ޕްލެޓިނީގެ ހުކުމަށް ސްވިޒަލޭންޑްގެ ސުޕްރީމް ކޯޓުން ވެސް ތާއީދުކޮށްފި

ކޮރަޕްޝަންގެ މައްސަލައެއްގައި ޔޫއެފާގެ ކުރީގެ ރައީސް މިޝޭލް ޕްލެޓިނީ ހަތަރު އަހަރަށް ސަސްޕެންޑުކުރުމަށް ކޮށްފައިވާ ހުކުމަށް ސްވިޒަލޭންޑްގެ ސުޕްރީމް ކޯޓުން ވެސް ތާއީދުކޮށްފި އެވެ.
ޕްލެޓނީގެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން އެ މައްސަލަ ބަލައި ސްވިސް ފެޑެރަލް ޓްރައިބިއުނަލުން ބުނީ، ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސްއިން ޕްލެޓީނީގެ މައްޗަށް އެކަށީގެން ނުވާވަރުގެ ހުކުމެއް އިއްވާފައި ނުވާ ކަމަށެވެ.
ކޯޓް އޮފް އާބިޓްރޭޝަން އޮފް ސްޕޯޓްސްގައި ޕްލެޓިނީ އިސްތިއުނާފް ކުރީ ފުޓްބޯޅައާ ގުޅުން ހުރި ހުރިހާ ހަރަކާތްތަކުން ހަ އަހަރުގެ މުއްދަތަކަށް އޭނާ ސަސްޕެންޑް ކުރި މައްސަލަ އެވެ. މި މައްސަލައަށް ހުކުމް އިއްވަމުން ކޯޓް އޮފް އާބިޓްރޭޝަން އޮފް ސްޕޯޓްސްއިން ބުނީ ޕްލެޓިނީ އަށް ދީފައިވަނީ ހައްގު އަދަބެއް ކަމަށާއި އެ މައްސަލައިގެ ސަބަބުން ފީފާގެ ނަމަށް ކުރިމަތިވި ގެއްލުމުގެ އަދަބު ލިބެން ޖެހޭނެ ކަމަށެވެ.
ޕްލެޓިނީއާއި ދެކޮޅަށް މި މައްސަލަ ނިންމި ނަމަވެސް އޭނާއަށް ދީފައިވާ އަދަބު ސީއޭއެސް އިން ވަނީ ކުޑަކޮށްފައެވެ. އެގޮތުން ފުޓްބޯޅައިގެ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެވޭނެ ކަމަށް ނިންމައި އޭނާ އަށް ދިން އަދަބު 6 އަހަރުން 4 އަހަރަށް ކުޑަ ކޮށްދިންއިރު، އޭނާ ދައްކަން ޖެހޭ ޖޫރިމަނާގެ އަދަދުވެސް ވަނީ 70،000 ޔޫރޯ އިން 55،000 ޔޫރޯ އަށް ކުޑަކޮށްދީފައެެވެ.
އެހެން ނަމަވެސް، 2011 ވަނަ އަހަރު ބްލެޓާ އާއި ޕްލެޓިނީ ކުރި ފައިސާގެ މުއާމަލާތް އޭރު ތަހުގީގް ނުކޮށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ތަހުގީގް ފެށުމުން ސީއޭއެސް އިން ވަނީ ފީފާ އަށްވެސް ފާޑުކިޔާފައެވެ.
ޕްލެޓިނީ ބުނީ އޭނާ އެއްވެސް ކުށެއް ނުކުރާ ކަމަށާއި މަގާމުން އިސްތިއުފާ ދޭން ނިންމީވެސް އެކަން ސާބިތުކުރުމަށް ކަމަށެވެ.
ޕްލެޓިނީ އަށް އެންމެ ފުރަތަމަ ދިނީ 8 އަހަރުގެ އަދަބެކެވެ. އެހެން ނަމަވެސް އިސްތިއުނާފީ ކޮމިޓީއަކުން ވަނީ އޭނާ އަށް ދިން އަދަބު 6 އަހަރަށް ލުއި ކޮށްދީފައެވެ. ކޮރަޕްޝަންގެ މައްސަލައެއްގައި ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ އާއި ޕްލެޓިނީ 8 އަހަރަށް ސަސްޕެންޑް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ