މުޅި މާލެ ސަރަހައްދު ބްރިޖުން ގުޅާލާނެ ކަމުގެ އިޝާރާތެއް ރައީސް ދެއްވައިފި

މާލެ، ވިލިމާލެ، ތިލަަފުށި އަދި ގުޅީފަޅު ބްރިޖަކުން ގުޅުވާލުމަށް މަސައްކަތް ކުރައްވާނެ ކަމުގެ އިޝާރާތެއް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދެއްވައިފި އެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސަރުކާރުން ހިންގާފައިވާ ތަރައްގީގެ ގިނަ މަޝްރޫއުތަކަށް އިޝާރަތް ކުރައްވާ ރައީސް ޔާމީން ވިދާޅުވީ ތިލަދުންމަތިން ފެށިގެން އައްޑޫ އަތޮޅާ ހަމަޔަށް ތަރައްގީގެ ހެޔޮ ބަދަލު ތަޖުރިބާ ނުކުރާ އެއްވެސް ރައްޔިތެއް ނުހުންނާނެ ކަމަށާއި އެ ހެޔޮ ބަދަލުތަކުގެ ސަބަބުން ދިވެހިންގެ އުންމީދުތައް ބޮޑުވެފައިވާ ކަމަށެވެ. އަދި މާދަމާއަށް ހުރި ކަންކަމާ މެދު ރައްޔިތުން ސުވާލު ކުރައްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
އެގޮތުން ގެދޮރުވެރިކަމުގެ ލޯނުގެ އިންޓްރަސްޓު ކުޑަ ކުރެވިދާނެތޯ އާއި ރާއްޖޭގައި ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރެއް ހެދިދާނެތޯ ދިވެހިން ސުވާލު ކުރައްވާނެ ކަމަށާއި މާލެއާ ވިލިމާލެއާ ގުޅިފަޅާއި ތިލަފުށި ގުޅާލާނެ ބްރިޖެއް އަޅާލާނެ ފައިސާ ހޯދޭނެ ގޮތްތަކެއް ހިޔާލެއް ގެނެވޭނެތޯ ރައްޔިތުން ސުވާލު ކުރައްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"ބައިނަލްއަގުވާމީ ވައިގެ ބަނދަރުގެ މަޝްރޫއު ނިމޭއިރު ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރެއް ހެދުމުގެ މަސައްކަތް ފެށުމުގެ ޔަގީންކަން ލިބުމާއި، މާލޭ ހުޅުމާލޭގެ ބްރިޖު ނިމޭއިރު މާލެ ވިލިމާލެ ގުޅީފަޅު އަދި ތިލަފުށީގެ މަސައްކަތް ފެށޭނެ ކަމުގެ އުންމީދު އޮތުމަކީ އަޅުގަނޑުގެ މަސައްކަތަށް ކުރިމަތި ކުރުވާ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ހިތްވަރު އާލާވާ ކަމެއް،" ރައީސް ޔާމީން ވިދާޅުވި އެވެ.
ބޯހިޔާވެހިކަން ފޯރުކޮށްދިނުމަށް "ވިލިމާލޭ 2"ގެ ނަމުގައި ހިންގާ ބިޔަ މަޝްރޫއެއް އިއުލާން ކުރައްވަމުން ވެސް ރައީސް ޔާމީން ވަނީ މާލެ އާއި ވިލިމާލެ ގުޅާލާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެ މަޝްރުއާ ގުޅޭ ތަފްސީލެއް އެމަނިކުފާނު ނުދެއްވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ