ރޭގެ މުޒާހަރާއިން 9 މީހަކު ހައްޔަރުކޮށްފި

އިދިކޮޅުން މާލޭގައި ބޭއްވި މުޒާހަރާއިން ނުވަ މީހަކު ރޭ ހައްޔަރުކޮށްފި އެވެ.
ވީ ކިހިނެއް؟ - ޖަލަށް ލާފައިވާ 'އަދަދު' ނޫހުގެ ނޫސްވެރިން ދޫކޮށްލަން ގޮވާލައި ރޭ ވަނީ، އިދިކޮޅު އެމްޑީޕީއާ އާއި ޕީއެންއެފް ގުޅިގެން މުޒާހަރާ ކޮށްފަ އެވެ. އެހެން ރޭތަކާ ހިލާފަށް ފުދޭވަރަކަށް ގިނަ މީހުން ބައިވެރިވި މި މުޒާހަރާ ފެށީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރީ ސަފުގައި ހުންނަވަ އެވެ.
ދެ ޕާޓީ ވަކިން މުޒާހަރާ ފެށި ނަމަވެސް ވަކި ހިސާބަކުން، މުޒާހަރާގެ ބައިވެރިން އެއްވެ، އެކުގައި އަޑުއުފުލަން ފެށިއިރު، ރޭގެ މުޒާހަރާގައި ފުލުހުންނާއި އާންމުންނާއި ދެމެދު ހަމަނުޖެހުންތައް ވެސް ހިނގާފައިވެ އެވެ.
ތަފްސީލް - ފުލުހުން މިއަދު 'ދައުރު'އަށް ބުނި ގޮތުގައި، އެ މުޒާހަރާގެ ތެރެއިން ނުވަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ރޭ ގެންގޮސްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
ހަތް ފިރިހެނުން
ދެ އަންހެނުން
ފުލުހުން ބުނީ، އެ މީހުން ހައްޔަރުކުރީ، ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސް އަޅައި އަމުރަށް ނުކިޔަމަންތެރި ކަމުގެ ތުހުމަތުގައި ކަމަށެވެ. ރޭގެ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރޭގައި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝައްމޫން ޖަލީލު ވެސް ހިމެނެ އެވެ.
ރޭގެ މުޒާހަރާ އެމްޑީޕީން ފެށީ، ނަޝީދު އިސްވެ ހުންނަވާ، ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީގެ މައި ހަރުގެންއިންނެވެ. އޭރު، އާޓިފިޝަލް ބީޗު ސަރަހައްދުގައި ޕީއެންއެފް އިން ވެސް މުޒާހަރާކުރަމުންދިޔަ އެވެ. 
އެ ސަރަަހައްދަށް އެމްޑީޕީގެ މުޒާހަރާގެ ބައިވެރިން ގޮސް ގުޅުނީ، ޕީއެންއެފްގެ މުޒާހަރާތެރޭ ކޮންމެ ރެއަކު ގެންގުޅޭ ސޯފާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުންނެވެ. ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދުގައި އެތަނުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި ފުލުހުންނަށް އެ ސޯފާ ގެންދެވޭ ގޮތެއް ނުވި އެވެ.
ރޭގެ މި މުޒާހަރާގެ ވަކި ހިސާބަކުން ޖަލަށް ލާފައިވާ ނޫސްވެރިންގެ އާއިލާގެ މެންބަރުން ވެސް ބައިވެރިވެފައިވެ އެވެ. ރޭ 12 ޖަހާ ބޮޑުވި ފަހުން އެސްއޯ ފުލުހުން ޝީލްޑާ އެކު ނުކުމެ މި މުޒާހަރާއަށް ހުރަސް އެޅީ، މުޒާހަރާގެ މިސްރާބު މުލީއާގެއާ ދިމާއަށް ބަަދަލުުކުރުމުންނެވެ.
ފާހަގަކޮށްލެވޭ ކަމެއް - އެމްޑީޕީ އާއި ޕީއެންއެފް އެކުވެ މި މުޒާހަރާ ކުރީ، ނޫސްވެރިކަމުގެ ދިފާއުގައި، ނަޝީދުގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު މަސައްކަތް ކުރެެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިއްޔެ ވިދާޅުވެފައިވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ