އިސްތިއުފާ ދިނަސް ނަޝީދުގެ އުނގަކަށް ނާރާނަން: އުމަރު
ހޯމް މިނިސްޓަރުގެ މަގާމުން އުމަރު ނަސީރު އަމިއްލައަށް ވަކިވާނެ ދުވަހަކަށް ނުވަތަ ވަކި ކުރާނެ ދުވަހަކަށް އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް އިންތިޒާރު ކުރާ ކަމަށާއި މަގާމުގައި ނެތް ދުވަހަކުންވެސް އިދިކޮޅު އެމްޑީޕީއާ ގުޅޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ. އުމަރު އެހެން ވިދާޅުވީ އާދީއްތަ ދުވަހަށް 'ސަން' އަށް ދެއްވި އެކްސްކުލޫސިވް އިންޓަވިއުއެއްގައެވެ. އުމަރު ސަން އަށް ވިދާޅުވީ، މަގާމު ގެއްލޭ ދުވަހަކުން، "އެހެން ބޭފުޅުން" އުޅުއްވާ ހެން އިދިކޮޅު އެމްޑީޕީ އާ ގުޅޭނެ ކަމަށް ހީވާނަމަ އެއީ ވަރަށް ބޮޑު އޮޅުމެއް ކަމަށެވެ. "އަޅުގަނޑު ވަކިވިޔަސް ވަކި ކުރިޔަސް އަޅުގަނޑު ނުދާނަން އެމްޑީޕީ ކޮޅަކަށް. އަޅުގަނޑު ނާރާނަން އަންނި އުނގަކަށް. ދުވަހަކުވެސް ނުކުރާނެ ކަމެއް އެއީ. އެބޭފުޅުންނަށް އޮޅިވަޑައިގެން އެ އުޅުއްވަނީ،" އުމަރު ވިދާޅުވި އެވެ. އުމަރު ވިދާޅުވީ، ސަރުކާރުން ވަކިވުމަށްފަހު، ނުވަތަ ވަކި ކުރުމަށްފަހު "އޮންނާނީ ގެއަށް ގޮސް ޓީވީ ބަލަން" ކަމަށާއި އެމްޑީޕީއާ ގުޅުމަކީ "ނޯ ނޯ" އެއް ކަމަށެވެ. އުމަރު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން އުމަރު ކެބިނެޓުން ވަކި ކުރަން ބޭނުންވަނީ، މި ސަރުކާރު ހޫނު ފެނަށް ވެއްޓިއްޖެ ނަމަ އެންމެ ފުރަތަމަ މޭ ދިއްކޮށްލައި ސަރުކާރުގެ ހިމާޔަތުގައި ނުކުންނަވާނީ އޭނާކަން އެނގޭތީ ކަމަށެވެ. އެހެންވީމަ އިދިކޮޅު ފަރާތްތަކުން ބޭނުންވާނީ ތަޖުރިބާ މަދު، ސިޔާސީ ގޮތުން ބުރަދަން ލުއި ބޭފުޅުން ސަރުކާރުގައި ތިބުން ކަމަށް އުމަރު ވިދާޅުވި އެވެ. ރައީސް ޔާމީނުގެ ކެބިނެޓުގައި އިންނެވި ސިޔާސީ ގޮތުން އެންމެ ތަޖުރިބާކާރު އެއް ބޭފުޅަކީ އުމަރެވެ. ނަމަވެސް ސަބަބު ހާމަކުރެއްވުމެއް ނެތި އުމަރު ވަނީ މިރޭ ހޯމް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. މިރޭ ކުރެއްވި ޓްވީޓުގައި އުމަރު ވަނީ އޭނާ މިނިސްޓަރު ކަމުގައި ހުންނެވި އިރު ދެއްވި ސަޕޯޓަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ސަރުކާރުގެ އެހެނިހެން ބޭފުޅުންނަށް ޝުކުރު ދަންނަވާފައެވެ. ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުޢާޒް އަލީ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، އުމަރުގެ އިސްތިއުފާ ރައީސް އަބްދުﷲ ޔާމީން ގަބޫލުފުޅުކުރައްވާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ