އިނގިރޭސި ރަސްކަމުން ވަކިވުމަށް ސްކޮޓްލެންޑުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ކާމިޔާބެއްނުވި
އިނގިރޭސި ރަސްކަމުގެ އިއްތިހާދުގައި ހިމެނޭ ސްކޮޓްލެންޑަށް، އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ ހުއްދައާ ނުލައި އެ ރަސްކަމުން ވަކިވުމާ ބެހޭގޮތުން ފެންނަ ނުފެންނަ ވޯޓެއް ނުނެގޭނެ ކަމަށް ޔޫކޭ ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ. ސްކޮޓްލެންޑުގެ ސަރުކާރުން ސުޕްރީމް ކޯޓުގައި ލަފައަކަށް އެދިފައި ވަނީ، ޔޫކޭ ޕާލިމެންޓުގެ ހުއްދައާ ނުލައި، އެގައުމުގައި ފެންނަ ނުފެންނަ ވޯޓެއް ނަގަން ސްކޮޓްލެންޑުގެ ސަރުކާރަށް ގާނޫނެއް ފާސްކުރެވިދާނެތޯއެވެ. ނަމަވެސް އިއްޔެ ޔޫކޭ ސުޕްރީމް ކޯޓުން ނިންމާފައި ވަނީ ސްކޮޓްލޭންޑުގެ މިނިވަންކަމާ ބެހޭ ގޮތުން ވޯޓެއް ނެގުމާ ބެހޭ ގާނޫނެއް ފާސް ކުރުމުގެ ބާރު ސްކޮޓްލެންޑުގެ ޕާލިމެންޓަށް ލިބިގެންނުވާ ކަމަށެވެ. ސްކޮޓްލެންޑުގެ ޕާލިމެންޓު އުފެދުނީ 1998ގައި އަމަލު ކުރަން ފެށި ގާނޫނެއްގެ ދަށުންނެވެ. އެ ގާނޫނުގައިވާ ގޮތުން އިނގިރޭސި ރަސްކަމުގެ އިއްތިހާދާ ގުޅުން ހުރި ހުރިހާ ކަމެއް ނިންމާނީ ޔޫކޭ ޕާލިމެންޓުންނެވެ. ދެހާސް ސާދަ ވަނަ އަހަރުވެސް ސްކޮޓްލެންޑުން ވަނީ އިނގިރޭސި ރަސްކަމުން ވަކިވެގަތުމަށް ވޯޓެއް ނަގާފައެވެ. ނަމަވެސް އެފަހަރު ސްކޮޓްލެންޑުގެ 55 ޕަސެންޓު މީހުން ވަނީ ވަކިވެގަތުމާ ދެކޮޅު ހަދާފައެވެ. އިނގިރޭސިވިލާތުން ޔޫރަޕުގެ އިއްތިހާދާ ވަކިވި ފަހުން ސްކޮޓްލެންޑުގެ ރައްޔިތުންގެ ނުރުހުން އިންގްލެންޑަށް އޮތް މި ދަނޑިވަޅުގައި އިތުރު ވޯޓެއް ނަގައިފި ނަމަ ވޯޓުގެ ނަތީޖާ ތަފާތުވާނެކަމަށް، އެ ވޯޓު ބާއްވަން ތާއިދު ކުރާ މީހުން ބުނެއެވެ. ނަދަން އަޔަލެންޑާއި، ވޭލްސް، އިންގްލެންޑް އަދި ސްކޮޓްލެންޑަކީ އިނގިރޭސިވިލާތުގެ ބައެކެވެ. ސްކޮޓްލެންޑާއި އިންގްލެންޑާ ދެމެދު ހަދާފައިވާ ޔޫނިއަން އެއްބަސްވުމަކީ މީގެ 300 އަށްވުރެ ގިނަ އަހަރު ކުރިން ހަދާފައިވާ އެއްބަސްވުމެކެވެ. މިފަދަ ވަކިވެގަތުމުގެ ވޯޓުތަކަކީ މިހާ އަވަސްއަވަހަށް ބާއްވަންޖެހޭ އެއްޗެއް ނޫންކަމަށް ބުނެ އިނގިރޭސި ސަރުކާރުން އަންނަނީ ސްކޮޓްލެންޑުން މިނިވަންވުމާ ދެކޮޅު ހަދަމުންނެވެ. ނަމަވެސް ސްކޮޓްލެންޑުގެ ފަސްޓް މިނިސްޓާ އަދި ސްކޮޓިޝް ނޭޝަނަލް ޕާޓީގެ ލީޑަރު ނިކޮލާ ސްޓާޖަން ގެންދަވަނީ ވަކިވެގަތުމުގެ ކެމްޕޭނެއް ކުރިއަށް ގެންދަވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ