ޖިނާއީ ތުހުމަތުތަކެއް ކުރެވިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މައްސަލަ ބަލަމުންދާ ފަޅުރަށްތަކުގެ މަސައްކަތްތައް ވަގުތީ ގޮތުން މަޑުޖައްސާލަން ކްރިމިނަލް ކޯޓުން ރޭ އަމުރުކޮށްފި އެވެ.
އެގޮތަށް ކޯޓުން އަމުރުކުރީ ދިގު މުއްދަތަށް ފަޅުރަށްތައް ދޫކުރުމާ ގުޅޭ ގޮތުން ސީރިއަސް މައްސަލަތަކެއް އޭސީސީން ބަލަމުންދާތީ އެވެ. އަދި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބައެއް ކަންތައްތައް ހިނގާފައިވާ ކަމަށް ބެލެވޭތީ އެފަދަ އަމުރެއް ނެރެދޭން ޕްރޮސެކިއުޓާ ޖެނެރަލް މެދުވެރިކޮށް، ކްރިމިނަލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން އެ އަމުރު ނެރުނީ އިއްޔެ ހައެއް ޖެހިއިރު އެވެ.
އެ އަމުރުގައި ވަނީ ދިގު މުއްދަތަށް ދޫކުރާ ފަޅުރަށްތަކުގެ ތެރެއިން އޭސީސީން ބަލަމުންދާ މައްސަލަތަކާ ގުޅުން ހުރި ހުރިހާ ރަށެއްގެ މަސައްކަތް "ވަގުތުން" ހުއްޓާލަން މިނިސްޓްރީން އޮފް ފިޝަރީޒް އެގްރިކަލްޗާގެ މައްޗަށް އަމުރުކުރާ ކަމަށެވެ.
ކޯޓުން އެގޮތަށް އަމުރު ނެރުނުއިރު ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެއްވެސް ރަށެއް ދޫނުކުރުމަށް އޭސީސީން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ފިޝަރީޒް މިނިސްޓްރީ އަށް އަންގައިފަ އެވެ. އޭސީސީގެ ބަޔާނެއްގައި ވަނީ ރަށްތަކަށް ޕްރޮޕޯސަލް ހުށަހަޅަން އެކަށީގެންވާ މުއްދަތު ދީފައިނުވުމާއި ފިޝަރީޒް މިނިސްޓްރީގެ އިސް ވެރިންނާއި ރަށްތަކަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކާ ދެމެދު ރިޝްވަތުގެ އަމަލުތައް ހިންގާކަމުގެ ޝަކުވާތައް ވެސް އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ތެރޭގައި ކޮށްފައިވާ ހުކުމެއްގައިވާ ގޮތުން އޭސީސީން ބަލަމުންދާ ޖިނާއީ މައްސަލައަކާ ގުޅޭ ގޮތުން އޭސީސީ އަށް އަމިއްލަ އަށް ކޯޓު އަމުރު ނުހޯދޭނެ އެވެ. އެފަދަ އަމުރެއް ހޯދަން ޖެހޭނީ ޕްރޮސެކިއުޓާ ޖެނެރަލް މެދުވެރިކޮށް ކަމަށް އެ ހުކުމުގައިވެ އެވެ.
ޚިޔާނާތުގެ މައްސަލަތަކެއް ބަލާތީ ބައެއް ފަޅުރަށްތައް ދިނުން މަޑުޖައްސާލަން ކްރިމިނަލް ކޯޓުން އަމުރު ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ