ރާއްޖޭގައި ތިބި އިންޑިއާ މީހުންނަށް ބޭރަށް ފޮނުވޭ އަދަދު 150 ޑޮލަރަށް ލިމިޓުކޮށްފި
ޑޮލަރު ލިބުން ދަތިވުމުގެ ސަބަބުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ން ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ މީހުންގެ މުސާރަ ފޮނުވޭ އަދަދު 150 ޑޮލަރަށް ދަށްކުރަން ނިންމައިފިއެވެ. ރާއްޖޭގައި ޑޮލަރުގެ މައްސަލަ ބޮޑުވެ، ޑޮލަރެއްގެ އަގު 20 ރުފިޔާއިން މަތީގައި ހުންނަތާ މަސްތަކެއް ވެއްޖެއެވެ. އެސްބީއައިން މީގެ ކުރިން އައީ ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ ރައްޔިތުންނަށް ލިބޭ މުސާރަ، ދިވެހި ރުފިޔާއިން އެ ބޭންކަށް ޖަމާކުރުމުން ރުޕީސްގެ ގޮތުގައި އިންޑިއާގައި ހުންނަ އެ މީހުންގެ އެކައުންޓަށް ޖަމާކޮށްދެމުންނެވެ. އެސްބީއައިގެ ރަސްމީ ވެބްސައިޓުގައިވާ ލިޔުމެއްގައި ބުނީ، މި މަހު 25ވަނަ ދުވަހުން ފެށިގެން އެ ބޭންކްގެ ލިމިޓު ދަށްކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން، ރާއްޖޭގައި މަސައްކަތްކުރާ އެ ގައުމުގެ މީހުންނަށް ރުފިޔާ-ރުޕީސް ރެމިޓެންސްގެ ދަށުން މުސާރަ ފޮނުވޭނީ ދެން 2،313 ރުފިޔާއާ ހަމައަށެވެ. އެއީ، ބޭންކް ރޭޓުން 150 ޑޮލަރެވެ. އެހެންވެ، އޭގެ އިތުރަށް އެސްބީއައި މެދުވެރިކޮށް އިންޑިއާއަށް ފޮނުވަން ބޭނުން ނަމަ ދެން ޖެހޭނީ ޑޮލަރު ގަންނާށެވެ. https://sun.mv/211603 އެކަމަކު، އެ ބަދަލު ގެންނަން މެދުވެރިވީ ސަބަބާ ގުޅޭ އިތުރު ތަފުސީލެއް އެސްބީއައިން ދީފައެއް ނުވެއެވެ. ހަމައެކަނި ބުނީ، ޑޮލަރުން ލިބުން ދަތިވެފައިވާ ކަމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭގައި އިންޑިއާގެ ގިނަ އަދަދެއްގެ މަސައްކަތްތެރިން އެބަތިއްބެވެ. ޚާއްސަކޮށް ރާއްޖޭގެ ގިނަ އަދަދެއްގެ ސްކޫލުތަކުގައި ވެސް އިންޑިއާއަށް ނިސްބަތްވާ ޓީޗަރުން މަސައްކަތްކުރެއެވެ. މި ބަދަލާ އެކު އެ މީހުންނަށް ވަރަށް ބޮޑު އަސަރެއް ކުރާނެއެވެ. ރާއްޖޭގައި ޑޮލަރުގެ މައްސަލަ ބޮޑުވެފައިވާއިރު ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު ހުރީ 20 ރުފިޔާއިން މަތީގައެވެ. ދަރަނި ބޮޑުވުމުގެ ސަބަބުން މަރުކަޒީ ބޭންކް، އެމްއެމްއޭއިން ވަނީ ދިވެހިރާއްޖޭގައި ހިންގާ ބޭންކްތަކަށް ވަންނަ ޑޮލަރުގެ 90 އިންސައްތަ އެ ބޭންކަށް މާރުކުރަން އަންގާފައެވެ. އޭގެ ތެރެއިން ވަކި އިންސައްތައެއް އަނބުރާ ބޭންކްތަކަށްދޭ ކަމަށް އެމްއެމްއޭއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ