މަޝްވަރާތަކުގައި މައުމޫން ބައިވެރިނުވުމަކީ ދެރަ ކަމެއް: އިމްތިޔާޒު

ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ބައިވެރިވެވަޑައިނުގަތުމަކީ "ވަރަށް ދެރަކަމެއް" ކަމަށް އެމްޑީޕީގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް ނަޝީދާ އެކު އެއް ތަނެއްގައި މަޝްވަރާކުރައްވަން ބޭނުންފުޅު ނުވާ މައުމޫން ރޭ އައްޑޫ ސިޓީގެ ހިތަދޫގައި ވިދާޅުވި ވާހަކަފުޅަށް ރައްދު ދެއްވުމުގެ ގޮތުން އިމްތިޔާޒު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކަކީ ގައުމުގެ މަސްލަހަތާ ގުޅިފައިވާ ކަމަކަށް ވާއިރު، އެކަމުގައި މައުމޫން ބައިވެރިވެވަޑައިނުގަތުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.
"މި ގައުމުގެ މަސްލަހަތާ ނުހަނު ބޮޑަށް ގުޅިފައިވާ ކަންކަމުގައި އަބަދުމެ ހުއްޖަތް ދައްކަވައި، ބޮޑާ ހާކުވައި، ތުން ފިއްތަވައިގެން ވާހަކަ ނުދައްކަވާނެ ކަމަށް ވިދާޅުވެ އިންނެވުމަކީ މި ގައުމަށް ރަނގަޅު ގޮތަކަށް ނުވާނެ،" އިމްތިޔާޒު ވިދާޅުވި އެވެ.
"އެމްޑީޕީން މި އޮތީ ވާހަކަ ދެއްކުމަށާއި އޯލް ޕާޓީ ޓޯކްސް އައިގެން ކުރިއަށް ދިއުމަށް ތައްޔާރަށް."
މައުމޫން ވިދާޅުވީ ނަޝީދާ އެކު މަޝްވަރާކުރައްވަން ބޭނުންފުޅުނުވާ މައިގަނޑު ސަބަބަކީ ރާއްޖެ އާއި ބޭރު ދުނިޔޭގައި އެމަނިކުފާނާ ބެހޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަފުޅު ދެއްކެވުމާއި އަދި "ބަޣާވާތަކުން" ވެރިކަން ބަދަލުކުރީ މައުމޫން އަޑީގައި ހުންނަވައިގެން ކަމަށް ވިދާޅުވަމުން ގެންދަވާތީ ކަމަށެވެ.
މައުމޫން މިހެން ވިދާޅުވިއިރު މިދިޔަ ބުރާސްފަތި ދުވަހު އެމްޑީޕީން ބުނެފައިވަނީ މައުމޫން ބަޣާވާތުގައި ބައިވެރިވި ކަމަށް އެ ޕާޓީން ބުނާ ވާހަކަ، މަޝްވަރާތައް ކުރިއަށް ގެންދިއުމަށްޓަކައި، އަނބުރާ ގެންދަން ތައްޔާރު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ