އަބްދުﷲ ރަޝީދުގެ ހަށިގަނޑު ހޯދަން އާއިލާއިން ކޯޓަށް

މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގދ. ހޯޑެއްދޫއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިހުއްޓާ ކުއްލި ގޮތަކަށް މަރުވި  އަބްދުﷲ ރަޝީދުގެ އާއިލާއިން އޭނާގެ ހަށިގަނޑު ހޯދަން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
މި މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ބާއްވާފައިވާއިރު މިއަދުގެ އަޑުއެހުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައި ވަނީ، އަބްދުﷲ ރަޝީދު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި، މެޔަށް ތަދެއް އަރައި ސީޒަރއެއް ޖެހުން ފަދަ އަލާމާތްތަކެއް ފެނިގެން އޭނާ ގދ. މަޑަވެލި ހެލްތް ސެންޓަރަށް ގެންދިޔަ ކަމަށެވެ. ހެލްތް ސެންޓަރަށް ގެންދިޔަ އިރުވެސް، އޭނަ މަރުވެފައިވާކަމަށް ޑޮކްޓަރު މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަދި އަބްދުﷲ ރަޝީދުގެ އާއިލާއިންވަނީ މަރުވެފައިވާ ހަށިގަނޑު އެއާއިލާއާއި ހަވާލުކޮށްދިނުމަށް މިއަދުވެސް ކޯޓުގައި އެދިފައެވެ. އެހެންނަމަވެސް އެކަމަށް ގޮތެއްނިންމައިދީފައިނުވާއިރު އެއާއިލާއިންވަނީ އެމީހުން މިހާރު ބޭނުންވަނީ ވީއެންމެއަވަހަކަށް އަބްދުﷲ ރަޝީދުގެ ހަށިގަނޑު ވަޅުލަން ކަމަށް ތަކުރާރުކޮށް ބުނެފައެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ކުއްލި ގޮތަކަށް މަރުވި އަބްދުﷲ ރަޝީދު މަރާ ގުޅިގެން އާއިލާ އާއި އެ ރަށުގެ ގިނަ ބަޔަކު ވަނީ ބޮޑެތި ތުހުމަތު ތަކާއި އެކު ގިނަ ސުވާލުތަކެއް އުފައްދާފައެވެ.
އެހެންނަމަވެސް އަބްދުﷲ ރަޝީދުގެ މަރާއި ގުޅޭގޮތުން ފުލުހުން ވަކިއެއްޗެއް މިހާތަނަށް ބުނެފައި ނުވާއިރު ފުލުހުންގެންދަނީ އަބްދުﷲ ރަޝީދުގެ ހަށިގަނޑު ހިފައްހައްޓާފައެވެ. ފުލުހުން އަބްދުﷲގެ ހަށިގަނޑު ހިފަހައްޓާފައިވަނީ ކޯޓު އަމުރެއްގެ ދަށުންކަމެއް އަދި ނޫން ކަމެއް ވެސް ސާފެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ