އައްޑޫގައި އާދަޔާ ޚިލާފަށް ހުމާއި ރޯގާ ފެތުރޭތީ ސަމާލުވާން އެދިއްޖެ

އައްޑޫ ސިޓީގައި ޚިލާފަށް ހުމާއި، އަރިދަފުސް ރޯގާ އަދި އިންފްލުއެންޒާ ފެތުރެމުންދާތީ ސަމާލުވާން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން އެދިއްޖެއެވެ.
އައްޑޫ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ވަނީ އަރިދަފުސް ރޯގާޖެހިއްޖެނަމަ، ކެއްސާ ކިބިހި އަޅާއިރު އަގަމަތީގަ އާއި ނޭފާތުގައި ކުޑަ ރުމާލެއް ނުވަތަ ޓިޝޫއެއް ފަދަ އެއްޗެއް އެޅުމަށް ވަނީ އެދިފައެވެ. އަދި އާންމު ސާފްތާހިރު ކަމާއި، ހާއްސަކޮށް ސައިބޯނިލައިގެން އަތްދޮވުން ފަދަ ކަންކަމަށް ސަމާލުކަން ދިނުމަށް ނަސޭހަތްތެރިވެފައި ވެއެވެ.
ރޯގާޖެހި ކެއްސާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ނަސޭހަތްތެރިވެފައިވާއިރު، މިފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުމަށް އައްޑޫ ހޮސްޕިޓަލުން ނެރުނު އެ ބަޔާނުގައި އެދިފައިވެއެވެ.
ރޯގާޖެހިފައިވާނަމަ ކުޑަކުދިންނާއި ދުރުހެލިވުމަށް ނަސޭހަތްތެރި ވެފައިވާއިރު، ދުންފަތުގެ ދުމުން ކުޑަކުދިން ރައްކާތެރި ކުރުމަށް ގޭތެރޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރުމަށްވެސް އެ ހޮސްޕިޓަލުން ވަނީ ނަސޭހަތްތެރިވެފައެވެ.
މީގެ އިތުރުން ބަލީގެ ސަބަބުން ނުރައްކާވުމުގެ ފުރުސަތު ބޮޑު މީހުން އިންފްލުއެންޒާއިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަކީ މުހިންމު ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެފައި ވެއެވެ. އަދި ރޯގާ ޖެހި ހުން އަންނަ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ނަސޭހަތްތެރިވެފައިވާއިރު، އެފަދަ މީހުން މާސްކް އެޅުމަށްވެސް އެ ހޮސްޕިޓަލުން ވަނީ ނަސޭހަތްތެރި ވެފައެވެ.
ބަލިވެގެން ޑޮކްޓަރަށް ދައްކާއިރު، ބަލިމީހާއާއެކު ވީހާވެސް މަދު މީހުން ސިއްހީ ފަރުވާ ހޯދާތަންތަނަށް ދިއުމަށާއި، އަދި ބަލި މީހުންނަށް ޒިޔާރަތް ކުރުމަށް ކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުން ނުދިއުމާއި، ކޮންމެހެން ހޮސްޕިޓަލަށް ދާންޖެހޭ ހާލަތްތަކުގައި ނޫނީ ނުދިއުމަށްވެސް އެހޮސްޕިޓަލުން ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ