އަޅުގަނޑު އުޅޭނީ ހުރިހާ ލިސްޓެއްގެ އެންމެ ކުރީގައި: ގާސިމް
މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެހެން ކެންޑިޑޭޓުންނަށް ވުރެ ހުރިހާ ލިސްޓެއްގެ ވެސް ކުރީގައި އުޅޭނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް އޭނާ މިރޭ ވިދާޅުވެއްޖެ އެވެ. ގދ. ފިޔޯރީގައި މިރޭ ބޭއްވި ޖަލްސާގައި، އެ ލިސްޓުތައް ވިދާޅުވަމުން ގާސިމް ވިދާޅުވީ އޭގެ ތެރޭގައި، ރާއްޖޭގެ ކުރިމަގަށް ޓަކައި ތަފާތު ދާއިރާތަކުން މަސައްކަތް ކޮށްދީފައިވާ މީހުންގެ ލިސްޓާއި އިހްލާސްތެރިކަމާއި އިހްސާންތެރިކަމުގެ ލިސްޓު ވެސް ހިމެނޭ ކަމަށެވެ. އެ ޖަލްސާގައި ގާސިމް ވިދާޅުވީ އޭނާ ގައުމަށް ކޮށްދެއްވާފައިވާ ހިދުމަތްތަކަށް ބަލައި، ސެޕްޓެމްބަރު 7 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ރައްޔިތުން ވޯޓު ދެއްވައި، ރައީސް ކަމަށް އޭނާ ހޮއްވަވާނެ ކަމަށް ޝައްކުނުކުރައްވާ ކަމަށެވެ.ރިޔާސީ އިންތިހާބާއި ކުރިއަށް އޮތް އެހެން އިންތިހާބުތަކުގައި ވެސް ވޯޓް ދޭއިރު ބަލަންޖެހޭނީ ކެންޑިޑޭޓުންގެ މާޒީ އަށް ކަމަށް ގާސިމް ވިދާޅުވި އެވެ. އެ ކެންޑިޑޭޓަކު މާޒީގައި ކުރައްވާފައިވާ ކަންކަމާއި މާޒީގެ އަމަލުތަކަށް ބަލަންޖެހޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އެގޮތުން ރާއްޖެ އަށް ލިބިފައިވާ މިނިވަންކަން ވެސް ނުބައި ގޮތުގައި ބޭނުންކޮށް އަދި ދައުލަތުގެ މުދާ ވިއްކަމުންދާ ނަމަ އެކަމުގެ ގެއްލުން ދައުލަތަށާއި ރައްޔިތުންނަށް ލިބޭނެ ކަމަށާއި އެފަދަ ކެންޑިޑޭޓަކަށް ތާއިދުކުރުމާ މެދު ވިސްނަންޖެހޭ ކަމަށް ގާސިމް ވިދާޅުވި އެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ފެންނަމުންދަނީ ގައުމުގެ ހަރުމުދާ ވިއްކާލަން މަސައްކަތް ކުރެއްވުން ކަމަށާއި މިހާރު ވެސް މަސައްކަތް ކުރައްވަނީ މަޖިލިސް މެދުވެރިކޮށް އެއާޕޯޓް ޖީއެމްއާރާ އަލުން ހަވާލުކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. "މިއީ ވަރަށް ވިޔާނުދާ، ދެރަވަރުގެ ކަންކަން،" އޭނާ ވިދާޅުވި އެވެ. ރާއްޖޭގެ އިގްތިސާދު ވެސް ދިރުވަންޖެހޭ ކަމަށާއި އިޖުތިމާއީ ދާއިރާ އަށް ވެސް ބަދަލުތައް ގެންނަންޖެހޭ ކަމަށް ގާސިމް ވިދާޅުވި އެވެ. އެގޮތުން ރަށްރަށުގެ ސްކޫލްތަކުގައި ގްރޭޑް 11 އަދި 12 ގެ ދަރިވަރުންނަށް ސައިންސް ސްޓްރީމް ތައާރަފުކޮށް، ސިއްހީ މަރުކަޒުތަކުގައި މެދުފަންތީގެ ލެބޯޓްރީއެއް ގާއިމުކޮށް އާސަންދައިގެ ހިދުމަތް މާލެއެކޭ އެއްގޮތަށް ރަށްރަށުން ވެސް ލިބެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ސަރުކާރުގެ ތެރެއިން ދައުރުވާ ކޮރަޕްޝަންގެ ފައިސާ ހުއްޓުވައިގެން އެކަނި ވެސް ރައްޔިތުން ބޭނުންވެފައިވާ އެފަދަ ކަންކަން ކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ