އިންޓަ ސްކޫލް ސެމީ މެޗަށް ފަހު ރެފްރީ އަށް ހަމަލާދީފި

ސެމީގައި މިއަދު ވާދަކުރީ ކަލާފާނު ސްކޫލާއި ކ. ގުރައިދޫ ސްކޫލެވެ. މެޗު ނިމުނީ 1-2 އިން ކަލާފާނު މޮޅުވެގެންނެވެ.
މެޗަށް ފަހު ގުރައިދޫ ސްކޫލް ޓީމުގެ ސަޕޯޓަރުންވަނީ ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހި ރެފްރީ އަށް ހަމަލާދީފަ އެވެ. މެޗު ނިމުމުން އެޓީމުގެ ބައެއް ސަޕޯޓަރުން ދަނޑަށް އެރިއިރު ރެފްރީ އަށް ހަމަލާ ދިނުމުގައި ޓީމުގެ ކުޅުންތެރިއަކު ވެސް ބައިވެރިވާތަން ފެނެ އެވެ.
ހަމަނުޖެހުމުން ސަލާމަތްވާން ރެފްރީ، ރެފްރީންގެ ރޫމަށް ދިޔަ ވަގުތު ގުރައިދޫ ސްކޫލުގެ ސަޕޯޓަރުން ވަނީ ފަހަތުން ދުވެފައި ގޮސް ރެފްރީ އަށް ހަމަލާދީފަ އެވެ. ރެފްރީ އެތެރެއަށް ވަނުމުން ވެސް ޓީމުގެ ބައެއް ސަޕޯޓަރުން އެތެރެއަށް ވަން މަންޒަރު ވީޑިއޯ އިން ފެނުނެވެ.
ހަމެނުޖެހުން ހިންގި ފަރާތްތަކުގެ މައްސަލަ ބެލުމަށް ފަހު ފިޔަވަޅު އަޅާނެކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ.
ކަލާފާނު ސްކޫލް ފައިނަލުގައި ނުކުންނާނީ ރެހެންދި ސްކޫލާއި އިމާދުއްދީން ސްކޫލް ވާދަކުރާ ދެވަނަ ސެމީ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ ރެ އެވެ.
ގަލޮޅު ދަނޑުގައި ކުޅޭ ބައެއް މެޗުތަކުގައި މީގެ ކުރިން ވެސް ރެފްރީ އަށް ވަނީ ހަމަލާދީފަ އެވެ. މެޗުތަކަށް ފަހު ރެފްރީ އަށް ހަމަލާދޭއިރު ރެފްރީންނަށް ރައްކާތެރިކަން އެކަށީގެންވާ ގޮތެއްގައި ނުދެވެ އެވެ. މިއަދުގެ މެޗަށް ފަހު ހަމަނުޖެހުން ހިނގި އިރުވެސް ފުލުހުން ދަނޑުގައި ހަރަކާތްތެރިވިތަން ވީޑިއޯ އިން ނުފެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ