ކުރީގެ ރައީސުލްޖުމުހޫރިއްޔާ އަލްއުސްތާޛު މައުމޫނު އަބުދުލް ޤައްޔޫމަށް ޖަލުގައި އަނިޔާ ލިބެމުންދާއިރު، އެމަނިކުފާނަށް ހެޔޮއެދޭ ރައްޔިތުން އެކަމާއި ދެކޮޅަށް ތެދުވުމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިގިލި ދާއިރާގެ މެމްބަރު ސަޢުދު ޙުސައިން ގޮވާލައްވައިފިއެވެ.
ސަޢުދު މިކަމަށް ގޮވާލެއްވީ ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން ބުރާސްފަތި ދުވަހު ހަވީރު އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެެވެ.
ރައީސް މައުމޫނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އާއި އެނޫންވެސް ދައުވާތައް އުފުލައި އެކަހެރިކޮށް ޖަލުގައި ބަންދުކޮށްފައި ވާއިރު، އެމަނިކުފާނުގެ ސިއްޙީ ހާލުކޮޅު ރަނގަޅު ނޫންކަމުގައި ސައުދު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެމަނިކުފާނު ގިނި ކަންޏާ ނުބެހެއްޓުމަށް ޑޮކްޓަރުންެވެސް ލަފާދެއްވާފައިވާ ކަމަށާއި އެހެން ނަމަވެސް މިސަރުކާރުން ރައީސް މައުމޫނާއި މެދު އަމަލު ކުރަމުން ދަނީ ވަރަށް އަނިޔާވެރި ގޮތެއްގައި ކަމަށެވެ.
އަދި ޖަލުގައި ރައީސް މައުމޫނު އެދަނީ މަރާއި ހަނގުރާމަ ކުރަމުން ކަމަށާއި އެމަންޒަރު ބަލަން ނުތިބެ ރައްޔިތުން އެމަނިކުފާނު އަނިޔާއިން ސަލާމަތް ކުރުމަށް ނުކުތުމަށް ރައްޔިތުންނަށާއި، އެކުވެރި ދައުލަތްތަކުގެ ސަރުކާރުތަކަށްވެސް ގޮވާލައްވާ ކަމުގައި ސަޢުދު ވިދާޅުވިއެވެ.
"ަރައީސް މައުމޫނު ޖަލުގޮޅީގައި މިއަދު ސިއްޙީ ހާލުކޮޅު އެހުރި ގޮތުން، މަތާއި ހަނގުރާމަ ކުރައްވަމުން އެގެންދަވަނީ. މިމަންޒަރު ބަލަށް ދިވެހި ރައްޔިތުންނަށް ކެތެއް ނުކުރެވޭނެ. ދިވެހި ރައްޔިތުންގެ ހިތްތަކުގައި މިއަދު މިވަނީ ނާމާން ކަމާއި ބިރުވެރިކަން. ހިތާމަވެރިކަން. އެހެންވީމާ މިކަމަށް ހައްލު ގެނެސް ދެއްވާށޭ!" ސައުދު ވިދާޅުވިއެވެ.
ސައުދު ވިދާޅުވީ، ލީކުވި ބަޔާންތަކުންވެސް ރައީސް މައުމޫނުގެ އަތްޕުޅުން ޕީޕީއެމް އަތުލެއްވީވެސް ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައިގެން އެނގޭކަމަށެވެ. އެހެން ކަމުން އެހުކުމް ތަކާއި އަމުރު ތަކާއި ނިންމުންތައް ސައްހަ ނުވާނެ ކަމަށާއި އެކަންކަން އިޢާދަކުރުމަށާއި، ރައީސް މައުމޫނަށް ޕީޕީއެމް ހަވާލު ކުރުމަށްވެސް ގޮވާލައްވާކަމުގައި ސަޢުދު ވިދާޅުވިއެވެ.
ސަޢުދު ވިދާޅުވީ، ރަށްރަށުގައި ތިއްބެވި ޕީޕީއެމްގެ ސަޕޯޓަރުންެވެސް ރައީސް މައުމޫނަށްޓަކައި ނުކުންނެވުމަށް ގޮވާލައްވާކަމަށެވެ.
"ރައީސް މައުމޫނާއި ދޭތެރޭގައި ސިވިލްކޯޓުގައި ހިންގާފައިވާ ޝަރީޢަތުގެ މައުލޫމާތު ސިއްރު ޑޮކިއުމަންޓްތަކުން ހާމަވެއްޖެ. މިހާރުން މިހާރަށް ޕީޕީއެމް ރައީސް މައުމޫނާއި ހަވާލުކޮށް ދެއްވާށޭ! އެމައްސަލަ އަލުން ބައްލަވައި ދެއްވާށޭ! އިންސާފަށް ޙުކުމްކޮށް ދެއްވާށޭ! ޕީޕިއެމްގެ ދިފާއުގައި ރައީސް މައުމޫނު ކުރެއްވި މަސައްކަތް މިއަދު މިވަނީ ހާމަވެފައި." ސަޢުދު ވިދާޅުވިއެވެ.
ޕީޕިއެމްގެ ތެރެއިން ރައީސް މައުމޫނު އިސްލާހީ މަސައްކަތްތައް ފެއްޓެވުމުން ރައީސް ޔާމީނަށް ވަފާތެރި ފަރާތްތަކުން ވަނީ ސިވިލްކޯޓު މެދުވެރިކޮށް އެމަނިކުފާނުގެ އަތްޕުޅުން ޕާޓޯގެ ހުރިހާ ބާރުތައް އަތުލައްވާފައެވެ. އަދި އެކަން ހިނގާދިޔައީ ފަނޑިޔާރަށް ނުފޫޒު ފޯރުވައިގެންކަންވެސް މިހާރު ވަނީ ހާމަވެފައެވެ.
ސައުދު ވިދާޅުވީ ޖަލުގައި މިއަދު ރައީސް މައުމޫނަށް ލިބެމުން އެދާ އަނިޔާތަކަކީ ޒާތީ ހަސަދަ އާއި ރުޅިވެރި ކަމުގެ ބަދަލު ހިފުމެއް ކަމަށެވެ.
ރައީސް މައުމޫނުގެ ދިފާއުގައި ރައްޔިތުން ތެދުވުމަށް ސައުދު ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ