ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު އިސްތިއުފާ ހުށަހަޅުއްވައިފި

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު މިއަދު އިސްތިއުފާ ހުށަހަޅުއްވައިފިއެވެ. މުހައްމަދު ފުޅު މީޑިއާތަކާ ހިއްސާކުރެއްވި މެސެޖެއްގައިވާ ގޮތުން އޭނާ ވަނީ އިސްތިއުފާގެ ސިޓީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ހުށަހަޅުއްވާފައެވެ. މަގާމުން އިސްތިއުފާ ދެއްވަނީ އާދިއްތަ ދުވަހުން ފެށިގެން ކަމަށް ވެސް އެ މެސެޖުގައިވެއެވެ. މުހައްމަދު ފުޅު ވިދާޅުވީ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށް އޭނާ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާނެ ކަމަށެވެ. އަދި ފާއިތުވި ތިން އަހަރާއި ދިހަ މަހު އޭނާއާއެކު މަސައްކަތް ކުރި އެންމެންނަށް ޝުކުރު އަދާކުރެއްވިއެވެ. މީގެ އިތުރުން، މަގާމުގެ ހައިސިއްޔަތުން ފަހު ފަހަރަށް މާދަމާ ހުރިހާ ޖަލުތަކާއި ކޮމާންޑުތަކަށް ޒިޔާރަތްކުރެއްވުމަށް ނިންމަވައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މުހައްމަދު ފުޅު ކޮމިޝަނާ އޮފް ޕްރިޒަންގެ މަގާމަށް އައްޔަންކުރީ ޖެނުއަރީ 21، 2020 ގައި އެމަގާމުގައި ހުންނެވި އަބްދުﷲ މުނާޒް އެ މަގާމުން ވަކިކުރުމުންނެވެ. އޭގެ ކުރިން އޭނާ ހުންނެވީ އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސަސްގެ މަގާމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ