މައްސަލަ ހައްލުކުރަން ސަރުކާރާ އެކު މަޝްވަރާކުރަން ތައްޔާރު: ގާސިމް

ރިސޯޓް ތަރައްގީކުރަން ވިލާ ގްރޫޕާ ހަވާލުކޮށްފައިވާ ބައެއް ރަށްތައް އަތުލައި، އެ ރަށްތަކުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ދައްކަން ނޯޓިސް ފޮނުވާފައިވާ މައްސަލަ ހައްލުކުރަން ސަރުކާރާ އެކު ވާހަކަ ދައްކަން ބޭނުންވާ ކަމަށް، ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.ވީޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ ރަށްތައް އަތުލުމާއި 100 މިލިއަން ޑޮލަރު ހޯދަން އެންގުމަކީ އިންސާފުވެރި ފިޔަވަޅެއް ނޫން ކަމަށެވެ. އެކަމުގެ ސަބަބުން އެ ކުންފުންޏަށް މާލީ ގެއްލުން ވަމުންދާ ކަމަށާއި އެހެންވެ މައްސަލަ ހައްލުކުރަން ރައީސް އަބްދުﷲ ޔާމީނާ އެކު، އެ މަނިކުފާނު ވިދާޅުވި ތަނަކަށް ގޮސް، މަޝްވަރާ ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް އޭނާ ވިދާޅުވި އެވެ."އަޅުގަނޑު މިހުރީ ރައީސް ޔާމީނާ އެއް މޭޒު ދޮށަށް ގޮސްގެން މައްސަލަ ހައްލުކުރަން،" ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ވިދާޅުވި އެވެ. ވިލާ ގްރޫޕުން 100 މިލިއަން ޑޮލަރު ސަރުކާރަށް ދައްކަން ޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓްރީން ކަނޑައެޅީ، އެ ކުންފުންޏަށް ދީފައިވާ ބައެއް ރަށްރަށާއި ފަޅުތަކުގެ މަސައްކަތް ކުރިއަށް ނުދާތީ ކަމަށްވެ އެވެ. އެކަމަކު ސަރުކާރާ އެކު ވެފައިވާ ސެޓުލްމެންޓް އެއްބަސްވުންތަކުގެ ދަށުން ދޫކޮށްފައިވާ ރަށްރަށާއި ފަޅުތައް ތަރައްގީކުރަން ދީފައިވާ މުއްދަތުގައި އެތައް އަހަރެއް އޮތް ކަމަށް ގާސިމް ވިދާޅުވި އެވެ.އެ ފައިސާ ހޯދަން އެންގީ، އެ ތަންތަން ކުއްޔަށް ދިނުމަށް އެންމެ ފުރަތަމަ އެކުލަވާލި އެއްބަސްވުމުގެ ބަދަލުގައި، ފަހުން އެކުލަވާލި ސެޓްލްމެންޓް އެގްރީމެންޓް ބާތިލުކުރުމަށް ފަހު އެވެ. ސެޓްލްމެންޓް އެގްރީމެންޓްގެ ދަށުން ރަށްތައް ތަރައްގީކުރަން ދީފައިވާ މުއްދަތު ހަމަނުވަނީސް، ފެބްރުއަރީ 5، 2015 ގައި، އެ އެއްބަސްވުން ސަރުކާރުން ބާތިލްކުރީ ގާސިމްގެ "ހެޔޮ ނިޔަތް" ނެތް ކަމަށް ބުނެފަ އެވެ.ވިލާ އަށް ދޫކުރި ރަށްތައް ތަރައްގީކުރަން ސެޓްލްމެންޓް އެގްރީމެންޓް ހެދީ، ލ. ކައްދޫ ސިޓީ ހޮޓަލުގެ މަޝްރޫއުގެ ގެއްލުމުގެ ބަދަލުގެ ގޮތުގައި 9.7 މިލިއަން ޑޮލަރު (145 މިލިއަން ރުފިޔާ)، ވިލާ އަށް ދައްކަން ސަރުކާރުގެ މައްޗަށް ހުކުމްކުރުމުންނެވެ. ގާސިމްގެ "ހެޔޮ ނިޔަތް" ނެތް ކަމަށް މިނިސްޓަރު އަހްމަދު އަދީބު
ވިދާޅުވެފައިވަނީ، އެއިމްސް އިން ވިލާ އަށް ދޫކުރި ރަށްތަކުގެ ބަދަލުގެ
ގޮތުގައި 127 މިލިއަން ޑޮލަރު ހޯދަން ވިލާ އިން ކޯޓަށް ހުށަހެޅުމުންނެވެ.  ގާސިމް ވިދާޅުވީ އެއީ ސަރުކާރަށް ވިލާ އާއި ވިލާއާ ގުޅިފައިވާ ބައެއް ކުންފުނިތަކުން އެކި ރަށްރަށަށް ދެއްކި 17 ވަރަކަށް މިލިއަން ޑޮލަރުގެ ބަދަލު ނުލިބި އެތައް އަހަރެއް ވުމުން، ކުރިމަތިވި ގެއްލުންތަކުގެ ބަދަލުގެ ގޮތުގައި ހޯދަން އުޅުނު ފައިސާ އެވެ.އެއިމްސް
އަކީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ސަރުކާރުގެ ބައެއް
ކުންފުނިތަކާ ގުޅިގެން ރިސޯޓްތައް ތަރައްގީކުރަން އުފެއްދި ކުންފުންޏެކެވެ.
އެ ކުންފުންޏަށް ސަރުކާރުން ދިން ރަށްތައް އަމިއްލަ އިންވެސްޓަރުންނާ
ހަވާލުކުރި އެވެ. އެގޮތުން ވިލާ އިން ވެސް ބައެއް ރަށްތައް ނެގި އެވެ.މިހާރު ދިމާވެފައިވާ މައްސަލަތަކުގެ ސަބަބުން، ވިލާ ގްރޫޕަށް ޔޫރަޕްގެ ބޭންކަކުން ލިބެން އޮތް 60 މިލިއަން ޑޮލަރުގެ ލޯނަކާއި 20 މިލިއަން ޑޮލަރުގެ ލޯނެއް ކެންސަލްވެފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ. ވިލާއާ މެދު އަޅަމުންދާ ފިޔަވަޅުތަކަކީ، ގާސިމް ވިދާޅުވި ގޮތުގައި، ހަމައެކަނި އޭނާ އަށް އެކަނި ލިބޭ އަނިޔާއެއް ނޫނެވެ. އެކަމުގެ ސަބަބުން އޭނާގެ 5،000 އަށް ވުރެ ގިނަ މުވައްޒަފުންގެ އާއިލާ އަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ވިދާޅުވި އެވެ. ސުލުހަވެރިކަމާ އެކު މައްސަލަ ހައްލުކުރަން ބޭނުންވާ އެއް ސަބަބަކީ އެއީ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ ކުރީގެ ސަރުކާރުތަކުން ވެސް ވިލާ ގްރޫޕަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި އެބަހުރި ކަމަށާއި ނަމަވެސް ގާސިމް ވިދާޅުވީ "އަބަދުވެސް ހައްގަށް ނަސްރު ލިބޭނެ" ކަމަށެވެ. ސަރުކާރަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ސަރުކާރަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ބަރާބަރަށް ދައްކަމުން އަންނަ ކަމަށާއި ވިލާގެ ރަށްތަކާއި ބިންތަކުގެ ކުއްޔާއި ޓެކުހުގެ ގޮތުގައި މިދިޔަ އަހަރު ވެސް ސަރުކާރަށް 45 މިލިއަން ޑޮލަރު ދައްކާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ކުންފުނިން ފައިސާ ނުދައްކާ ހުރި ކަމަށް ޓޫރިޒަމް މިނިސްޓަރު އަދީބު މުޅިން ވެސް ދައްކަވަނީ، ގާސިމް ވިދާޅުވި ގޮތުގައި، ސިޔާސީ ވާހަކަތަކެވެ. އަދި "އެއީ ހަގީގީ ވާހަކަތަކެއް ނޫން" ކަމަށް އޭނާ ވިދާޅުވި އެވެ. އެއިމްސް އިން ވިލާ އަށް ދޫކުރި ރަށްތަކުގެ ބަދަލުގެ
ގޮތުގައި 127 މިލިއަން ޑޮލަރު ހޯދަން ގާސިމް ދައުވާ ކޮށްފައިވާ އިރު، އެގޮތަށް އެ ފައިސާ ނުލިބޭނެ ކަމަށް އަދީބު، ޕީޕީއެމްގެ ޖަލްސާއެއްގައި ވިދާޅުވެފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި އެއީ ޝަރުއީ ނިޒާމަށް އޭނާ ނުފޫޒު ފޯރުވަމުންދާ ކަމަށް އަމިއްލަ އަށް އެއްބަސްވުން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އެކަމަކު އޭނާ ވިދާޅުވީ އެއްވެސް މީހެއް ދެކެ އޭނާ ރުޅިނާންނަ ކަމަށާއި ރައީސް ޔާމީން ބޭނުންފުޅުވާ ތަނަކުން ބައްދަލުކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ