ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިނުވެއްޖެނަމަ ގަޓޫސޯ ގައުމު ދޫކޮށްދާނެ ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިނުވެއްޖެނަމަ ގަޓޫސޯ ގައުމު ދޫކޮށްދާނެ

މިލާން (އޮކްޓޫބަރު 16) - އަންނަ އަހަރު އެމެރިކާ އާއި މެކްސިކޯ އަދި ކެނަޑާގައި ބާއްވާ ފީފާ ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިނުވެއްޖެނަމަ، އެ ގައުމު ދޫކޮށްދާނެ ކަމަށް އިޓަލީ ޓީމުގެ ކޯޗު، ކުރީގެ މިޑްފީލްޑަރު، ޖެނާރޯ ގަޓޫސޯ ބުނެފި އެވެ.
އިޓަލީ ޓީމަށް 70 އަށް ވުރެ ގިނަ މެޗު ކުޅެދީ، 2006 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގައި މުހިންމު ރޯލެއް ކުޅުނު ގަޓޫސޯ އެންމެ ފަހުން ހުރީ މިދިޔަ ސީޒަނުގައި، ކްރޮއޭޝިއާގެ ކްލަބް، ހަޑްޖުކް ސްޕްލިޓްގެ ކޯޗަކަށެވެ. މިދިޔަ ސީޒަނަށް ފަހު، އެ ޓީމު ދޫކޮށްލީ އެވެ. އޭސީ މިލާން، ވެލެންސިއާ، ނަޕޯލީ އަދި މާސޭ އަށް ކޯޗުކޮށްދިން، ގަޓޫސޯ އަށް އިޓަލީން ދީފައިވަނީ، އަންނަ އަހަރުގެ ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިކޮށްދިނުމާ އެކު، އެ މުުބާރާތުގެ ނިޔަލަށް އޮތް ކޮންޓްރެކްޓެކެވެ.
އެކަމަކު، ގަޓޫސޯ މި ވަނީ ވޯލްޑް ކަޕަށް ކޮލިފައިވުމަށް އިޓަލީ ކުރާ މަސައްކަތް ކާމިޔާބުނުވެއްޖެނަމަ، މަގާމު ދޫކޮށްލާނެ ކަމަށް ބުނެފަ އެވެ.
"އިޓަލީ ވޯލްޑް ކަޕަށް ނުގޮސްފިނަމަ، އަހަރެން މި ގައުމު ދޫކޮށްދާނަން، އަހަރެން މިހާރު ވެސް އުޅެނީ ގައުމުން ބޭރުގައި، އެކަމަކު، މި ބުނި ގޮތަށް ވެއްޖެނަމަ، ދެން އުޅޭނީ ގައުމާ އެ އަށް ވުރެން ވެސް ދުރުުގައި،" ގަޓޫސޯ ބުންޏެވެ.
ކޮލިފައިން ގްރޫޕް އައިގެ އެއް ވަަނައިގައި އޮތް ނޯވޭ އަށް 18 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އިޓަލީ އަށް ވަނީ 15 ޕޮއިންޓް ލިބިފަ އެވެ. ގްރޫޕްގެ އެއް ވަަނަ އަށް ވޯލްޑް ކަޕްގެ ސީދާ ޖާގައެއް ލިބޭއިރު، ދެ ވަނަ ޓީމު ޖެހޭނީ ޕްލޭއޮފް ކުޅޭށެވެ. ކޮލިފައިން ގްރޫޕްގެ ފަހު ދެ މެޗު އޮތީ އަންނަ މަހު އެވެ. އިޓަލީން ދެ މެޗުން މޮޅުވިޔަސް، ލަނޑުގެ ތަފާތުން ނޯވޭ އަށް ވުރެން ކުރި ނޭރިއްޖެނަމަ ޖެހޭނީ ޕްލޭއޮފް ކުޅޭށެވެ.
އެންމެ ފަހުން ބޭއްވި ދެ ވޯލްޑް ކަަޕަށް ވެސް އިޓަލީ ކޮލިފައިނުވެ އެެވެ.
ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ކޮލިފައިން ޕްލޭއޮފުން އިޓަލީ ކެޓީ ސްވިޑެން އަތުން 1-0 އިން ބަލިވެގެންނެވެ. އަދި، ގަތަރުގައި، 2022 ގައި ބޭއްވި ވޯލްޑް ކަޕުން ވެސް އިޓަލީ އަށް ފުރުސަތު ގެއްލުނީ ކޮލިފައިން ޕްލޭއޮފްގައި ބަލިވުމުންނެވެ. ނޯތު މެސެޑޯނިއާ އިން، 1-0 އިން އިޓަލީ ބަލިކުރި ގޯލު ޖެހީ އިތުރު ވަގުތުގައި އަލެކްސަންޑަ ޓްރަޖޯވްސްކީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ