އަނގަ ދޮންނަ ފެނުގެ ބަދަލުގައި ލޮނުމެދު ބޭނުންކުރެވިދާނެ އަނގަ ދޮންނަ ފެނުގެ ބަދަލުގައި ލޮނުމެދު ބޭނުންކުރެވިދާނެ

އަނގައިގައި އުފެދޭ ނުރަނގަޅު ބެކްޓީރިއާތަކާއި ތަފާތު ޖަރާސީމުތައް ނައްތައިލުމަށް އުފައްދާފައި ހުންނަ އަނގަ ދޮންނަ ފެންތައް (މައުތު ވޮޝް) ވަރަށް ގިނައެވެ. އޭގެ ތެރެއިން ވެސް އެންމެ އާންމު ބާވަތަކީ، ކްލޯރްހެކްސިޑީން ކިޔާ ކެމިކެލް މާއްދާއެއް އެއްކޮށްގެން އުފައްދާފައި ހުންނަ ފެނެވެ.
ޔުނިވަސިޓީ އޮފް ޝާރްޖާގެ ސައެންސްވެރިން ކުރި ދިރާސާއަކުން އެނގުނު ގޮތުގައި، މިހާރު އާންމުކޮށް ބޭނުންކުރާ އަނގަ ދޮންން ފެންތަކަށް ވުރެ، އަނގައިގައި ހުންނަ ޖަރާސީމުތައް ނައްތައިލުމުގައި ލޮނުމިދުގެ އަރަގުން މާ ރަނގަޅު ނަތީޖާ ނެރެވެއެވެ.
ޖާނަލް އޮފް ހާބަލް މެޑިސިންގައި ޝާއިއުކޮށްފައިވާ މި ދިރާސާ ރިޕޯޓްގައި ބުނެފައިވާ ގޮތުން ލޮނުމެދުގެ އަރަގު ހިމަނައިގެން އުފައްދާ އަނގަ ދޮންނަ ފެނުގެ ސަބަބުން، އެ ފެން ބޭނުންކުރާ ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ލިބުން އެކަށީގެންވެއެވެ. އެއީ ލޮނުމެދަކީ ދިގު މުއްދަތަކަށް އޭގެ ވަސް، އަނގައިގެ ތެރޭގައި ހަރުލާފައި ހުންނަ އެއްޗަކަށް ވާތީއެވެ.
އެހެން ނަމަވެސް، މިހާރު އާންމުކޮށް ބޭނުންކުރާ އަނގަ ދޮންނަ ފެންތަކުގައި އެކުލެވޭ ކްލޯރްހެކްސިޑީންގެ ސަބަބުން، އެ ބޭނުންކުރާ މީހުންނަށް ސިއްހީ އެހެން މައްސަލަތައް (ސައިޑް އިފެކްޓްތައް) ކުރިމަތިވެއެވެ. އޭގެ އިތުރުން ކްލޯރްހެކްސިޑީންއަށް އެމީހެއްގެ ހަށިގަނޑު ހޭނި، ޖަރާސީމުތަކަށް އަސަރު ފޯރާ މިންވަރު ކުޑަވުމުގެ ކަންބޮޑުވުން ވެސް އޮވެއެވެ.
އެހެންކަމުން، ލޮނުމެދުގެ އަރަގަކީ، އަނގަ ދޮންނަ ފެން އުފެއްދުމުގައި ކްލޯރްހެކްސިޑީންގެ ބަދަލުގައި ބޭނުންކުރަން ރަނގަޅު މާއްދާއެއް ކަމަށް ސައެންސްވެރިން ގަބޫލުކުރެއެވެ. ސަބަބަކީ ޖަރާސީމުތައް މަރައިލުމުގެ ބާރު ލޮނުމެދުގައި ހުރުމުގެ އިތުރުން، ކްލޯރްހެކްސިޑީން ބޭނުންކުރުމުން ކުރިމަތިވާ ފަދަ ސައިޑް އިފެކްޓްތަކެއް، ލޮނުމެދުގެ ސަބަބުން ކުރިމަތިނުވާތީއެވެ. އޭގެ އިތުރުން، ލޮނުމެދުގެ އަނެއް މުހިންމު ސިފައަކީ ލޮނުމެދަކީ ގުދުރަތީ ފަތްޕިލާވެލީގެ ބާވަތަކަށް (ތަރުކާރީއަކަށް) ވުމުން، ކެމިކަލްތަކަށް ވުރެ އިންސާނުންގެ ހަށިގަނޑާ މާ ބޮޑަށް ގުޅުމެވެ.
ޝާރްޖާ ޔުނިވަސިޓީގެ ސައެންސްވެރިން މި ދިރާސާކުރީ، ލޮނުމެދުގެ ފައިދާތަކާއި ހަކީމީ ބޭސްވެރިކަމުގައި ލޮނުމެދުގެ ދައުރާ ބެހޭ ގޮތުން މީގެ ކުރިން ލިޔެފައިވާ 380 އަށް ވުރެ ގިނަ އިލްމީ ތަފާތު ލިޔުންތައް ދިރާސާކޮށް، އޭގެ ފަހުގައި ލެބޯޓެރީގައި ކުރި ތަހުލީލުތަކުންނެވެ. މި ތަހުލީލުތައް ކުރުމުގައި ސައެންސްވެރިން ވަނީ، ޖަރާސީމުތަކާ ދެކޮޅު މަސައްކަތުގައި އެންމެ ބަރާބަރު ނަތީޖާއެއް ނުކުންނަނީ، ލޮނުމެދުގެ އަރަގުންތޯ ކްލޯރްހެކްސިޑީން އިންތޯ އަޖުމަ ބަލައިފައެވެ.
މިކަމުގައި ސައެންސްވެރިން ބޭނުންކުރީ ޖަރާސީމު ފިލުވާފައި ހުރި ފެނުގެ ތެރެއަށް ލޮނުމެދުގެ އަރަގު އެއްކޮށްގެން އުފައްދާފައި ހުރި، އަނގަ ދޮންނަ ފެނެކެވެ. ސައެންސްވެރިން ބުނި ގޮތުގައި އަނގަ ދޮންނަ ފެނުގައި ލޮނުމެދުގެ އަރަގު ނުވަތަ ތާސީރު އެކުލެވޭ މިންވަރު މަތިވި ވަރަކަށް، ޖަރާސީމުތަކާ ދެކޮޅަށް މަސައްކަތް ކުރާ މިންވަރު މަތިވެއެވެ.
އޭގެ އިތުރުން އެ ފެނުން އަނގަ ދޮންނަ ވަގުތު ގިނަވި ވަރަކަށް ވެސް އޭގެ ނަތީޖާ ރަނގަޅުވެއެވެ. ސައެންސްވެރިންނަށް މިހާރު އޮތް ކަންބޮޑުވުމަކީ، ލޮނުމެދު އަރަގުން އުފައްދާ އަނގަ ދޮންނަ ފެން ބޭނުންކުރުމުން، ލޮނުމެދުގެ ގަދަފަދަ ވަހުން، އެ ބޭނުންކުރާ މީހުންނަށާއި ކައިރީގައި އުޅޭ އެހެން މީހުންނަށް ލިބޭ އުނދަގުލެވެ. އެހެންކަމުން، ލޮނުމެދުގައި ހުންނަ ޒަވި ވަސް ކަނޑުވައިލުމަކީ، ސައެންސްވެރިންނަށް ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމެކެވެ.
ކްލޯރްހެކްސިޑީންއާ ހިލާފަށް ލޮނުމެދުގެ ސަބަބުން ސައިޑް އިފެކްޓެއް ކުރިމަތިނުވާ ކަމަށް ބުންޏަސް، ބައެއް ސައެންސްވެރިން ދެކޭ ގޮތުގައި ލޮނުމެދުގައި ވެސް ސައިޑް އިފެކްޓްތައް އެބަހުއްޓެވެ. އެހެން ނަމަވެސް ކްލޯރްހެކްސިޑީންގެ ސައިޑް އިފެކްޓްތަކާ އަޅައި ބަލާއިރު ގެއްލުން ކުޑައެވެ.
ލޮނުމެދުގެ ސައިޑް އިފެކްޓްތަކުގެ ތެރޭގައި ލޮނުމެދު ކެއުމުން ބައެއް މީހުންގެ މޭ އަންދާގޮތް ވުމާއި އަނގައިން ވަސް ނުފިލައި ހުރުން ހިމެނެއެވެ. އެހެންކަމުން، މިއީ ކްލޯރްހެކްސިޑީން އެކުލެވޭ އަނގަ ދޮންނަ ފެނުގެ ބަދަލުގައި ލޮނުމެދުގެ އަރަގުން އުފައްދާ ފެން ބޭނުންކުރަން ބޭނުން ނުވެދާނެ ސަބަބެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ