އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަމްޕުގެ ބިރު ދެއްކުމާއި ހަރުކަށި އިންޒާރުތައް އަދި އެ ގައުމުގައި ޒަމާނުއްސުރެ ހިފަހައްޓާފައި އޮތް ހަރުކަށި ނުފޫޒުތަކާއި ދެކޮޅަށް ފާޅުގައި ނުކުމެ ކުރި ކެމްޕޭނަށްފަހު، ޒަހްރާމް މަމްދާނީ ނިއު ޔޯކް ސިޓީގެ މޭޔަރުކަން ކާމިޔާބުކޮށްފި އެވެ.
ނިއުޔޯކް ޓައިމްސް އިން ރިޕޯޓުކުރަމުންދާ އިންތިހާބުގެ ނަތީޖާތައް ދައްކާގޮތުން ވޯޓު ދިން ދެ މިލިއަން މީހުންގެ 50 ޕަސެންޓު ވޯޓު ދީފައިވަނީ، މަމްދާނީ، 34 އަށެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ލިބުނީ ޖިންސީ ފުރައްސާރައިގެ މައްސަލަ ކުރިމަތިވެ މޭޔަރުކަމުން އިސްތިއުފާދިން އެންޑްރޫ ކުއޯމޯ އެވެ.
ޑިމޮކްރެޓްސް ގެ ކެންޑިޑެސީ ހޯދުމަށް މަމްދާނީ އާއި އެ ޕާޓީގެ ޕްރައިމަރީގައި ވާދަކޮށް ބަލިވުމުން، އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ. ރިޕަބްލިކަން ޓިކެޓުގައި ވާދަކުރި ކާޓިސް ސްލިވާ އަށް ލިބުނީ އެންމެ ހަތް ހަތް ޕަސެންޓު ވޯޓެވެ.
މި ނަތީޖާ އާއެކު މަމްދާނީ ވެގެންދާނީ އާބާދީގެ ގޮތުން އެމެރިކާގެ އެންމެ ބޮޑު އެއް ސިޓީ ކަމުގައިވާ ނިއު ޔޯކުގެ މޭޔަރުކަމަށް މި ގަރުނުގައި ހޮވުނު އެންމެ ޒުވާން މޭޔަރަށެވެ. އޭނާ އަކީ ޔޫގެންޑާއަށް އުފަން، އިންޑިއާ ދަރިކޮޅުގެ މުސްލިމެކެވެ. އޭނާ އެމެރިކާއަށް ހިޖުރަކުރީ 90 ގެ ކުރީ އަހަރުތަކުގެ ތެރޭގަ އެވެ.
ނިއު ޔޯކުގެ މޭޔަރުކަމަށް ކުރި ކެމްޕޭނުގައި މަމްދާނީ ވައުދުވީ އަގުހެޔޮ ހިތްފަސޭހަ ދިރިއުޅުމެއް އުޅެވޭ ސިޓީއެއްގެ އަމާޒަށް ދިޔުމަށެވެ. އެގޮތުން ހިލޭ ބަސްދަތުރުތަކާއި ކުޑަކުދިންނަށް ހިލޭ ސިއްހީ ފަރުވާ ދޭނެ ނިޒާމެއްގެ އިތުރުން މިނިމަމް ވޭޖު ބޮޑުކުރުމާއި އިމިގްރެންޓުންގެ ހައްގުތައް ހިމާޔަތް ކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރުން އޭނާގެ ވައުދުތަކުގެ ތެރޭގައި ހިމެނެ އެވެ.
ކެމްޕޭނުގެ ތެރެއިން މަމްދާނީ ޓެކްސީ ޑްރައިވަރަކާއި ސަލާމްކޮށް ވާހަކަދައްކަނީ ---
މީގެ އިތުރުން، މަމްދާނީ ވަނީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް ފާޅުގައި ބަސްބުނެ، ފަލަސްތީނާއި އެއްކޮޅު ހަރަކާތްތަކުގައި ވެސް ބައިވެރިވެފަ އެވެ. މި ސިޔާސަތުތަކާއެކު ޒުވާނުންގެ މެދުގައި މަމްދާނީ ވަނީ މަގުބޫލުވެފަ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަދި ސޯޝަލް މީޑިއާގައި ވެސް އޭނާ ވަނީ ބޮޑު މަގުބޫލު ކަމެއް ހޯދާފަ އެވެ.
މަމްދާނީގެ މަގުބޫލުކަމާއި ފާޅުކަން ބޮޑު ކެމްޕޭނުގެ ސަބަބުން އެމެރިކާގެ ރައީސް ޓްރަމްޕު ވަނީ ފާޅުގައި އޭނާއާއި ދެކޮޅަށް ކެމްޕޭން ކުރައްވާފަ އެވެ. އަދި، މަމްދާނީ ހޮވިއްޖެނަމަ ނިއު ޔޯކަށް މާލީ ގޮތުން ދަތިކުރާނެ ކަމުގެ އިންޒާރުތައް ޓްރަމްޕު ދީފައިވެ އެވެ.
އަދި، އިމިގްރެންޓުންނާއި ދެކޮޅަށް ގެންގުޅޭ ހަރުކަށި ސިޔާސަތުގެ ދަށުން މަމްދާނީ ހިންގާ ނިއު ޔޯކަކަށް އެމެރިކާގެ ސިފައިން ފޮނުވައިގެން އިމިގްރެންޓުން ހައްޔަރުކޮށް ޑީޕޯޓުކުރާނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕު ދީފައިވެ އެވެ.
މި އިންޒާރުތަކަށް މަމްދާނީ ވަނީ އޭނާގެ ކާމިޔާބީ ފާހަގަކޮށް ދެއްކެވި ވާހަކައިގައި ރައްދު ދެއްވާފަ އެވެ. އެގޮތުން ނިއު ޔޯކަކީ އިމިގްރެންޓުންގެ ސިޓީއެއް ކަމަށާއި އެ ސިޓީގައި ދެން ވެރިކަން ކުރާނީ ވެސް އިމިގްރެންޓެއް ކަމަށް މަމްދާނީ ވިދާޅުވި އެވެ.
އަދި، އޭނާ އަކީ ޑިމޮކްރެޓް ޕާޓީއަށް ނިސްބަތްވާ ސޯޝަލިސްޓެއް ކަމަށާއި ދީން ގަބޫލުކުރާ މުސްލިމެއް ކަމަށް ވިދާޅުވެ، މަމްދާނީ ވަނީ މިއިން އެއްވެސް ކަމަކީ މައާފަށް އެދެން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.
ޓްރަމްޕުގެ އިތުރުން ނިއު ޔޯކުގެ މަހުޖަނުން ވެސް މި ކެމްޕޭނުގެ ތެރެއިން މަސައްކަތް ކުރަމުންދިޔައީ މަމްދާނީ އާއި ދެކޮޅަށެވެ.
ޓްރަމްޕުގެ ބިރުދެއްކުމާއި އެމެރިކާގެ ބާރުވެރި ނުފޫޒުތަކާ ދެކޮޅަށް ނުކުމެ މަމްދާނީ ނިއު ޔޯކުގެ މޭޔަރުކަން ކާމިޔާބުކޮށްފި ޓްރަމްޕުގެ ބިރުދެއްކުމާއި އެމެރިކާގެ ބާރުވެރި ނުފޫޒުތަކާ ދެކޮޅަށް ނުކުމެ މަމްދާނީ ނިއު ޔޯކުގެ މޭޔަރުކަން ކާމިޔާބުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ