ކައުންސިލްތަކަށް ފައިސާ ދޭއިރު ރަށުން ހޯދާ އާމްދަނީއަށް ބަލަން ހުށަހަޅައިފި

ސަރުކާރަށް ލިބޭ އާމްދަނީން ކައުންސިލްތަކަށް ދޭ ފައިސާ ނުވަތަ ބްލޮކް ގްރާންޓް ދިނުމުގައި ކައުންސިލްތަކުން އަމިއްލައަށް ހޯދާ އާމްދަނީއަށް ރިއާޔަތްކުރާ ގޮތަށް ހިމަނަން އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން އިއްޔެ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފަ އެވެ.
އެ ބަޖެޓުގައި ދައުލަތުން ކައުންސިލްތަކަށް ބްލޮކް ގްރާންޓު ދޫކުރުމުގައި ބަލާ ފިސްކަލް ފޯމިއުލާ އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން އެ ފޯމިއުލާއަށް އިތުރު މިންގަނޑެއްގެ ގޮތުގައި ރެވެނިއު މޮބިލައިޒޭޝަން ނުވަތަ ކައުންސިލްތަކުން ހޯދާ އާމްދަނީއަށް ބެލުން އިތުރުކުރަން ވަނީ ހުށަހަޅާފަ އެވެ.
ފޯމިއުލާގެ ތެރޭގައި ކައުންސިލްތަކަށް ލިބޭ އާމްދަނީއަށް ރިއާޔަތްކުރަން ލާމަރުކަޒީ ގާނޫނުގައި ވެސް ބަޔާންކޮށްފައިވާއިރު، އެ ބައި ފޯމިއުލާއަށް އިތުރުކުރުމުން ފޯމިއުލާ އިތުރަށް ހަރުދަނާ ވާނެ ކަމަށް ބަޖެޓުގައި ބަޔާންކޮށްފައިވެ އެވެ.
ތަފްސީލު - ފޯމިއުލާއަށް ގެންނަ ބަދަލާ އެކު ބްލޮކް ގްރާންޓު ދިނުމުގައި ބަލާނެ މިންގަނޑުތައް:
ރަށުގައި ދިރިއުޅޭ އާބާދީ
ބިމުގެ ބޮޑުމިން
އަތޮޅުގެ ވެރިކަން ކުރާ ރަށާ ހުރި ދުރުމިން
މާލެއާ ހުރި ދުރުމުން
ކައުންސިލްގެ ޕާފޯމަންސް އިންޑެކްސް
މާލީ ގޮތުން ބަލާ ޕާފޯމަންސް އިންޑެކްސް
ރެވެނިއު މޮބިލައިޒޭޝަން
ރެވެނިއު މޮބިލައިޒޭޝަންގެ މިންގަނޑުގައި ބަލާނީ 2022ގައި ކައުންސިލްތަކަށް ދޫކުރި ޖުމްލަ ބްލޮކް ގްރާންޓުގެ ނިސްބަތުން އެ އަހަރު ކައުންސިލްތަކުގެ އާމްދަނީގެ ގޮތުގައި 'ވިޔަ' މޮޑިއުލްގައި ރެކޯޑުކޮށްފައިވާ ބްލޮކް ގްރާންޓު ނޫން އެހެނިހެން އާމްދަނީގެ މިންވަރަށެވެ.
ބަޖެޓުގައިވާ ގޮތުން:
ބްލޮކް ގްރާންޓުގެ ނިސްބަތުން ކައުންސިލްތަކުން އަމިއްލައަށް ހޯދާ އާމްދަނީ އިތުރުވާ ވަރަކަށް، ފޯމިއުލާގެ ތެރެއިން އެ ކައުންސިލަކަށް ލިބޭ މިންވަރު ފުރަތަމަ ދާނީ އިތުރުވަމުން
އާމްދަނީ އިތުރުވަމުންދާ ވަރަކަށް ސަރުކާރަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަވާނެތީ، ވަކި މިންވަރަކަށް ވުރެ އިތުރަށް ކައުންސިލަށް އާމްދަނީ ލިބެން ފެށުމުން ފޯމިއުލާގެ ތެރެއިން (ބްލޮކް ގްރާންޓުގެ ގޮތުގައި) ލިބޭ ފައިސާގެ މިންވަރު ވެސް ދާނީ ދަށަށް
ބުނީ ކީކޭ؟ - ބަޖެޓާ ގުޅޭ ބައެއް މައުލޫމާތު ހިއްސާކުރަން އިއްޔެ ފިނޭންސް މިނިސްޓްރީން ނޫސްވެރިންނާ އެކު ބޭއްވި ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަހުމަދު ސަރުވަޝް އާދަމް ވިދާޅުވީ ބްލޮކް ގްރާންޓް ދިނުމުގައި ކައުންސިލްތަކަށް ލިބޭ އާމްދަނިއަށް ބަލާ މިންގަނޑެއް އިތުރު ކުރިޔަސް، އޭގެ މާނައަކީ ކައުންސިލްތަކަށް އާމްދަނީ ލިބޭ ވަރަކުން އެއްޗެއް އުނިކުރަނީ ނޫން ކަމަށެވެ.
"އަޅުގަނޑުމެންގެ ވިސްނުމަކީ ފުރަތަމަ އާމްދަނީ ހޯދަން [ކައުންސިލްތަކަށް] ބާރުއެޅުން. ހަމައެކަނި ބްލޮކް ގްރާންޓަށް ބަރޯސާވެގެން ނުތިބެ، އާމްދަނީ ހޯދާށޭ،" އޭނާ ވިދާޅުވި އެވެ.
"އެ މަސައްކަތް ކުރާ ބަޔަކަށް، އާމްދަނީ، ފުރަތަމަ ބްލޮކް ގްރާންޓްގެ އަދަދާ ހަމައަށް އަންނަން ދެން އަޅުގަނޑުމެން އެބަ އިތުރުކޮށްދެން. ބްލޮކް ގްރާންޓަށް ވުރެ މަތިވެއްޖެއްޔާ މާނައަކީ، ބްލޮކް ގްރާންޓަށް ބަރޯސާވާ ވަރު އެބަ ޖެހޭ ކުޑަކުރަން."
އެނގުން މުހިއްމު - ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ދޭން ފެށީ 2020 ވަނަ އަހަރުން ފެށިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ