ޕީޕީއެމްގެ ކޮންގްރެސް ސައްހަ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

ޕީޕީއެމްގެ ކޮންގްރެސް ސައްހަ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ސުޕްރީމް ކޯޓުން މިގޮތަށް ނިންމީ ޕިޕީއެމުން ބޭއްވި ކޮންގްރެސް ބަލައިގަންނަން ހައިކޯޓުން ކުރި ހުކުމް އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެމައްސަލަ ބެލުމަށްފަހު މިއަދު ކުރި ހުކުމްގަ އެވެ.
ރިޔާސީ އިންތިޚާބުގައި ލިބުނު ނާކާމިޔާބީއާއެކު ޕީޕީއެމުން ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ކުއްލި ގޮތަކަށް އެޕާޓީގެ ކޮންގްރެސް ބާއްވާ ޕާޓީގެ ރައީސަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންތިޚާބުކޮށް، ޕާޓީގެ ކައުންސިލަށާއި އިސް މަގާމުތަކަށް ބޭފުޅުން އިންތިޚާބުކޮށްފަ އެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ނިންމުންތައް ބަލައިނުގަތުމަށް ނިންމާފަ އެވެ.
ހައިކޯޓުގައި ބޭއްވި އަޑުއެހުމުގައި އިލެކްޝަންސް ކޮމިޝަނުގެ ވަކީލު ވިދާޅުވީ ޕީޕީއެމް ކޮންގްރެސްގައި އެހެން ޕާޓީތަކުގެ މެމްބަރުން ވެސް ބައިވެރިވި ކަމަށެވެ. އެގޮތުން އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއާއި އެމްޑީއޭގެ މެމްބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މީހުން ވެސް ޕީޕީއެމް ކޮންގްރެސްގައި ބައިވެރިވި ކަމަށެވެ.
ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ޕީޕީއެމްގެ ކޮންގްރެސް ބާތިލް ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށްފައި ނޫން ކަމަށެވެ. އެގޮތުން އެހެން ޕާޓީތަކުގެ މެމްބަރުން ޕިޕީއެމްގެ ކޮންގްރެސްގައި ބައިވެރިވިކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނި ނަމަވެސް އެކަމުގެ ތަފްސީލް އެ ކޮމިޝަނަށް ދެވިފައި ނުވާ ކަމަށްވެސް ހުކުމްގައިވެ އެވެ. ކޮންގްރެސްގައި ބައިވެރިވި ކަމަށް އިލެކްޝަނުން ބުނާ އެހެން ޕާޓީތަކުގެ މެމްބަރުންގެ ތެރެއިން ވޯޓު ދިނީ ކިތައް މީހުން ކަންވެސް ކޮމިޝަނަށް ބުނެދެވިފައި ނުވާ ކަމަށް ހުކުމްގައިވެ އެވެ. އަދި ކޮންގްރެސްގައި ވޯޓު ދިން މީހުންގެ ފުރިހަމަ މައުލޫމާތު ހޯދަން އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމްގައި އެދިފައި ނެތް ކަމަށްވެސް ހުކުމުގައިވެ އެވެ.
ޕީޕީއެމްގެ ކޮންގްރެސްގައި ވޯޓު ފޮށި ހިފައިގެން މެމްބަރުންގެ ގާތަށް ހިނގާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ފާހަގަކޮޮށްފައިވާތީ ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ވޯޓިން ބޫތު ވަކި ގޮތަކަށް ބަހައްޓަން ޖެހޭ ކަމަށް ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ބުނެފައި ނެތް ކަމަށެވެ. ވޯޓިން ބޫތު ބަހައްޓަނީ ވޯޓުގެ ސިއްރުކަން ކަށަވަރުކުރުމަށް ކަމަށާއި މެމްބަރުންގެ ގާތަށް ވޯޓު ފޮށި ހިފައިގެންގޮސް ވޯޓު ލާފައިވަނީ ކޮންގްރެސްގެ އިއްތިފާގުން އެގޮތަށް ނިންމުމުން ކަަމަށްވެސް ހުކުމުގައި ވަނީ ފާހަގަކޮށްފަ އެވެ.
ޕީޕީއެމްގެ ކޮންގްރެސްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެޕާޓީގެ ރައީސް ކަމަށް އިންތިހާބު ކޮށްފައިވާއިރު ރައީސް ޔާމީންގެ ފުރިހަމަ ތާއީދާއެކު ޕީއެންސީގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް މިހާރު ވަނީ ރަޖިސްޓްރީ ކުރުމުގެ މަރުހަލާގަ އެވެ.
ޕީޕީއެމްގެ ކޮންގްރެސްގެ މައްސަލާގައި ހުކުމް އިއްވާފައިވާއިރު، ޕީޕީއެމްގެ މިލްކުވެރި ފަރާތާ ގުޅޭ މައްސަލައެއްވެސް މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ