ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރަމުން ދިޔަ ހަސަން ޝިފާއުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާތައް ވެސް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ޝިފާއުގެ މައްޗަށް ތުހުމަތު ކުރެވެނީ އިތުރު މީހަކާ ބައިވެރިވެގެން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއެއް ކަމުގައިވާ 'ކިންގްޑަމް އޮފް ފުރުޓްސް' މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ކުންފުނިތަކެއްގެ މުދާ ރާއްޖެ އެތެރެކޮށް އެ މުދަލަށް ބޭރު ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާ ދެއްކުމުގައި މަކަރާއި ހީލަތް ހެދި ކަމަށެވެ.
މި މައްސަލާގައި އޭނާގެ މައްޗަށް ދައުލަތުން 23 ދައުވާއެއް އުފުލި އެވެ. އެއީ:
އެއީ އެގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ 9 ދައުވާ
މަކަރާއި ހީލަތް ހެދުމުގެ ކުށުގެ 7 ދައުވާ
މަނީ ލޯންޑަރިންގެ 7 ދައުވާ
މަނީ ލޯންޑަރިން ފިޔަވައި ދެން ހުރި 16 ދައުވާގައި އޭނާގެ މައްޗަށް ސާބިތުވާ ކަމަށް މިދިޔަ 30 ނޮވެމްބަރުގައި ވަނީ ހުކުމްކޮށްފަ އެވެ.
ތަފްސީލް - މިއަދު އޮތީ ބާކީ އޮތް މަނީ ލޯންޑަރިންގެ ހަތް ދައުވާއާމެދު ގޮތެއް ނިންމުމެވެ.
މި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ދެންމެ ނިންމެވީ، އެ ހަތް ދައުވާ ވެސް ޝިފާއުގެ މައްޗަށް ސާބިތުވާ ކަމަށެވެ. މިއަދު ކުށް ސާބިތުވި، މަނީ ލޯންޑަރިންގެ ދައުވާތައް ކޮށްފައިވަނީ، ބޭރުގެ އެކިއެކި ކުންފުނިތަކަށް ސައްހަ ނޫން ޓީޓީ ފޮނުވައިގެން އޮރެންޖާއި މެންޑްރިން އަދި އަނބު ފަދަ ގިނަ އަަދަދެއްގެ މޭވާތަކެއް، މަކާރާ ހީލަތުން ހޯދާފައިވާތީ އެވެ.
މި މުދާތަކުގެ އަގު ޝިފާއުގެ އަތުން ނަގައިދިނުމަށް ވެސް ދައުލަތުން ދައުވާގައި އެދިފައިވެ އެވެ. އެކަމަކު ގާޒީ އަލީ ނަދީމް ނިންމެވީ، އެ ފައިސާ ނަގައިދެވެން ނެތް ކަމަށެވެ. އެގޮތަށް ނިންމީ، އެ ފައިސާ ހުރި ތަނެއް ދައުލަތުން ޝަރީއަތަށް ސާފުކޮށްދީފައި ނުވާތީ ކަމަށް ވިދާޅުވި އެވެ.
ދައުލަތުން މީގެ ކުރިން ބުނެފައިވާގޮތުގައި:
މި މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދަަކީ 123،800އަށް ވުރެ ގިނަ ޑޮލަރު
އެއީ 1.9 މިލިއަނަށް ވުރެ ގިނަ ރުފިޔާ
ފާހަގަކޮށްލެވޭ ކަމެއް - ކުށް ސާބިތުވުމުން، މިއަދު ވަނީ މީގެ ކުރިން ސާބިތުވެފައިވާ 16 ދައުވާ ހިމެނޭހެން، އަދަބާއި ގުޅޭ ގޮތުން ވާހަަކަ ދައްކައި އަދަބު ކަނޑައެޅުމުގެ ބައި ވެސް ކުރިއަށް ގެންދިއުމަށް މަސައްކަތްކޮށްފަ އެވެ. އެކަމަކު، މިއަދުގެ އަޑުއެހުމަށް ޝިފާއުގެ ވަކީލު ހާޒިރުނުވާތީ އޭނާ ބޭނުންވީ، އަދަބު ކަނޑައެޅުމުގެ އަޑުއެހުން ވަކިން އެހެން ދުވަހެއްގައި ބޭއްވުމަށެވެ.
އެހެންވެ ގާޒީ ނަދީމް ނިންމެވީ:
މި ހަފްތާގެ ބުރާސްފަތި ދުވަހު އަދަބާ ބެހޭގޮތުން ވާހަކަދައްކަން އިތުރު އަޑުއެހުމެއް ބޭއްވުމަށް
އަދި އެދުވަހު ވަކީލު ހާޒިރު ނުވިޔަސް، އަދަބު ކަނޑައަޅައި ހުކުމް އިއްވާނެ ކަމަށް ވިދާޅުވި
އެކަމަކު، ޝިފާއު އެދުނީ، އަންނަ އާދިއްތަ ދުވަހަށް އެ ޝަރީއަތް ފަސްކޮށްދިނުމަށެވެ. ވަކީލު ޝަރީއަތަށް ހާޒިރުނުވެވިގެން އުޅެނީ، ޑެންގޫ ޖެހިގެން އުޅޭތީ ކަމަށާއި އާދިއްތަ ދުވަހު ވެސް ހާޒިރުނުވޭ ނަމަ އިތުރު ވަކީލަކު ހަމަޖައްސަން ބޭނުންވާ ކަމަށް ޝިފާއު ބުންޏެވެ.
އެކަމަކު އެ ފުރުސަތު ދެއްވާފައެއް ނުވެ އެވެ. އެއީ މީގެ ކުރިން ތާވަލުކުރި ދެ އަޑުއެހުމަށް ވެސް ވަކީލު ހާޒިރުނުވުމުން، އެކަމުގައި ގިނަ ފުރުސަތުތަކެއް ދެވިފައިވާތީ ކަމަށް ނަދީމް ވިދާޅުވި އެވެ. އަދި ބަލިވެ އުޅޭކަން ކޯޓަށް އަންގާފައިވިޔަސް، މެޑިކަލް ސެޓިފިކެޓް ހުށަނާޅައި ކޯޓަށް ހާޒިރުނުވާތީ އަޅަންޖެހޭ ފިޔަވަޅު އަޅުއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެނގުން މުހިންމު - ޝިފާއުގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގައި ބުނެފައިވާ ގޮތުން، އޭނާ ކުށުގެ އަމަލު ހިންގާފައިވަނީ ރާއްޖެއިން ބޭރުގެ އެކި ކުންފުނިތަކުން ގަނެފައިވާ ތަކެއްޗަށް ފައިސާ ދިން ކަމަށް ދެއްކުމުގެ ގޮތުން ސައްހަ ނޫން ލިޔުން އުފައްދައި ހުށަހަޅައިގެންނެވެ. މި މައްސަލާގައި ދައުލަތުން އޭނާގެ މައްޗަށް 23 ދައުވާއެއް އުފުލައި ކޯޓަށް ހުށަހެޅީ 27 އޭޕްރީލް 2023ގަ އެވެ.
މި މައްސަލާގައި، ޖަލު ހުކުމެއް ތަންފީޒުކުރަން ނުޖެހޭ ގޮތަށް އިއުތިރާފު އެއްބަސްވުމެއް ހަދަން ވެސް ދައުލަތުން މީގެ ކުރިން ނިންމި އެވެ. އެކަމަކު، ގާޒީ ނަދީމް އެ ފުރުސަތު ދެއްވާފައެއް ނުވެ އެވެ. އެ ފުރުސަތު ނުދެއްވީ، އެ އިއުތިރާފު އެއްބަސްވުމަކީ، ޝިފާއުގެ ފަރާތުން ގެއްލުންވި މީހުންނަށް ބަދަލު ލިބޭނެ ކަމުގެ ޔަގީންކަން ލިބޭނެހެން ހަދާފައިވާ އެއްބަސްވުމަކަށް ނުވާތީ އެވެ.
ޝިފާއުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާތައް ވެސް ސާބިތުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ