2018ގެ ރިޔާސީ އިންތިހާބުގެ ކުރިން ފާރިސް މިނިވަންވާނެ: މައުމޫން

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކުރިން ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން މިނިވަންވާނެކަމަށާއި އެކަން ދާދި އަވަހަށް ފެނިގެންދާނެކަމަށް އޭނާގެ ބައްޕަ އަދި ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ އަމިއްލަ ދަތުރުފުޅެއްގައި އަނބިކަނބަލުން ނަސްރީނާ އިބްރާހީމްއާއިއެކު މެލޭޝިއާއަށް ފުރާވަޑައިގެންނެވުމުގެ ކުރިން ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް މައުމޫން ވިދާޅުވީ ފާރިސް މައުމޫނަކީ ކުށްވެރިއެއް ނޫންކަމަށާއި އޭނާ ކުށެއް ނުކުރައްވާކަމަށެވެ. އަދި ފާރިސް 85 ދުވަސްވަންދެން ޖަލުގައި ބަންދުކޮށް ގެންގުޅެ އަދި މިހާރު ގޭބަންދުގައިވެސް ހުންނެވީ ކުށެއް ކުރައްވައިގެން ނޫންކަމަށް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކުރިން ފާރިސް މައުމޫން މައުމޫން މިނިވަންވާނެކަމަށާއި އަދި އެކަން ވަރަށް އަވަހަށް ޝަރުއީ ނިޒާމުގެ ތެރެއިން ފެނިގެންދާނެކަމަށެވެ.
ރައީސް މައުމޫނާއި އަނބިކަނބަލުން ނަސްރީނާ އިބްރާހީމް މެލޭޝިއާ އަށް ފުރާވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވަނީ ޓްވިޓާ މެދުވެރިކުރައްވާ ހާމަކުރައްވާފަ އެވެ. މެލޭޝިއާއަށް ކުރައްވާ ދަތުރުފުޅަކީ ކުރު ދަތުރުފުޅެއްކަން ފާހަގަކުރައްވާ ރައީސް މައުމޫން ވިދާޅުވީ ވަރަށް އަވަހަށް އެނބުރި މާލެ ވަޑައިގަންނަވާނެކަމަށެވެ.
މެލޭޝިއާ ކުރައްވާ ދަތުރުފުޅަށްފަހު ބޭސްފަރުވާއަކަށް ރައީސް މައުމޫންގެ ދެކަނބަލުން ސިންގަޕޫރަށްވެސް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބިފައިވެ އެވެ. ނަމަވެސް ރައީސް މައުމޫން މިކަމާއި ގުޅޭގޮތުން ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.
ރައީސް މައުމޫން ރާއްޖެއިން ބޭރަށް ވަޑައިގެންފައިވާއިރު، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ފަށާފައިވާ އިސްލާހީ މަސައްކަތުގައި ހުރިހާ ރައްޔިތުންވެސް ދެމިތިބުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ.
ރައީސް މައުމޫނަކީ މިވަގުތު ގުޅިފައިވާ ޕާޓީ ތަކުގައި ހިމެނޭ ހަތަރު ލީޑަރުންގެ ތެރެއިން ހުކުމެއް ތަންފީޒުކުރަމުން ނުދާ ހަމައެކަނި ލީޑަރެވެ. ނަމަވެސް ރައީސް މައުމޫނާއި އެމަނިކުފާނުގެ ބޭފުޅުންނަށް ސަރުކާރުން އެކި ގޮތްގޮތުން ގެންދަަވަނީ އަނިޔާދެމުން ކަމަށް އެމަނިކުފާނުވެސް އަދި ގިނަ ރައްޔިތުންވެސް ގެންދަނީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ