އިއުލާނު ކުރުމަކާ ނުލައި ރަށްތައް ދޫކުރާ އިސްލާހަށް މައުމޫން ދެކޮޅު ހައްދަވައިފި
އާންމުކޮށް އިއުލާނު ކުރުމަކާ ނުލައި ފަތުރުވެރިކަމާ ގުޅޭ ކަންކަމަށް ރަށްތައް، ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދެވޭ ގޮތަށް ބަދަލު ގެނައުމަށް ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާ އިސްލާހަށް ވޯޓް ނުދެއްވުމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެ ޕާޓީގެ މެމްބަރުންނަށް ގޮވާލައްވައިފި އެވެ. ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރަކު މިއަދު ސަން އަށް ވިދާޅުވީ ވަކިވަކި މެމްބަރުންނަށާއި އެ މެމްބަރުން ހިމެނޭ ވައިބާ ގްރޫޕަށް ރައީސް މައުމޫން ފޮނުވާފައިވާފައިވާ މެސެޖެއްގައި ގައުމުގެ ކުރިއެރުމަށް ޓަކައި އެ އިސްލާހަށް ވޯޓްނުދެއްވުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ. ސަބަބެއް ކަމަށް ރައީސް މައުމޫން ވިދާޅުވެފައި ވަނީ ރާއްޖޭގެ ކުރިއެރުމަށް ގެއްލުންތައް ލިބުމާއި އެ ޕާޓީގެ އަސާސީ ގަވައިދާ އެއިސްލާހު ހިލާފުވުން ކަމަށެވެ. "އަސާސީ ގަވާއިދުގެ 52 ވަނަ މާއްދާގެ ހ.ގެ (ރ.)ގައި ބުނާ ގޮތުން ޕާޓީގެ މަގްސަދުތައް ހާސިލު ކުރުމަށާއި ޕާޓީ ހިންގުމަށް ބޭނުންވާ އެންމެހާ ކަންކަން ކުރުމަކީ ޕާޓީގެ ރައީސްގެ މަގާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމަކަށް ވާތީ މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރާއްޖޭގެ ރަށްރަށާއި ބިމާއި ފަޅުތައް އާއްމުކޮށް އިއުލާންނުކޮށް ޓޫރިޒަމާ ބެހޭ މަސައްކަތްތަކަށް ދޫކުރުމާ ބެހޭ ބިލް ފާސްކުރަން އެއްވެސް މެމްބަރަކު ވޯޓު ނުދެއްވަން ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ދަންނަވަން،" މައުމޫންގެ މެސެޖްގައިވެ އެވެ. އެމެސެޖާ ގުޅޭ ގޮތުން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުން އަމަލުކުރާނީ ކިހިނެއްތޯ އެ ގްރޫޕުގެ އިސް މެމްބަރަކާ ސުވާލު ކުރުމުން ވިދާޅުވީ އެ ގްރޫޕުން އެ އިސްލާހަށް ވޯޓް ދޭނެ ކަމަށެވެ. "ރައީސް ޔާމީންގެ އިގްތިސާދީ ސިޔާސަތު ތަންފީޒު ކުރުމަށް އެއްބާރުލުންދޭނަން މި ގުރޫޕުން." މެމްބަރު ވިދާޅުވި އެވެ. ރާއްޖޭގެ ބިންތައް ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަށް މިލްކުކުރެވޭ ގޮތަށް މަޖިލީހުން ފާސްކުރި އިސްލާހަށް ވެސް މައުމޫން ދެކޮޅު ހެއްދެވި އެވެ. އަދި އެއީ ވެސް ރާއްޖެ އަށް ގެއްލުން ހުރި އިސްލާހެއް ކަމަށް ވިދާޅުވެ، ޕީޕީއެމްގެ މަޖިލީސް މެންބަރުންނަށް މައުމޫން މެސެޖު ފޮނުއްވި އެވެ. ނަމަވެސް މައުމޫންގެ ބަހަށް ބެލުމެއް ނެތި އެ އިސްލާހު ވަނީ ފާސްކޮށްފަ އެވެ. އިއުލާން ކުރުމެއް ނެތި ރަށްތައް ދޫކުރެވޭ ގޮތަށް ޓޫރިޒަމާ ބެހޭ ގާނޫނަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު މިހާރު ވަނީ އިސްލާހެއް ހުށައަޅުއްވައިފަ އެވެ. ޓޫރިޒަމާ ބެހޭ ގާނޫނުގައި މިހާރު ބުނެފައިވާ ގޮތުން ޓޫރިސްޓް ރިސޯޓު ހެދުމަށް ރަށްރަށާއި ބިން ކުއްޔަށް ދޫކުރަން ވާނީ، މިނިސްޓްރީ އޮފް ޓޫރިޒަމުން އާންމުކޮށް އިއުލާންނުކޮށްގެން، ކަނޑައެޅިފައިވާ އުސޫލެއްގެ މަތިން، އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށެވެ. އިދިކޮޅު ފަރާތްތަކުން ބުނަނީ ބީލަމަށް ހުޅުވާ ނުލައި ރަށްތައް ދޫކުރާ ނަމަ ކޮރަޕްޝަނަށް އިތުރަށް މަގުފަހިވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ