ދުވާލަކު 120 މެޓްރިކު ޓަަނުގެ މަސް ގަނެ ފިނިކުރެވޭ ކެޕޭސިޓީގެ "ޖަޒީރާ 103" އަތުވެއްޖެ

މިފްކޯގެ "ޖަޒީރާ 103" އަތުވެއްޖެއެވެ.
މިފްކޯ އިން ބުނީ މި ބޯޓަކީ ދެ ފަރާތުން މަސް ކިރޭ ގޮތަށް ދެ ކްރޭން ހަރުކޮށްފައިވާ ބޯޓެއް ކަމަށެވެ. އަދި ދުވާލަކު 120 މެޓްރިކު ޓަަނުގެ މަސް ގަނެ ފިނިކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން މިއީ 420 މެޓްރިކް ޓަނުގެ މަސް ރައްކާ ކުރެވޭ ބޯޓެއް ކަމަށެވެ.
މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ މީޑިއާ އަށް ވިދާޅުވީ އެ ކުންފުންޏަށް މިހާރުދިމާވެފައިވާ މަސް ކިރުވުމުގެ މައްސަލަ ހައްލުކުރުމަށް ގެންނަ 4 ބޯޓުގެ ތެރެއިން ފުރަތަމަ ބޯޓު މިހާރު ވަނީ ރާއްޖެ އައިސްފައި ކަމަށެވެ.
ކޮރެއާއިން ފުރައިގެން 16 ދުވަހުން ރާއްޖެ އައި މި ބޯޓަކީ ޖަޕާނުގެ ޕޯލް އެންޑް ލައިން ވެސަލްއެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި ބޯޓާއިއެކު އެ ކުންފުނީގެ ފްރީޒިން ކެޕޭސިޓީއަށް ދިމާވެފައި ހުރި ގޮންޖެހުންތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށަވެ.
"މި ބޯޓު ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ދެކުނުގަ. މި ދުވަސްވަރަކީ މަސްވެރިކަން ރަނގަޅު ދުވަސްވަރަކަށް ވާތީ ދުވާލަކަށް މަސް ކިރޭ މިންވަރު މި ބޯޓާއެކު ވަރަށް ބޮޑަށް އިތުރުވެގެންދާނެ." އޭނާ ވިދާޅުވިއެވެ.
ކުރިއަށްއޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މި ބޯޓު ބޭނުންކުރަން ފެށޭވަރު ވާނެކަމަށާއި މަސްކިރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް މިފްކޯއިން ގެންނަ އަނެއް ތިން ބޯޓުވެސް މިހާރު ވަނީ ރަޖިސްޓްރީކޮށް ނިންމައި، ތައިލޭންޑުގައި ޑޮކުކޮށްފައި ކަމަށް އެ ކުންފުނިން ބުނެއެވެ.
މި ބޯޓުތައްވެސް ވަރަށް އަވަހަށް ރާއްޖެ އަންނާނެކަމަށް މިފްކޯ އިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ