ބައްސާމް ނެގި ފީފާގެ ދިފާއު ހައި ކޯޓުން ވެސް ނާކާމިޔާބު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާ އިން ފޮނުވި ފައިސާތަކަކަށް ހިޔާނާތްތެރިވި ކަމަށް ބުނާ މައްސަލަ ފީފާގެ ހުއްދަ ނެތި ނުބެލޭނެ ކަމަށް ބުނެ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނެގި ދިފާއު ބަލައިނުގަތުމަށް ހައި ކޯޓުން ވެސް ނިންމައިފި އެވެ.
ފީފާއިން އެފްއޭއެމްއަށް ދިން ފައިސާތައް އަމިއްލަ ބޭނުމަށް ބޭނުންކުރިކަން ސާބިތުވެ, ނުވަ އަހަރުގެ ޖަލު ހުކުމެއް މިހާރު ވެސް ތަންފީޒު ކުރަމުންދާ ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑްރިންގެ އިތުރު ދައުވާތަކެއް ކުރަނީ ފީފާއިން ފޮނުވި 1.2 މިލިއަން ޑޮލަރަށް ބައްސާމް ހިޔާނާތްވި ކަމަށް ބުނެ އެވެ.
އެ މައްސަލަ ފީފާގެ ހުއްދަ ނެތި ނުބެލޭނެ ކަމަށް ބުނެ ބައްސާމްގެ ފަރާތުން ކްރިމިނަލް ކޯޓުގައި ނެގި ދިފާއު ބަލައިނުގަތުމަށް އެ ކޯޓުން ނިންމި ނިންމުން އިސްތިއުނާފް ކުރަން ބައްސާމްގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި ނަމަވެސް ހައި ކޯޓުން މިއަދު ނިންމީ ދަށު ކޯޓުގެ ނިންމުން ގޯސްވި ސަބަބެއް ބުނެ ނުދެވޭތީ އެ މައްސަލަ ބަލައިނުގަތުމަށެވެ.
އެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ބައްސާމްގެ ފަރާތުން ބުނެފައިވަނީ ފީފާގެ ފައިސާތަކަކަށް ހިނާޔާތްތެރިވި ކަމަށް ބުނާ މައްސަލައެއް ފީފާގެ ހުއްދަ ނެތި ނުބެލޭނެ ކަމަށެވެ.
ނަމަވެސް ކްރިމިނަލް ކޯޓުން ވެސް ނިންމީ އެ މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަހެއް ނެތް ކަމަށް ނިންމައި، އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް އެ ކޯޓުން ނިންމާފައިވެ އެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ