯޓުން މެންބަރުންގެ ގޮނޑީގެ މައްސަލާގައި ނިންމާފައިވަނީ މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަމަށެވެ. ނަމަވެސް އެކަމަށް އިހްތިރާމްނުކޮށް، އިލެކްޝަނުން ބައި އިލެކްޝަން އިއުލާން ކޮށްފައިވާތީ ކަންބޮޑުވާ ކަމަށެވެ.
"ސުޕްރީމް ކޯޓުން ނިންމާފައި އޮތީ މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް، އެއަކަށް އަމަލެއް ނުކުރޭ، އެއާ އިދިކޮޅަށް އަމަލު އެ ކުރަނީ، ބަޔާނެއް ނެރުއްވާ ބައި އިލެކްޝަން ކުރިއަށް ގެންދަން އެވަނީ ނިންމާފަ، ސަލާމަތީ ބާރުތަކުން ޖެހޭ ނުކުމެ އެ ކަންތައްތައް ހުއްޓުވަން،" ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ، ހުކުމާ ހިލާފަށް މުއައްސަސާތަކުން ހިންގާ ކަންކަން ސަލާމަތީ ބާރުތަކުން ހުއްޓުވަންޖެހޭއިރު، ކޯޓުތަކުގެ ހުކުމަށް އިހްތިތާމްނުކޮށް އެ ތަންފީޒުނުކޮށް ގޮންޖަހާ މީހުންނަށް ނަސޭހަތް ދީގެން ހައްލުނުވާނަމަ ހިފާ ހައްޔަރުކޮށްގެން ވެސް އެކަން ކުރަންޖެހޭނެ ކަމަށެވެ. އެގޮތަށް އަމަލުނުކުރާނަމަ ގައުމުގައި އަދުލު އިންސާފު ގާއިމު ނުކުރެވޭނެ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ، ގައުމުގެ ވެރިންނަށް ބޭފުޅުން އިންތިހާބު ކުރަނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަންކޮށް ރައްޔިތުންނަށް ހިދުމަތް ކޮށް ދޭން ކަމަށެވެ. ގައުމުގެ ވެރިންނަކީ ރައްޔިތުންގެ ހާދިމުން ކަމަށެވެ. އެ ބޭފުޅުން އަމަލުކުރާ ގޮތް ގާތުން ބެލުމަކީ ރައްޔިތުންގެ ވާޖިބެއް ކަމަށެވެ.
"ރައިސުލްޖުމްހޫރިއްޔާ އިންތިހާބުކޮށްފަ ގެއަށް ގޮސް ނިދީމަ އެ ނިމުނީއެއް ނޫން، އަބަދު ތިބެންވީ ބަލަހައްޓައިގެން އެ ބޭފުޅުން ކަންތައްތައް ކުރައްވަނީ ކިހިނެއްތޯ، އެއީ ޑިމޮކްރަސީ ބައްޓަންވެފައިވާ ގޮތަކީ، ރައްޔިތުން އަބަދު ތިބެންޖެހޭނީ ހޭލައިގެން، އެ ބޭފުޅުންނަށް އެ ލިބޭ މުސާރައަކީ އަޅުގަނޑުމެން ދޭ ފައިސާ، އެ ބޭފުޅުން އެ ކުރައްވާ މަސައްކަތަކީ އަޅުގަނޑުމެން ހަވާލުކުރި މަސައްކަތެއް، އެ ބޭފުޅުންނަކީ އަޅުގަނޑުމެންގެ ހާދިމުން، އަޅުގަނޑުމެންގެ ނޯކިރީން،" ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ، ވެރިން ޒިންމާދާރުކުރުމަށް މަސައްކަތްކޮށް އެކަމަށް ވަކާލާތުކުރުމަކީ ވަކި ބައެއްގެ ޒިންމާއެއް ނޫން ކަމަށެވެ. އެއީ ހަމައެކަނި ޕާޓީތަކުގެ ލީޑަރުން ނުވަތަ ޕާޓީތަކުގެ އެކްޓިވިސްޓުންގެ މަސައްކަތެއް ނޫން ކަމަށެވެ. ހުރިހާ ރައްޔިތުން ވެސް ވެރިން ޒިންމާދާރުކުރަން މަސައްކަތް ކުރަންޖެހޭނެ ކަމަށާއި ނަމަވެސް އެކަން ފެންނަނީ ވަރަށް މަދު ރައްޔިތެއްގެ ފަރާތުން ކަމަށްވާތީ ދެރަވާ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
"ފެންނަ މަންޒަރަކީ ބައެއް ޕާޓީތަކުގެ ލީޑަރުން، މި ދެންނެވީ އަޅުގަނޑުމެން ކަހަލަ މީހުން، ނުވަތަ ޕާޓީތަކުގެ އެކްޓިވިސްޓުންނާއި ބޭފުޅުން ސަރުކާރު ޒިންމާދާރު ކުރަން ވާހަކަ ދައްކަވާނެ، އެކަމަކު އެއަކުން ނުފުދޭނެ، އެއީ އެހާ މަދު ބައެއްގެ ޒިންމާއެއް ނޫން، ސަރުކާރުން ކަން ކުރާ ގޮތް ބެލުމަކީ އެންމެންގެ މަސްއޫލިއްޔަތެއް، އެ މަސްއޫލިއްޔަތު އަޅުގަނޑުމެން އަދާނުކުރާތީ މިހެން މިވަނީ، އަޅުގަނޑުމެން މިތިބެނީ އިންތިހާބުކޮށްފަ ގެއަށް ގޮސް، ދެން އެ ބޭފުޅުން ކަންތައް ކުރާނެ ގޮތަކަށް ކަންތައް ކުރައްވަނީ،" ރައީސް މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ