އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރު ކަމަށް އއ. ފެރިދޫ، ހާލި، އަލީ ނަޝާތު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް ނަޝާތު އައްޔަންކުރުމަށް ނެގި ފެންނަ ނުފެންނަ ވޯޓުން ނަޝާތަށް ރުހުން އޮތް ކަމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 32 މެމްބަރުންގެ އިއްތިފާގުންނެވެ.
އީސީގެ މެމްބަރުކަމަށް ނަޝާތު އައްޔަން ކުރުމަށްޓަކައި މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއިން ދިރާސާކޮށް، އެކޮމިޓީން ވެސް ވަނީ އޭނާ މިމަޤާމަށް އައްޔަންކުރަން ފެންނަ ކަމަށް ފާސްކޮށްފަ އެވެ.
އަލީ ނަޝާތަކީ އީސީގެ ޑިރެކްޓަރެއްގެ މަޤާމް އަދާ ކުރައްވަމުން ގެންދަވާ ފަރާތެކެވެ.
އީސީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ އެކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި ހުންނެވި މުހައްމަދު ޝަކީލް މިދިޔަ މެއި މަހުގެ ނުވަވަނަ ދުވަހު ކޮމިޝަންގެ މެމްބަރުކަމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމުން ޝަކީލް އިސްތިއުފާ ދެއްވުމާ ގުޅިގެން އެކޮމިޝަންގައި މިވަގުތު ތިއްބެވި ހަތަރު މެމްބަރުންނަކީ ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފާއި، ނައިބް ރައީސް އަމްޖަދު މުސްތަފާއާއި، ދެ މެންބަރުން ކަމަށްވާ އިސްމާއީލް ހަބީބާއި، އަހްމަދު އަކްރަމް އެވެ.
އިލެކްޝަންސް ކޮމިޝަންގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވަނީ ކޮމިޝަންގެ މެންބަރަކު މަގާމުން އިސްތިއުފާ ދެއްވައިފިނަމަ އެ މަޤާމެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެ މަޤާމަށް މީހަކު އަލުން އައްޔަންކުރަންވާނެ ކަމަށެވެ.
އީސީގެ މެމްބަރު ކަމަށް ނަޝާތު އައްޔަންކުރަން ރުހުން ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ