މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ނަތީޖާ އަށް ފަހު ރާއްޖޭގައި ލޭ އޮހޮރުވުންތަކާ އެކު ދާހިލީ ހަމަނުޖެހުމެއް ފެށިދާނެ ކަމުގެ ބިރުއެބައޮތް ކަމަށާއި އެކަން އެހެން ވިޔަނުދިނުމަށް އޮތް ހަމައެކަނި ގޮތަކީ އެމްޑީޕީ އާއި ޕީޕީއެމް ސުލްހަވެ، އެއްބައިވުން ކަމުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ނައިބު ލީޑަރު، ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ފެށުމުގެ ގޮތުން ރޭ ކާނިވަލުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ އެމްޑީޕީ ފިޔަވައި ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަކީ ޕީޕީއެމް ކަމަށާއި ރިޔާސީ އިންތިހާބުގައި ވާދަކުރާނީ ވެސް އެ ދެ ޕާޓީ ކަމަށެވެ. އެހެންކަމުން އެ ދެ ޕާޓީ ވެސް އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމްކޮށް، މިނިވަން ސިޔާސީ ވާދަވެރި އިންތިހާބެއްގައި ވާދަކުރުމަށް އޭނާ ގޮވާލެއްވި އެވެ. އަލީ ވަހީދު ވިދާޅުވި ގޮތުގައި ރާއްޖެ ހަމަ މަގަށް އެޅޭނީ ސިޔާސީ ވެރިން ވާހަކަ ދައްކައިގެންނެވެ.
"އަޅުގަނޑު މިރޭ ޕީޕީއެމަށް ދަންނަވާނީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރާނީ ޕީޕީއެމާއި އެމްޑީޕީ ކަމާއި ބަޣާވާތް ކޮށްގެން ވެރިކަމުގައި އެހެރީ މުހައްމަދު ވަހީދުކަން. އަޅުގަނޑުމެން ރިޔާސީ އިންތިހާބަށް ނިކުންނަ ކަމަށް ވަންޏާ އެބަޖެހޭ ޗީފް އޮފް ޑިފެންސް ފޯސް ރިޓަޔަޑް މޫސާ ޖަލީލު ފަދަ ބޭފުޅުން ދައްކަވާފައި ހުރި ވާހަކަތައް ބަލައި ކޮންމެވެސް އެއްގޮތަކަށް އެއްބަސްވާން،" އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި ޖަލްސާގައި އޭނާ ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވި ގޮތުގައި އަންނަ މާޗު މަހު ރައްޔިތުންގެ މަޖިލިސް ފެށޭއިރު އަދި ރިޔާސީ އިންތިހާބަށް ދާއިރު އެއްބަސްވުމެއް ނެތިއްޔާ، ސިޔާސީ ވެރިންނާއި ފަނޑިޔާރުންނާއި މަޖިލީހު މެމްބަރުންނާއި ފުލުހުންނާއި ސިފައިން ކަންބޮޑުވާނީ އެންމެ ކަމަކަށެވެ. އެއީ ރާއްޖޭގައި ދާހިލީ ހަމަނުޖެހުމެއް އުފެދި ލޭ އޮހޮރުމެއް ފެށިދާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު، ގައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މުގައްރަރުކަން ކޮށްފައިވާ އަދި ޓޫފޯވަން ކޮމެޓީ އާއި ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ ކޮމެޓީގައި ހުރި މީހެއްގެ ހައިސިއްޔަތުން މި ދަންނަވަނީ މި ރާއްޖޭގައި ލޭއޮހޮރުވުމާއި ދާހިލީ ހަނގުރާމަ ވަރަށް އަވަހަށް ފެށޭނެ. މިއީ ޔަގީންކަމެއް. ރިޔާސީ އިންތިހާބުގެ ނަތީޖާ އަށް ފަހު ފެށޭނެ. އެކަން ނުފެށޭނެ އޮތް ހަމައެކަނި ގޮތަކީ ކުޅެން އަރާއިރު ކުޅޭނެ ގަވައިދުތަކާއި ކުޅޭނެ ދަނޑާއި ކުޅޭނެ ވަގުތު އަޅުގަނޑުމެންނާ ޕީޕީއެމުން އެއްބަސްވުން،" އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ނޫންގޮތަކަށް މި ގައުމަކަށް ސަލާމަތެއް ނެތް ކަމަށާއި މިއީ ކަންބޮޑުވާން ޖެހޭ ސީރިއަސް މައްސަލައެއް ކަމަށެވެ. އެހެންވެ، މިކަމަށް ސިޔާސީ ހައްލެއް ހޯދުމަށް މަޝްވަރާ ކުރުމަށް އޭނާ ތަކުރާރުކޮށް ގޮވާލެއްވި އެވެ.
އަލީ ވަހީދު ވިދާޅުވީ ސިޔާސީ މަޝްވަރާތަކުގައި އެ ބަޔަކު ބޭނުންވާ ޖާގަ އެ ބަޔަކަށް ލިބޭނެ ކަމަށް އެއްގޮތަކަށް ވެސް ހީކޮށްގެން ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީގެ މެމްބަރުން ބޭނުން ވަނީ މިރޭ ވެސް ގޮސް ވެރިކަން ބަދަލުކުރަން ނަމަވެސް އެކަން އެގޮތަށް ކުރުމެކޭ ހަތެއް ފެބުރުއަރީއެކޭ އެއްގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
މަޝްވަރާ އާއި ސުލްހައިގެ ވާހަކަތަކަށް ޕީޕީއެމަށް އަލީ ވަހީދު ގޮވާލެއްވި ނަމަވެސް، "ބަޣާވާތު"ގެ ހަރަކާތުގެ އެންމެ ބޮޑު ހިއްސާދާރަކީ ޕީޕީއެމާއި އެ ޕާޓީގެ ލީޑަރު މައުމޫން އަބްދުލްގައްޔޫމު ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އަބަދު އެފަދަ ހަރަކާތްތައް ނުހިންގޭނެ ކަމަށާއި ކުޅިވަރު ނުކުޅެ ރަނގަޅު ހައްލަކަށް ދާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގައި ރައީސްކަން ކުރައްވާފައިވާ ނުވަތަ އެންމެ ޕޮޕިއުލާ ފިގަރުންނަކީ މައުމޫނާއި ނަޝީދު. މިއީ ދެބަސްވުމެއް ނެތް ހަގީގަތެއް. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކުރިން މިއިން އެއްވެސް ބޭފުޅަކު ގުޑުވާލައިފި ނަމަ އަޅުގަނޑުމެން ގުޑާނެ. އެހެންވެ، މުހައްމަދު ވަހީދު ހަސަންމަނިކަށް އަޅުގަނޑު ދަންނަވަން ކޮންމެވެސް ގޮތެއް ހޯއްދަވާށޭ. އެއްގޮތަކީ ގޯސްކޮށް ހިނގާފައި އޮތްކަމެއް ވީމާ ވެރިކަން ދޫކޮށްލާފައި ދިޔުން. އަނެއް ގޮތަކީ މޭޒު ކައިރީގައި އިށީނދެ ތިބެ ވާހަކަ ދެއްކުން،" އަލީ ވަހީދު ވިދާޅުވި އެވެ.
ދާހިލީ ހަމަނުޖެހުމެއް އުފެދުނު ނުދިނުމަށް އެމްޑީޕީއާ ޕީޕީއެމް އެއްބައިވާން ޖެހޭ: އަލީ ވަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ