މަޖިލީހުގެ ރައީސް ކަމުން ނަން އަނބުރާ ނުގެންދަވާނެ ކަމަށް ގާސިމް ވިދާޅުވެއްޖެ
އާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ވާދަކުރައްވާނެ ކަން އިއުލާންކުރައްވާފައިވާ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމަށް ޖެހިވަޑައިގަންނަވާނީ އޭނާގެ ނަން އަނބުރާ ގެންދަވަން ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވި ނަމަވެސް، ނަން އަނބުރާ ނުގެންދަވާނެ ކަމަށް ގާސިމް މިރޭ ވިދާޅުވެއްޖެ އެވެ.ގާސިމް މިހެން ވިދާޅުވީ އުވިގެންދާ މަޖިލީހުގެ މެމްބަރުންނަށާއި ބުދަ ދުވަހު ފެށޭ އާ މަޖިލީހުގެ މެމްބަރުންނަށް އޭނާގެ ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ދެއްވި ފަރިއްކޮޅެއް ފެއްޓެވުމުގެ ކުރިން ވާހަކަ ދައްކަވަމުންނެވެ. އެ ފަރިއްކޮޅުގައި ޕީޕީއެމްގެ މެމްބަރުންގެ ތެރެއިން ބައިވެރިވެވަޑައިގަންނަވަނީ މަޖިލީހުގެ ނާއިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމު އެކަންޏެވެ. މި ފަރިއްކޮޅުގައި ޖޭޕީގެ މެމްބަރުންގެ އިތުރުން އެމްޑީޕީގެ މެމްބަރުން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ. އިންޑިއާގެ ބޮޑުވަޒީރު ކަމަށް އިންތިހާބުވެފައިވާ ބީޖޭޕީގެ ނަރެންދުރަ މޯދީ މަގާމުގެ ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާ އަށް ފުރާވަޑައިގަތުމުގެ ކުރިން "ހަވީރު"ން ދެންނެވި ސުވާލެއްގެ ޖަވާބުގައި، މަޖިލީހުގެ ރައީސް ކަމާ ގުޅޭ ގޮތުން ގާސިމާ އެކު މަޝްވަރާކުރެެއްވި ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާއިރު، ގާސިމް މިރޭ ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ޕީޕީއެމުން އެއްވެސް މަޝްވަރާއެއް ކޮށްފައި ނެތް ކަމަށެވެ. މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލައްވާނެކަން އިއުލާން ކުރެއްވީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ދެންނެވުމަށް ފަހުގައި ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި އެކަން ރައީސް ޔާމީނަށާއި ޕީޕީއެމްގެ ނާއިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބަށާއި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށް ވެސް ދެންނެވި ކަމަށް ގާސިމް ވިދާޅުވި އެވެ. އޭގެތެރެއިން އެއްވެސް ބޭފުޅަކު އެކަމާ ގުޅޭ ގޮތުން އެއްޗެއް ވިދާޅުނުވާ ކަމަށާއި މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލައްވާނެ ކަން އިއުލާނު ކުރެއްވުމަށް ފަހު ވެސް އެ ޕާޓީން އެއްވެސް މަޝްްވަރާއެއް ނުކުރާ ކަމަށް ގާސިމް ވިދާޅުވި އެވެ. އޭގެ ބަދަލުގައި، އެ ކަމާ ގުޅޭ ގޮތުން މިހާތަނަށް ޕީޕީއެމް ފަރާތުން މައުމޫން ފޮނުއްވީ ދެ ސިޓީ ފުޅެއް ކަމަށް ގާސިމް ވިދާޅުވި އެވެ. އެ ސިޓީފުޅުތަކުގައި ވިދާޅުވެފައިވަނީ ޕީޕީއެމަކީ އެންމެ ގިނަ މެމްބަރުން ހިމެނޭ ޕާޓީ ކަމަށާއި އެ ޕާޓީން މަޖިލީހުގެ ރައީސް ކަމަށް ނެރޭ ބޭފުޅަކަށް ގާސިމް ތާއިދުކޮށް ދެއްވުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. މުލީއާގޭގައި ކުރިއަށްދާ ފަރިއްކޮޅުގައި އަދީބާއި އާ މަޖިލީހަށް ހޮވިފައިވާ ބައެއް މެމްބަރުން ގާސިމް ފަރިއްކޮޅެއް ދެއްވި އިރު، ޕީޕީއެމްގެ މަޖިލިސް މެމްބަރުންނަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ދެއްވާ ފަރިއްކޮޅެއް ވެސް މިރޭ މުލީއާގޭގައި ކުރިއަށް އެބަދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ