ޖާބިރުއަތުން ފައިސާ ނެގިކަމަށް ބުނެ ދައްކަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް: ގާސިމް

އެންމެފަހުން ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބަށް، އަބްދުﷲ ޖާބިރު ގާސިމް އިބްރާހިމްއަށް ފައިސާތަކެއް ދެއްވި ކަމަށްބުނެ ދައްކާ ވާހަކަތައް ގާސިމް އިބްރާހިމް ދޮގުކުރައްވައިފިއެވެ.
ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާނު އަލީ ސޯލިހް މެދުވެރިކޮށް ގާސިމް އިބްރާހިމް ވިދާޅުވީ، ހ. ތިމާވެށި އަބްދުﷲ ޖާބިރު ކޮމިޝަނަރ އޮފް ޕޮލިސް މުހަންމަދު ހަމީދުއަށް ފޮނުވި ސިޓީއެއްގެ ވާހަކަ މީޑިއާއިން ފެނިވަޑައިގަންނަވާ ކަމަށާއި، އެ ސިޓީގައި، މިދިޔަ ރިޔާސީ އިންތިޚާބަށް ޖާބިރު، ގާސިމް އިބްރާހިމްއަށް ފައިސާތަކެއް ދިން ކަމަށް ބުނާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.
އަލީ ސޯލިހްވަނީ، މިފަދަ ބުހުތާނު ދޮގު ވާހަކަ ދެއްކުން ވަގުތުން ވަގުތަށް ހުއްޓާލައި ތައުބާވުމަށް އަބްދުﷲ ޖާބިރުއަށް ގޮވާލައްވާފައެވެ.
އިންސާނުގެ ކަރާމާތަށް އަރައިގަތުމަށް ޖާބިރު ކުރައްވާ މިފަދަ ނާތަހުޒީބު އަމަލުތައް މިހާރު މިގައުމުގައި ބޮޑު ޖޯކަކަށް ވެފައިވާކަން ފާހަގަ ކުރެވޭ ކަމަށްވެސް އަލީ ސާލިހް، މީޑިއާއަށް އާންމު ކުރެއްވި މެސެޖްގައި ވިދާޅުވިއެވެ.
ޖާބިރުގެ އަމަލުތައް ފަހަކަށްއައިސް ހުރިގޮތުންނާއި، މީސްމީހުންގެ މުދަލަށް ގެއްލުންދިނުމާއި، އަދި ބޭއަދަބީ ބަސްތައް ބޭނުންކޮށް، އާންމު ތަންތާ އުޅޭ އުޅުމަށް ނަޒަރު ހިންގައި، ޖާބިރުގެ ހޭބުއްދި ސަލާމަތުން ހުރިތޯ، އޭނާއާ ގުޅޭ ފަރާތްތަކުން ބެލުމަށްވެސް އަލީ ސޯލިހް ވަނީ ގޮވާލައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ކަމުގައި ހުންނެވި އަބްދުﷲ ޖާބިރު ދާދިފަހުން މަޖިލިސް އިދާރާގެ ގޭޓު ކުރިމަތީގައި އޮށޯވެ އޮންނެވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް އޭނާ ވަނަނުދިން ކަމަށް ވިދާޅުވެއެވެ.
އޭގެފަހުން ފެނިގެންދިޔައީ، ކުރީގެ ރައީސް މައުމޫނުގެ އަމިއްލަފުޅު ގޯތި، ކިނބިގަސްދޮށުގޭ ދޮރާށި މަތީގައި އޮތް ވެޔޮގަނޑަކަށް ދަމައި ގެއްލުންތަކެއް ދިންތަނެވެ. އެއީ، މައުމޫން އޭނާގެ އަތުން ނެންނެވި ކަމަށް ބުނާ ފައިސާތަކެއް ނުދީގެންނެވެ. ނަމަވެސް، މައުމޫނާއި، މައުމޫނުގެ އާއިލާއިން މި ވާހަކަތައް ދޮގުކުރެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ އުޅުއްވުން މިގޮތަށް ހުރުމުން ސޯޝަލް މީޑިއާގައި އެތައް ބައެއްގެ ފާޑުކިއުން ޖާބިރަށް އަމާޒުވެގެން ގޮސްފައި ވެއެވެ. މަޖިލީހުގެ މެމްބަރަކު މިޒާތަށް އުޅުއްވާއިރު މަޖިލީހުންވެސް އަދި ކަމާބެހޭ އިދާރާއަކުންވެސް އެއްވެސް ފިޔަވަޅެއް ނާޅާ މައްސަލާގައި ސޯޝަލް މީޑިއާގައި ގިނަބަޔަކު ސުވާލު ކުރަމުން ގެންދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ