ކޮރަޕްޝަންގެ މައްސަލަތަކެއްގައި ނުވަ އަހަރާއި ބައިގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކުރި ނަމަވެސް އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވަން ގަސްތު ކުރައްވާކަމަށް ބްރެޒިލްގެ ކުރީގެ ރައީސް ލުއިޒް އިނާޝިއޯ ލޫލާ ޑަ ސިލްވާ ވިދާޅުވެއްޖެއެވެ.
ސައޮ ޕޯލޯގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ބްރެޒިލްގެ ކުރީގެ ރައީސް ވިދާޅުވީ، ކޯޓުގެ ހުކުމް އައިނަމަވެސް އޭނާ އަދިވެސް ހުންނެވީ ރިޔާސީ ރޭހުގައި ވާދަކުރެއްވުމަށް ނިންމަވައިގެން ކަމަށެވެ.
"އަޅުގަނޑު އަދިވެސް މިހުރީ ގޭމްގެ ތެރޭގައި" ލުއިޒް އިނާޝިއޯ ލޫލާ ޑަ ސިލްވާ ވިދާޅުވިއެވެ.
މިއީ، ކޮރަޕްޝަންގެ މައްސަލާގައި އޭނާގެ މައްޗަށް ބްރެޒިލްގެ އެންޓި ކޮރަޕްޝަންގެ ކޯޓަކުން މިދިޔަ ބުދަދުވަހު ހުކުމްކުރި ފަހުން ބްރެޒިލްގެ ރައްޔިތުންނާ މުޚާތަބު ކުރައްވައި އޭނާ ވާހަކަފުޅު ދެއްކެވި ފުރަތަމަ ފަހަރެވެ.
ނުވަ އަހަރާއި ބައިގެ މުއްދަތަށް ލުއިޒް އިނާޝިއޯ ލޫލާ ޑަ ސިލްވާ ޖަލަށްލުމަށް ކޯޓުގެ ފަނޑިޔާރު ސާޖިއޯ މޯރޯ ހުކުމް އިއްވިއިރު، އޭނާގެ މައްޗަށް ރިޝްވަތު ނެންގެވުމާއި، މަނީ-ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ހުކުމުގައި ވެއެވެ.
ނަމަވެސް ލުއިޒް އިނާޝިއޯ ލޫލާ ޑަ ސިލްވާ ވިދާޅުވީ، ކޯޓުންކުރި މިހުކުމަކީ 2018 ވަނަ އަހަރުގެ އޮކްޓޫބަރުމަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ކެންޑިޑޭޓަކަށް އޭނާ ވެވަޑައިގެންފާނެތީ އެކަމަށް ހުރަސްއެޅުމަށް ކުރި ހުކުމެއް ކަމަށެވެ.
އެންޓި ކޮރަޕްޝަން ކޯޓުގެ ފަނޑިޔާރުން އޭނާއާ ދެކޮޅަށް ރާވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެ ބްރެޒިލްގެ ކުރީގެ ރައީސްވަނީ ފަނޑިޔާރުން ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ. އަދި އެކަމަކީ ބްރެޒިލްގައި އޮތް ޑިމޮކްރަސީގެ އުސޫލުތައް ހަލާކުކޮށްލުމުގެ އަމަލުތަކެއް ކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.
"އެމީހުން އެ އުޅެނީކީ ލޫލާއަކީ ކުށްވެރިއެއް ކަމަށް ކަނޑައަޅާކަށްނޫން. އެއީ ބްރެޒިލްގެ އެތައް މިލިއަން ރައްޔިތުން އަޅުގަނޑަށް ތާއީދުކުރާތީ ހިންގާ ސިޔާސީ ޕްރޮޖެކްޓެއް" ނޫސް ކޮންފަރެންސްގައި ބްރެޒިލްގެ ކުރީގެ ރައީސް ވިދާޅުވިއެވެ.
ލޫލާ ވިދާޅުވީ، ނުވައަހަރާއި ބައިގެ މުއްދަތަށް އޭނާ ޖަލަށްލުމަށް ބުދަދުވަހު ކޯޓުން ހުކުމް ކުރީވެސް އޭނާއާ ދެކޮޅަށް އެއްވެސް ހެއްކެއް ނެތި ކަމަށެވެ.
ކޯޓުން ޖަލަށްލާން ހުކުމްކުރި ނަމަވެސް ލޫލާ ހުރީ މިނިވަންކޮށް ދޫކޮށްލާފައެވެ. އެއީ، ކޯޓުން އިއްވި ހުކުމް އިސްތިއުނާފް ކުރުމަށް އޭނާގެ ވަކީލުން ތައްޔާރުވަމުންދާތީއެވެ.
ލުއިޒް އިނާޝިއޯ ލޫލާ ޑަ ސިލްވާއާ ދެކޮޅަށް އިއްވި ހުކުމް ބާތިލްކުރުމުގެ ފުރުސަތު ލިބެނީ އިސްތިއުނާފީ މަތީ ކޯޓްތަކަށެވެ.
އެހެން ނަމަވެސް ބްރެޒިލްގެ ޝަރުއީ ނިޒާމުގެ ކަންކަން ކުރިއަށްދާލެއް ލަސްކަމުން އިސްތިއުނާފީ މައްސަލަވެސް ނުނިމި ދިގުލައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އޭނާއަށް ގެއްލުމުގެ ފުރުސަތު އެބައޮތް ކަމަށް މީޑިއާއިން ބުނެއެވެ.
އެހެންވެ، ލޫލާ މިއަދުގެ ޕްރެސް ކޮންފަރެންސްގައި އޭނާ ނިސްބަތްވެވަޑައި ގަންނަވާ ވޯރކާސް ޕާޓީއަށް ގޮވާލައްވާފައިވަނީ، ރިޔާސީ އިންތިޚާބަށް ޕާޓީން ނެރޭ ކެންޑިޑޭޓަކީ އޭނަކަމަށް ހެދުމަށް އެދިވަޑައި ގެންފައެވެ.
ކޮރަޕްޝަން މައްސަލާގައި ބްރެޒިލްގެ ކުރީގެ ރައީސްގެ މައްޗަށް ހުކުމްކުރެއްވި ކޯޓުގެ ފަނޑިޔާރު ސާޖިއޯ މޯރޯވެސް އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަފާނޭ ކަމަށް ވަރަށް ބޮޑަށް ބެލެވިފައިވާ ކަމަށް މީޑިއާއިން ބުނެއެވެ.
ކޯޓުގެ ހުކުމަކީ 2018 ގެ ރިޔާސީ އިންތިޚާބުގައި ވާދަކޮށްފާނެތީ ކުރި ހުކުމެއް: ލޫލާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ