ސްރީލަންކާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 40 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
އަދި ބައެއް ސަރަހައްދުތަކުގައި ފަސިންޖަރުންގެ ރޭލުތައް ހުއްޓުމަށް ގެނެސް، ބަންދުކޮށްފައިވާ ކަމަށް ވެސް އޮފިޝަލުން ބުނެ އެވެ.
ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން އިއްޔެ ރިޕޯޓުކޮށްފައިވާ ގޮތުގައި މަރުވި މީހުންގެ ތެރެއިން 25 މީހަކު މަރުވެފައި ވަނީ ބަދުއްލާ އާއި ނުވަރަ އެލިޔާ ފަރުބަދަމަތީ ސަރަހައްދުތަކުންނެވެ.
އެ ސެންޓަރުން ބުނީ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި 21 މީހަކު ގެއްލިފައިވާ ކަމަށާއި 10 މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.
ލަންކާއަށް މޫސުން ގޯސްވާން ފެށީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ. އަދި ހަފްތާ ބަންދުގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ގެދޮރާއި ދަނޑުތަކާއި މަގުތަކުގައި ފެންބޮޑުވެ، އެ މައްސަލަ އިތުރަށް ގޯސްވި އެވެ.
ފެންގަނޑުތަކާއި ކޯރުތައް ފުރި، މަގުތައް ބަންދުވި އެވެ. އަދި ޕްރޮވިންސްތައް ގުޅުވައިދޭ ބައެއް ބޮޑެތި މަގުތައް މިހާރު ވަނީ ބަންދުކޮށްފަ އެވެ.
މިއީ މިދިޔަ އަހަރުގެ ޖޫން މަހު ކުރި ވިއްސާރައިގައި 26 މީހުން މަރުވި ފަހުން އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. މިދިޔަ ޑިސެމްބަރު މަހު ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި 17 މީހަކު ވަނީ މަރުވެފަ އެވެ.
މި ގަރުނުގައި ހިނގި އެންމެ ބޮޑު ފެންބޮޑުވުމުގެ ހާދިސާ ހިނގީ 2003 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އެ ފަހަރު 254 މީހަކު މަރުވި އެވެ.
ލަންކާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ، 40 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ