ޗައިނާގެ ރައީސް މިއަދު ހަވީރު ރާއްޖެ ވަޑައިގަންނަވާނެ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ދައުވަތަކަށް ކުރައްވާ ‏‏ފުރަމާނަ ދަތުރުފުޅެއްގައި، ޗައިނާގެ ރައީސް ޝީ ޖިންޕިންގ މިއަދު ހަވީރުގެ ވަގުތެއްގައި ރާއްޖެ ވަޑައިގަންނަވާނެ އެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގއާއި އަނބިކަނބަލުން މެޑަމް ޕެންގ ‏‏ލިއުއާން، ރާއްޖެ ވަޑައިގެންނެވުމާއިއެކު އިބްރާހިމް ނާސިރު އިންޓަނޭޝަަލް އެއާޕޯޓުން މަރުހަބާ ދަންނަވާނީ ރައީސް ޔާމީނާއި، ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދާއި، ވަޒީރުންނާއި ސަރުކާރުގެ އިސް ބޭފުޅުންނެވެ.
ޗައިނާގެ ރައީސް މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 10:00 ގައި އެވެ. މާލެ ވަޑައިގަތުމުން ޖުމްހޫރީ މައިދާނުގައި އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އެއަށްފަހު ރައީސް އޮފީހުގައި ޗައިނާ އާއި ރާއްޖެ އާއި ދެމެދު ރަސްމީ ވާހަކަފުޅުތައް ބޭއްވުމަށްފަހު ޗައިނާ އިން އަލަށް ފަށާ މަޝްރޫއުތައް ދެ ރައީސުން އިއުލާން ކޮށްދެއްވާނެ އެވެ. އަދި ދެއެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
"ވަގުތަށް" މައުލޫމާތު ލިބިފައިވާ ގޮތުގައި މަޝްރޫއުތަކުގެ ތެރޭގައި ހުޅުލެ އާއި މާލެ އާއި ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބުރިޖް މަޝްރޫއާއި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގެ ރަންވޭ އެޅުމުގެ މަޝްރޫއު ހިމެނެ އެވެ.
އަދި އެންމެ ފަހު ކަމެއްގެ ގޮތުގައި ދެ ރައީސުންގެ ގުޅިފައިވާ ބަޔާނެއް އާންމު ކުރައްވާނެ އެވެ.
ރައީސް ޔާމީންގެ ދައުވަތަކަށް ކުރައްވާ ‏‏ފުރަމާނަ ދަތުރުފުޅެއްގައި، ޗައިނާގެ ރައީސް ޝީ ޖިންޕިންގ ގެ އިތުރުން  އަނބިކަނބަލުން މެޑަމް ޕެންގ ‏‏ލިއުއާން، އަދި ޗައިނާގެ އެންމެ މަތީ ފެންވަރުގެ ވަފުދެއް ވަޑައިގަންނަވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ