ތައުލީމާ އެކު މަސައްކަތް ދަސްކުރުން ނުވަތަ ވޮކޭޝަނަލް އެޑިއުކޭޝަނަށް ހާއްސަކޮށްގެން، ރާއްޖޭގައި ފުރަތަމަ ފަހަރަށް ހައި ސްކޫލެއް ގާއިމްކުރަން ނިންމައި، އެކަން އިއުލާންކޮށްފި އެވެ.
ވީ ކިހިނެއް؟- ރައީސް މުހައްމަދު މުއިއްޒު، ށ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ފުނަދުއަށް ވަޑައިގެން، ރާއްޖެއަށް އެންމެ ބޭނުންވެފައިވާ ދާއިރާތަކުން ސަރުކާރުން ހިންގަން ނިންމާފައިވާ މަޝްރޫއުތަކާ ގުޅޭ ގޮތުން ވަނީ ވާހަކަފުޅު ދައްކަވައިފަ އެވެ.
ރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، އެމަނިކުފާނު ވަނީ، މުޅިން އަލަށް ރާއްޖޭގައި ފަށަން އުޅޭ ތައުލީމީ މި އާ މަޝްރޫއު އިއުލާން ކުރައްވާފަ އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ރަސްމީ ތައުލީމު އޮންނަނީ އުމުރުން 16 އަހަރާ ހަމައަށް ނަމަވެސް، 18 އަހަރާ ހަމައަށް ގާނޫނީ ގޮތުން ކުޑަކުއްޖެއްގެ ގޮތުގައި ބަލާތީ، އެ ކުދިންނަށް ބޭނުން ދާއިރާއަކުން ތައުލީމު ފޯރުކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ތައުލީމީ ގޮތުން ކުރިއަށް ދާން ބޭނުންވާ ކުދިންނަށް އެ ފުރުސަތު، އަދި މަސައްކަތުގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ކުދިންނަށް، ތައުލީމާ އެކު އެ ހުނަރުތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
އެކަން ފުރިހަމަ ކުރެއްވުމަށް، އެ އުމުރުގެ ކުދިންނަށް ހާއްސަކޮށްގެން ވޮކޭޝަނަލް ހައި ސްކޫލެއް އަޅުއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި:
މިއީ ރާއްޖޭގައި މީގެ ކުރިން ނުކުރާ ކަމެއް
އެ ސްކޫލު އަޅާނީ މާލެ ސަރަހައްދުގައި
ވޮކޭޝަނަލް ހައި ސްކޫލު ހަދާއިރު، މުޅި ރާއްޖޭގައި އޭ ލެވެލް ފުޅާކުރައްވާނެ
އެނގުން މުހިއްމު- މާލެ އާއި ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ތައުލީމާ އެކު މަސައްކަތުގެ ހުނަރު ދަސްކޮށްދިނުމަށް ވޮކޭޝަނަލް ސްކޫލުތައް ހިންގަ އެވެ. އެކަމަކު އެފަދަ ސްކޫލުތައް ހިންގަނީ، ސްކޫލު ތައުލީމު ފުރިހަމަކުރާ ޒުވާނުންނަށެވެ. ހައި ސްކޫލެއްގެ ގޮތުގައި މިފަދަ ތަނެއް އަދި ނުހުރެ އެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު، އޯ ލެވެލް ނިންމާ %40 ކުދިން ވެސް އޭ ލެވެލް ތައުލީމް ފުރިހަމަނުކުރާ ކަމަށެވެ. އެކަމަކު މިހާރު އެ ނިސްބަތް %50އާ ގާތް ކުރާ ކަމަށާއި ދުނިޔޭގެ އެންމެ ރަނގަޅަށް ތައުލީމު ދޭ ގައުމުތަކުގައި ވެސް އެ ނިސްބަތް އުޅެނީ %60-%65 ގައި ކަމަށް ވިދާޅުވި އެވެ.
"އެހެންވެ އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، ޓާގެޓަކަށް ހަދަން، އަންނަ އަހަރު ހިންގާ މަޝްރޫއުތަކުގެ ތެރެއިން، އެ ކުއްޖަކު ކިޔަވަން ބޭނުންވާ ޕާތުވޭއަކުން ކިޔަވަން ފުރުސަތު ދޭން. އެއީ ވޮކޭޝަނަލް އެޑިއުކޭޝަން ވިޔަސް އަދި އެކަޑަމިކަލީ ވިޔަސް،" ރައީސް ވިދާޅުވި އެވެ.
"އެންމެ ބޮޑު ތަރައްގީއަކީ އިންސާނީ ތަރައްގީ."
އެމަނިކުފާނު ވިދާޅުވީ އާ މަޝްރޫއުތައް ހިންގުމަށް، ތިން ބިލިޔަނަށް ވުރެ ގިނަ ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާއިރު އޭގެ ތެރެއިން 500 މިލިޔަން ރުފިޔާ ހާއްސަކުރާނީ ތައުލީމީ ދާއިރާއަށް ކަމަށެވެ.
ތައުލީމާ އެކު މަސައްކަތް ދަސްކޮށްދޭން އަލަށް ހައި ސްކޫލެއް އަޅަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ