ޖެހިޖެހިގެން ހަތަރު ބަލި: ލިވަޕޫލަށް މިދިއަ 10 އަހަރު ވެސް ދިމާނުވާ މައްސަލައެއް

ރޭ އަމިއްލަ ދަނޑުގައި މެންޗެސްޓަ ޔުނައިޓެޑް އަތުން 2-1އިން ބަލިވުމަކީ، ޕްރިމިއަ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަށް މިދިޔަ 10 އަހަރު ވެސް ކުރިމަތިވި މައްސަލައެއް ނޫނެވެ: އެއީ ޖެހިޖެހިގެން ހަތަރު ވަނަ ބައްޔެވެ.
މެޗުގެ ދެވަނަ މިނިޓްގައި ޔުނައިޓެޑުން ނެގި ލީޑުގައި އޮވެގެން ނިމެން ދަނިކޮށް ދަނޑު ކައްކުވާލީ 78 ވަނަ މިނިޓްގައި ކޮޑީ ގެކްޕޯ ލަނޑެއް ޖަހައި އެއްވަރުކުރުމުންނެވެ. ނަމަވެސް އެ ހިތްހަމަޖެހުމުގައި މާ ގިނަ އިރަކު ހިފަހައްޓައެއް ނުލެވުނެވެ. ގޯލުގެ ކުރިމައްޗަށް ވައްޓާލި ހުރަހެއްގައި ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ ބޮލުން ޖަހާ ވައްދާލި ލަނޑާ އެކު ޔުނައިޓެޑް އުދުހިގަތެވެ.
ޖެހިޖެހިގެން ހަތަރު މެޗުން ލިވަޕޫލް އެންމެ ފަހުން ބަލިވެފައި ވަނީ 2014ގައި ބްރެންޑަން ރޮޖާސްގެ ކޯޗުކަމުގެ ދަށުގަ އެވެ. އަންނަ ބުދަދުވަހު ކުޅޭ ޗެމްޕިއަންސް ލީގު މެޗުގައި އެންޓްރެޗް ފްރެންކްފާޓް އަތުން ބަލިވެއްޖެ ނަމަ އެއީ 1953ގެ ފަހުން ޖެހިޖެހިގެން ފަސް މެޗުން ލިވަޕޫލް ބަލިވާ ފުރަތަމަ ފަހަރަށް ވާނެ އެވެ.
މިހާރު ދިމާވެގެން މި އުޅެނީ އާދައިގެ މައްސަލައެއް ނޫންކަން ފުރަތަމަ ސީޒަންގައި ލިވަޕޫލަށް މިދިއަ ޕްރިމިއަ ލީގު ކާމިޔާބުކޮށްދިން ކޯޗު އާނޭ ސްލޮޓް ވެސް ގަބޫލުކުރެ އެވެ.
"ޖެހިޖެހިގެން ހަތަރު މެޗު ގެއްލިއްޖެ ނަމަ، އެއީ ކަންބޮޑުވާން ޖެހޭ ކަމެއް،" ރޭގެ މެޗަށް ފަހު ވާހަކަ ދައްކަމުން ސްލޮޓް ބުންޏެވެ.
މި ފަހުން ލިވަޕޫލަށް ލިބުނު ހުރިހާ ކާމިޔާބީއެއްގެ ފަހަތުގައި ހުރި 'މިސްރުގެ ރަސްގެފާނު' މުހައްމަދު ސަލާހު، ޔުނައިޓެޑްގެ ދެވަނަ ލަނޑާ އެކު ބަދަލުކުރުމުގެ މާނައަކީ، އެ މުހިންމު ދަނޑިވަޅުގައި އޭނާއަށް ވެސް ދެން އިތުރު ކަމެއް ނުކުރެވޭނެކަން ސްލޮޓްއަށް ގަބޫލުކުރެވުމެވެ.
ޕެނެލްޓީއެއް ނޫން ގޮތަކަށް ސަލާހުއަށް ލަނޑެއް ނުޖެހި މިހާރު ވަނީ ހަތް މެޗު ނިމިފަ އެވެ.
އެއްގޮތަކުން ބަލާ ނަމަ ލިވަޕޫލްގެ ނަސީބު ވެސް ދެރައީ އެވެ. މިސާލަކަށް ގެކްޕޯ ލަނޑު ޖެހުމުގެ ކުރިން އޭނާގެ ތިން ހަމަލާއެއް މަތަވީ ގޯލް ދަނޑީގައި ޖެހިފަ އެވެ.
ސްލޮޓް ބުނީ ފުޓްބޯޅައިގައި ކަންކަން ވަމުން އަންނަ ގޮތް އޭނާ އާއި އޭނާގެ ޓީމަށް އެނގޭ ކަމަށެވެ.
"އަހަރެމެން ބޭނުންވާ ކުޅުންގަނޑު ގެނެވިއްޖެ ނަމަ ގިނަ މެޗުތަކުން މޮޅުވުމުގެ ރަނގަޅު ފުރުސަތު އެބަ އޮތް،" ސްލޮޓް ބުންޏެވެ.
އާސެނަލް، ކުޅުނު 8، ޕޮއިންޓް 19
މެންޗެސްޓަ ސިޓީ، ކުޅުނު 8، ޕޮއިންޓް 16
ބޯންމައުތު، ކުޅުނު 8، ޕޮއިންޓް 15
ލިވަޕޫލް، ކުޅުނު 8، ޕޮއިންޓް 15
ޗެލްސީ، ކުޅުނު 8، ޕޮއިންޓް 14 (ފައިދާ ގޯލް 7)
ޓޮޓެންހަމް، ކުޅުނު 8، ޕޮއިންޓް 14 (ފައިދާ ގޯލް 7)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ