ސިޔާސީ ޕާޓީއަކީ ވެރިކަން ހޯދުމަށްޓަކައި އޮތް މުއައްސަސާއެއް ނޫން - މައުމޫން

ސިޔާސީ ޕާޓީއަކީ ވެރިކަން ހޯދުމަށްޓަކައި އޮތް މުއައްސަސާއެއް ނޫން ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގުޅިގެން އާޓިފިޝަލް ބީޗުގައި މިހާރު ބާއްވަމުންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ކޮންމެ ސިޔާސީ ޕާޓީއެއް ވެސް ވާން ޖެހޭނީ ރައްޔިތުންނަށް މަގު ދައްކާ ސިޔާސީ ޕާޓީއަކަށް ކަމަށެވެ.
"ސިޔާސީ ޕާޓީއަކީ ފިކުރެއް، ސިޔާސީ ޕާޓީއަކީ މަދަރުސާއެއް، ސިޔާސީ ޕާޓީއަކީ ފަލްސަފާއެއް، ސިޔާސީ ޕާޓީއަކީ އުސޫލުތަކެއް، މިކަން އަޅުގަނޑުމެން އެބަޖެހޭ ރައްޔިތުންނަށް ދައްކަން، އަޅުގަނޑުމެން ވާން އެބަޖެހޭ ނަމޫނާ ޕާޓީއަކަށް، ޕީޕީއެމް ވާން ޖެހޭ އެބަޖެހޭ ނަމޫނާ ޕާޓީއަކަށް." ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީއެއްގެ މަގްސަދަކަށް ވާން ވާނީ ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމެވެ. އަދި ސިޔާސީ ޕާޓީތައް ވާން ޖެހޭނީ ރައްޔިތުންނަށް ފައިދާ ހުރި މަސައްކަތްތަކެއް ކުރުން ކަމަށާއި ރައްޔިތުންނަށް އުސޫލުތަކެއް ގާއިމުކޮށްދޭ ޕާޓީތަކަކަށް ސިޔާސީ ޕާޓީތައް ވާން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެއްވެސް ސިޔާސީ ޕާޓީއަކީ ވެރިކަން ހޯދައިދިނުމަށްޓަކައި ބޭނުންހާ ގޮތަކަށް ކަންތައްތައް ކުރަން އޮތް މުއައްސަސާއެއް ނޫން، އެއީ ވަރަށް ދެރަ ކަމެއް." ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ އަޅުގަނޑުމެންގެ އަމާޒަކީ އިސްލާމް ދީނާއި ދިވެހި ގައުމު ކަމަށްވާއިރު، އަޅުގަނޑުމެންގެ މަގްސަދަކަށް ވާން ވާނީ އިސްލާމް ދީން ހިމާޔަތް ކުރުމާއި ދިވެހި ގައުމު ހިމާޔަތްކޮށް ދިވެހި ގައުމަށް ބޭނުންވާ ކުރިއެރުންތައް ހޯދައިދިނުން ކަމަށެވެ.
އަދި ރައްޔިތުންނަށް ބޭނުންވާ ހަމަޖެހުމާއި އަމާންކަމާއި އިޖުތިމާއީ ފުދުންތެރިކަމާއި އަދުލު އިންސާފެއް ހޯދައިދިނުމަކީ އަޅުގަނޑުމެންގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ވެރިކަން ހޯދުމަކީ އެހެން ކަމެއް، ވެރިކަން ހޯދައިގެން ކަންތައް ކުރެވޭނެ، އަޅުގަނޑުމެންގެ ހަމައެކަނި މަގްސަދަކީ ވެރިކަން ހޯދުން ކަމަށް ހަދައިގެން އެކި އެކި ހަމަނުޖެހުންތައް އުފައްދާ، އެކިއެކި ކަންތައްތައް ކުރުމަކީ އެއްގޮތަކަށް ވެސް ސިޔާސީ ޕާޓީއަކުން ކުރަން ވާނެ، ކުރަން ޖެހޭނެ ކަމެއް ނޫން." ރައީސް މައުމޫން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ