ހުރިހާ ރަށެއްގެ ކަރަންޓުގެ 50 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ހަދާނަން – ރައީސް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ޕީޕީއެމްގެ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ކާމިޔާބުވެ ދެވަނަ ދައުރެއްގެ ފުރުސަތު ރައްޔިތުން ދެއްވައިފިނަމަ، ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގެ 50 އިންސައްތަ ކަރަންޓަކީ އިއާދަކުރަނިވި ހަކަރަތައަށް ބަދަލުކުރައްވާނެކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ އައްޑޫ ސިޓީގެ ހިތަދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާއަކީ ހިތަދޫގައި މި ސަރުކާރުން ނިންމަވާފައިވާ ބައެއް މުހިންމު މަޝްރޫއުތަކެއް ނިންމުން ފާހަގަ ކުރަން ބޭއްވި ޖަލްސާއެކެވެ.
"އަޅުގަނޑުމެން އުއްމީދުކުރަނީ އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ދެން އަންނަ ފަސް އަހަރެއްގައި އަޅުގަނޑުމެންނަށް ރައްޔިތުން މި ފުރުޞަތު ދެއްވައިފިނަމަ ރާއްޖޭގެ މީހުން ދިރިއުޅޭ ހަމަ ކޮންމެ ރަށެއްގައި އެރަށަކަށް ބޭނުންވާ ހަކަތަ އުފެއްދުމުގެ 50 އިންސައްތަ އަކީ އިއާދަކުރަނިވި ހަކަތަ (މައިގަނޑު ގޮތެއްގައި އިރުގެ ހަކަތައިން) ހަކަތަ އުފެއްދުމުގެ ފުރުޞަތު ހުރިހާ ރަށަކަށް ފަހިވެގެން ދިއުން." ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވި ޖަލްސާއަކީ އައްޑޫގެ ހަކަތައިގެ 30 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރި މަޝްރޫއުގެ ނިމުންވެސް ފާހަގަކުރެއްވި ރަސްމިއްޔާތެކެވެ. ރާއްޖޭގެ ހުރިހާ ރަށެއްގެ ކަރަންޓުގެ 50 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަކުރަން ރައީސް ވިދާޅުވިއިރު، ރާއްޖޭގެ ހުރިހާ ރަށެއްގެ ކަރަންޓުގެ 30 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ މަޝްރޫއު މިހާރުވެސް ރާއްޖޭގެ ކަންކޮޅުތަކުގައި ކުރިއަށް އެބަދެއެވެ.
30 އިންސައްތަ ސޯލާ އެނަރޖީ (އަވިން އުފައްދާ ހަކަތަ) އަށް ބަދަލުކުރުމަށް މިހާރު ހިންގަމުންދާ މަޝްރޫއު، "ޕޮއިސްޑް ޕްރޮޖެކްޓް" ގެ ދަށުން ސޯލާ ޕެނަލް ހަރުކުރުމާއި، އެކަށީގެންނުވާ ކަރަންޓު ވިއުގަތައް ބަދަލުކުރުމާއި، ޖަނަރޭޓަރ ކެޕޭސިޓީ ނެތް ރަށްތަކަށް ޖަނަރޭޓަރ ސެޓް ބަދަލުކުރުމުގެ މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވެއެވެ.
"އަޅުގަނޑުމެންގެ ސަރުކާރުގައި ކުރަމުންއައި މަސައްކަތަކީ މިކަހަލަ އާބާދީ ބޮޑު ކޮންމެ ރަށަކީ ހެބިޓަބަލް، ލިވެބަލް ސިޓީއަކަށް ހަދަން ކުރާ މަސައްކަތް." އައްޑޫ ހިތަދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވިއެވެ.
ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ރާއްޖޭގެ ހުރިހާ ރަށަކީ 24 ގަޑިއިރު ކަރަންޓު ޔަޤީން ކުރެވިފައިވާ ޤައުމަކަށް ހެދުމަށްޓަކައި މި ސަރުކާރުން ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ރަށްރަށުގައި އަޅާފައިވާ ކަރަންޓް ވިއުގަތައް މަރާމާތު ކުރުމާއި، އެކަށީގެންވާ މިންވަރަށް ޖަނަރޭޓަރ ސެޓްތައް ފޯރުކޮށްދިނުމުގައި މި ސަރުކާރުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވާފައެވެ.
އިއާދަކުރަނި ހަކަތައިގެ ބޮޑު އަމާޒެއް ރައީސް އިއުލާންކުރެއްވިއިރު، ތިމާވެށީގެ ކަންކަމުގައި އަބަދުވެސް ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަ ދިވެހިރާއްޖެއިން ހަކަތަ އުފެއްދުމުގެ ދާއިރާ ތިމާވެއްޓާ ރަށްޓެހި ކުރުމަށް ބުރަ މަސައްކަތްތަކެއް ކުރާކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ