މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި ބީއެމްއެލްއަށް ސާފު ފައިދާގެ ގޮތުގައި 475 މިލިއަން ރުފިޔާ!

ބޭންކް އޮފް މޯލްޑިވްސްއިން މި އަހަރުގެ ތިންވަނަ ކުއާޓަރގައި ހަރުދަނާ މާލީ ނަތީޖާއެއް ހޯދައި، މިއަދު ތިންވަނަ ކުއާޓަރުގެ ނަތީޖާ ހާމަކޮށްފިއެވެ.
ވޭތުވެދިޔަ ކުއާޓަރގައި ބޭންކުގެ ހިންގުމުގެ ފައިދާގެ ގޮތުގައި 791 މިލިއަން ރުފިޔާ ހޯދާފައިވާއިރު، މިއީ ދެވަނަ ކުއާޓަރއާ ދާދި އެއްވަރުގެ ނަތީޖާއެކެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 10% ކުރިއެރުމެކެވެ.
ވޭތުވެދިޔަ ކުއާޓަރގައި ސާފު ފައިދާގެ ގޮތުގައި 475 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ ބޭންކުގެ ހިންގުމުގެ ހަރުދަނާކަމާއި ކުރިއެރުން ދައްކުވައިދޭ ކަމެއް ކަމަށް ބީއެމްއެލުން މިއަދު ވަނީ ބުނެފައި އެވެ.
ބޭންކުން ދޫކޮށްފައިވާ ޖުމްލަ ލޯނު އިތުރުވަމުންދާއިރު، މި އަހަރުގެ މިހާތަނަށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 6.5 ބިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. ތިންވަނަ ކުއާޓަރގެ ނިޔަލަށް ބޭންކުގެ ޖުމްލަ އެސެޓް 51.1 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ކަސްޓަމަރުންގެ ޑިޕޮސިޓް 33.7 ބިލިއަން ފުރިޔާއަށް އަރައެވެ. ބީއެމްއެލުން މައުލޫމާތު ދޭގޮތައި އެބޭންކުމުގެ ކެޕިޓަލް އަދި ލިކުއިޑިޓީ ރޭޝިއޯ ގާނޫނު ލާޒިމުކުރާ މިންގަނޑަށްވުރެ މަތީގައި ދެމެހެއްޓިފައިވެއެވެ.
ނަތީޖާއާ ގުޅޭ ގޮތުން ބޭންކުގެ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ،ބޭންކުން ފަޚުރުވެރިވަނީ ހަމައެކަނި މި ހަރުދަނާ ނަތީޖާއަކަށް ނޫން ކަމަށާއި މީގެ އިތުރުން އެކި މުޖުތަމައުތަކާއި ރާއްޖޭގެ ވިޔަފާރިތަކާއި އިގްތިސާދީ ކުރިއެރުންތަކަށް އެހީތެރިކަން ފޯރުކޮށްދީ، ރާއްޖޭގެ މުސްތަގުބަލު ބިނާކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތާމެދު ވެސް ބޭންކުން ފަޚުރުވެރިވާ ކަމަށެވެ.
ވޭތުވެދިޔަ ކުއާޓަރގައި ބޭންކުން މުޅި ރާއްޖެއަށް ޚިދުމަތްތައް ފުޅާކޮށް، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށްވެސް މާލީ ޚިދުމަތްތަކަށް ވާސިލުވެވޭނެ ވަސީލަތްތައް ގާއިމުކޮށްފައި ވެއެވެ. 'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' މަޝްރޫއުގެ ދަށުން، މި އަހަރުގެ ފެބްރުވަރީ މަހުން ފެށިގެން އެންމެ 9 މަސްދުވަހުގެ ތެރޭގައި 105 ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށް، އޮކްޓޫބަރު މަހުގައި މި މަޝްރޫއު ކާމިޔާބު ކަމާއެކު ވަނީ ނިންމާލައިފައެވެ.
މީގެ އިތުރުން، ވޭތުވެ ދިޔަ ކުއާޓަރގައި ބޭންކުން ވަނީ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގަނެފައެވެ. މި ސްޓްރެޓިޖިކް ނިންމުމާއެކު، އެސްޑީއެފްސީއަކީ ޝަރީއާ ކޮމްޕްލައިންޓް ޚިދުމަތެއް ފޯރުކޮށްދޭ، އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކާއެކު އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށްވެސް ޚިދުމަތް ފޯރުކޮށްދޭ ޑިޖިޓަލް ފަސްޓް ސަބްސިޑައިރީއަކަށް ބަދަލުކުރެވިގެންދާނެ ކަމަށް ބޭންކުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ