ކަރަންޓް މައްސަލަ ހައްލުކުރަން އުޅުނު ސްޓެލްކޯ މުވައްޒަފަކު ފިހިގެން ފަރުވާދެމުންދާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ، ހުޅުމާލޭގެ ބައު އިންޖީނުގޭގެ ސްވިޗް ގިއަރ އަކަށް ދިމާވި މައްސަލައެއް ހައްލު ކުރަމުން ދަނިކޮށް، އަލިފާނުގެ ހާދިސާއެއް ހިނގައި އެކުންފުނީގެ މުވައްޒަފަކަށް އެކި ވަރުގެ އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.
އަދި އެމީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށްވެސް ބުންޏެވެ. ނަމަވެސް އަނިޔާގެ ތަފްސީލް ހާމައެއް ނުކުރެއެވެ.
ހުޅުމާލޭގެ ބައު އިންޖީނުގޭގެ މީޑިއަމް ވޯލްޓޭޖް ޕެނަލަކަށް ދިމާވި މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލެއަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ބައެއް ފީޑަރުތައް އޮފް ވެ މާލެ އާއި ހުޅުމާލޭ ބައެއް ސަރަހައްދުތަކުން މިއަދު ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައެވެ.
ނަމަވެސް ހިދުމަތް މެދުކެނޑުނު ސަރަހައްދުތަކަށް މިހާރު އަލުން ކަރަންޓު ދީފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
އަދި ކަރަންޓް ކެނޑުމުން ދިމާވި ދަތިތަކަށް އެ ކުންފުނިން ވަނީ މަޢާފަށް އެދިފައެވެ.
ކަރަންޓް މައްސަލަ ހައްލުކުރަން އުޅުނު ސްޓެލްކޯ މުވައްޒަފަކު ފިހިގެން ފަރުވާދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ