ނިބާލް، ދެކުނު އެފްރިކާ މުބާރާތުގެ ގަދަ 16 އަށް ނިބާލް، ދެކުނު އެފްރިކާ މުބާރާތުގެ ގަދަ 16 އަށް

ރިވައިވަލް ސްޕޯޓްސްގެ އެފްރިކާ ޓުއާގެ ފަހު މުބާރާތް އަކުއާސްޕްރިންގް ސައުތު އެފްރިކާ އިންޓަނޭޝަނަލްގެ ފިރިހެން ސިންގަލްސްގެ ގަދަ 16 ބުރުން ރިވައިވަލްގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ، ނިބާލް އަހުމަދު ޖާގަ ހޯދައިފި އެވެ.
އެ ގޮތުން، ގަދަ 32 ކުޅުންތެރިންގެ ބުރުގައި، މޮރިޝަސްގެ ލިއޯ ޑޫސް އަތުން ނިބާލް ވަނީ 21-10، 21-11 އިން މޮޅުވެފަ އެވެ. އަދި، ގަދަ 16 ބުރުގައި، ނިބާލް ކުޅެން ޖެހޭނީ މި މުބާރާތުގައި ދެ ވަނަ އަށް ސީޑުކޮށްފައިވާ ޕޯޗުގަލްގެ ބްރޫނޯ ކަވާލިއޯއާ އެވެ.
ގަދަ 32 ކުޅުންތެރިންގެ ބުރުގައި ރާއްޖޭގެ ޒަޔާން ޒަކީ މިއަދު ނުުކުންނާނީ ސައުދީ އަރަބިއްޔާގެ އަބްދުލް އަޒީޒް މުގާވީއާ ދެކޮޅަށެވެ. މި މުބާރާތުގެ ކޮލިފައިން ބުރުގައި ރާއްޖޭގެ ހަސަން ޒަޔާން ކުޅުނު މެޗުގައި ވަނީ ދެކުނު އެފްރިކާގެ އެންތަނީ ފިލިޕްސް އަތުން، 21-10، 21-11 އިން ބަލިވެފަ އެވެ.
މުބާރާތުގައި، ރިވައިވަލް ސްޕޯޓްސްގެ ކުޅުންތެރިންނަށް ކުރިއަށް ހުރި މެޗުތަކަށް ބަލާއިރު، އައިމިނަތު ނަބީހާ (ނަބީ) އަންހެން ސިންގަލްސްގެ ގަދަ 32 ކުޅުންތެރިންގެ ބުރުގައި، ދެކުނު އެފްރިކާގެ ތިއޮޑޯރާ އޮފްޓެންސްއާ ކުޅޭއިރު، ފާތިމަތު ނަބާހާ (ނަބާ)، ގަދަ 16 ބުރުގައި ނުކުންނާނީ ދެކުނު އެފްރިކާގެ އަނިކާ ނެލްއާ ދެކޮޅަށެވެ. އަންހެން ޑަބަލްސްގައި ނަބާ އާއި ނަބީގެ ޕެއާ އިން، ކުއާޓާ ފައިނަލުގައި ބައްދަލުކުރާނީ ދެކުނު އެފްރިކާގެ ޑެބޯރާ ގޮޑްފްރޭ އާއި އަންރީ ޝޫންސްއާ އެވެ.
ފިރިހެން ޑަަބަލްސްގައި ޒަޔާން ޒަކީ އާއި ނިބާލްގެ ޕެއާ ބައްދަލުކުރާނީ ގަދަ 16 ބުރުގަ އެވެ. އެއީ، ދެކުނު އެފްރިކާގެ ޖޯހަން އޮބާހޯޒްލާ އާއި ރިޔާން އާމަންޑް ސްވާޓްގެ ޕެއާއާ އެވެ. އަދި، މިކްސް ޑަބަލްސްގައި، ޒަޔާން ޒަކީ އާއި ނަބާގެ ޕެއާ ބައްދަލުކުރާނީ ދެކުނު އެފްރިކާގެ ޖޯހަން ވެން ޓޮންޑާ އާއި ޓްވައިލާ ވެން ރީނަންގެ ޕެއާއާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ