ފިލްމު 'ޕުޝްޕާ 2' ޖަޕާނުގައި ޕްރީމިއާ ކުރުމުގެ ހަފްލާއަށް އައްލޫ އަރުޖުން ޖަޕާނަށް
މިދިޔަ އަހަރު ރިލީޒްކޮށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ތެލުގޫ ފިލްމު "ޕުޝްޕާ 2" ޖަޕާނުގައި ރިލީޒްކުރުމުގެ ހަފްލާއަށް ފިލްމުގެ ލީޑް އެކްޓަރު އައްލޫ އަރުޖުން ޖަޕާނަށް ދާގޮތަށް ނިންމައިފިއެވެ. މި ފިލްމު ޖަޕާނުގައި ރިލީޒްކުރަން ނިންމާފައި ވަނީ މި ފެށޭ އާ އަހަރުގެ ޖަނަވަރީ މަހުގެ 16 ވަނަ ދުވަހެވެ. ފިލްމު "ޕުޝްޕާ 2" ޖަޕާނުގައި ރިލީޒްކުރަން ނިންމާފައި ވަނީ އެ ޤައުމުގެ ބަހުން ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. މި ފިލްމު އިންޑިއާގައި ރިލީޒްކުރިތާ ގާތްގަނޑަކަށް އަހަރެއްހާ ދުވަސްފަހުން ޖަޕާނުގައި ރިލީޒްކުރާއިރު ފިލްމުގެ ޕްރޮމޯޝަންތައް ވެސް ޖަޕާނުގައި ކުރިއަށްގެންދަން ވަނީ ނިންމާފައެވެ. މި ޕްރޮމޯޝަން އިވެންޓުތަކުގައި އެކްޓަރު އައްލޫ އަރުޖުން ވެސް ބައިވެރިވާން ނިންމާފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ވަނީ ބުނެފައެވެ. ފިލްމު "ޕުޝްޕާ 2"ގެ މަންޒަރެއްގައި ބަތަލާ ރަޝްމިކާ އަދި އައްލޫ އަރުޖުން--ފޮޓޯ/މިޑް-ޑޭ ފިލްމު "ޕުޝްޕާ 2" އަކީ 2021 ވަނަ އަހަރު ހަމަ އެ ނަމުގައި ގެނެސްދިން ފިލްމުގެ ސީކުއަލްއެކެވެ. ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު އެ ފިލްމުގެ ދެވަނަ ބައި ވެސް ޑައިރެކްޓްކޮށް އުފައްދާފައި ވަނީ ފުރަތަމަ ފިލްމުގެ ޑައިރެކްޓަރު ސުކްމަރަންއެވެ. މައިތިރީ މޫވީސްއިން ގެނެސްދިން ފިލްމު "ޕުޝްޕާ 2"އަށް ބޮކްސް އޮފީހުގައި 1،800 ކްރޯޑު ރުޕީސް (116.4 މިލިއަން ޑޮލަރު)ގެ އާމްދަނީއެއް ވަނީ ލިބިފައެވެ. ޖުމްލަ 500 ކްރޮޑު ރުޕީސް (5.5 މިލިއަން ޑޮލަރު)ގެ ބަޖެޓަކުން އުފެއްދި "ޕުޝްޕާ 2"ގެ މުހިއްމު ތަރިންގެތެރޭ ބަތަލާ ރަޝްމިކާ މަންދަންނާ، ފަހަދު ފާސިލް، ޖަގަޕަތީ ބާބޫ، ސުނިލް އަދި ރާއޯ ރަމޭޝް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ