ތޯރިގް ޔޫއޭއީ އަށް، އާދަމް ޝަރީފް ގަތަރުގެ ސަފީރަކަށް އައްޔަންކުރަނީ

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް ކުރީގެ އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމް އަދި ގަތަރުގެ ސަފީރަކަށް ކުރީގެ ސިޓީސް މިނިސްޓަރު އާދަމް ޝަރީފް އައްޔަން ކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވައިފި އެވެ.
ތޯރިގާއި އާދަމް ޝަރީފަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމާ މެދު ގޮތެއް ނިންމަން އެދިވަޑައިގެން ރައީސް ފޮނުއްވި ސިޓީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވުމަށް ފަހު، އެ ނަންތައް ދިރާސާކުރަން ފޮނުވީ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށެވެ. 
ތޯރިގާއި އާދަމް ޝަރީފް މިހާރު ތިއްބެވީ ފޮރިން މިނިސްޓްރީގައި އެމްބެސެޑާ އެޓް ލާޖުގެ މަގާމުގަ އެވެ. 
The most trusted news source in the Maldives
ޔޫއޭއީގެ ސަފީރުގެ މަގާމު އެންމެ ފަހުން ފުރުއްވީ ސަރުކާރުގެ އިސް ތަރުޖަމާނުގެ މަގާމުގައި މިހާރު ހުންނެވި މުހައްމަދު ހުސައިން ޝަރީފް (މުންދު) އެވެ. ނަމަވެސް މިދިޔަ އޭޕްރީލް ހަ ވަނަ ދުވަހު އޭނާ ސަފީރުކަމުން ވަކިކުރުމާ އެކު، ޔޫއޭއީގެ ސަފީރުގެ މަގާމު ހުސްވީ އެވެ. 
އާދަމް ޝަރީފް ގަތަރުގެ ސަފީރަކަށް އައްުޔަން ކުރުމާ އެކު، އޭނާ ވާނީ އެ ގައުމަށް ރާއްޖެ އިން ކަނޑައަޅާ ފުރަތަމަ ސަފީރަށެވެ. 
ގަތަރުގައި ރާއްޖޭގެ އެމްބަސީއެއް ރައީސް މުއިއްޒު އުފެއްދެވީ މިދިޔަ އަހަރުގެ ޖޫން 29 ގަ އެވެ. އެކަމަކު، މިހާތަނަށް އެ ގައުމަށް ރާއްޖެ އިން ސަފީރަކު އަދި ކަނޑައެއް ނާޅުއްވަ އެވެ. 
The most trusted news source in the Maldives
ރާއްޖެ އާއި ގަތަރާ ދެމެދުގައި ހާރިޖީ ގުޅުން އެންމެ ފުރަތަމަ ގާއިމުކުރީ މެއި 26، 1984 ގަ އެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ގަލްފް ސަރަހައްދުގައި އުފެދިފައިވާ ދެބަސްވުންތަކަށް ފަހު ރާއްޖެ އިން އެ ގައުމާއެކު ޚާރިޖީ ގުޅުން ކަނޑާލި އެވެ.
އޭގެ ތިން އަހަރު ފަހުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މާޗު 15، 2021 ގައި ރާއްޖެ އިން ވަނީ ގަތަރާ އެކު އަލުން ޚާރިޖީ ގުޅުން ގާއިމްކޮށްފަ އެވެ.
އަލަށް ސަފީރުގެ މަގާމަށް އައްޔަންކުރާ ދެބޭފުޅުންގެ ތެރެއިން ތޯރިގަކީ ކުރީގެ ރައިސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން ފެށިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ދައުރު ނިމެންދެން އެންވަޔަރްމަންޓް  މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އޭގެ ފަހުން މިހާރުގެ ރައީސް މުއިއްޒުގެ ކެބިނެޓް ފުރަތަމަ އެކުލަވައިލެއްވި އިރު ވެސް ތޯރިގަށް ދެއްވީ އެންވަޔަރްމެންޓް މިނިސްޓަރުކަމެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ 1 ގައި ޓޫރިޒަމް މިނިސްޓަރުކަން ދެއްވުމަށް ފަހު، މިދިޔަ މަހު ކެބިނެޓުން އިސްތިއުފާ ދެއްވުމާ ހަމައަށް އޭނާ ހުންނެވީ އެ މަގާމުގަ އެވެ. 
އާދަމް ޝަރީފަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވުމަށް ފަހު 19 ވަނަ ރައްުޔިތުންގެ މަޖިލީހުގައި މަޑުއްވަރީ ދާއިރާގެ މެންބަރުކަން ކުރެއްވި ބޭފުޅެކެވެ. ރައީސް މުއިއްޒު ކެބިނެޓް އެކުލަވައިލެއްވި އިރު އަލަށް އުފެއްދެވި ސިޓީސް މިނިސްޓަރުކަން ދެއްވީ އޭނާ އަށެވެ. އާދަމް ޝަރީފް ވެސް މަގާމުން އިސްތިއުފާދެއްވީ ލޯކަލް ކައުންސިލް އިންތިހާބަށް ފަހު ކެބިނެޓަށް ގެނައި ބަދަލުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ