ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ މައްޗަށް އުފުލި، ބަނގުރާ އެތެރެކުރުމުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ލީޑަރު ސިޔާމް ރާއްޖެ ވަޑައިގަތްއިރު އޭނާގެ ލަގެޖުން ރާ ފުޅިއެއް ފެނުނު ކަމަށް ބުނެ ސިޔާމްގެ މައްޗަށް އުފުލި ދައުވާ ސާބިތުނުވާ ކަމަށް ކުރި ހުކުމުގައިވަނީ ކަސްޓަމްސް ގާނޫނުގައި ބުނާ އިޖްރައާތު އެ މައްސަލައިގައި ފުރިހަމަކޮށްފައިނުވާ ކަމަށެވެ. އަދި ބާތިލް އިޖްރައާތެއްގެ މައްޗަށް ބިނާކޮށް ކުރެވޭ ކޮންމެ ކަމަކީ ބާތިލްކަމެއް ކަމަށް ވާތީ ސިޔާމްގެ މައްޗަށް އުފުލި އެ ދައުވާ ސާބިތުނުވާ ކަމަށް ހުކުމްކުރީ ކަމަށް އެ ހުކުމުގައިވެ އެވެ.
ސިޔާމްގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު މިއަދު ހުކުމް ކުރެއްވިއިރު އެ މައްސަލަ ކުރިން ބެއްލެވީ އެހެން ގާޒީ އެކެވެ. އެންމެ ފުރަތަމަ އެ މައްސަލަ ބައްލަވަމުން ގެންދެވީ އެ ކޯޓުގެ ގާޒީ އަހުމަދު ސަމީރު އަބްދުލްއަޒީޒު ނަމަވެސް ސިޔާމްގެ އެދިވަޑައިގަތުމުގެ މަތިން އޭނާ އަތުން އެ މައްސަލަ ނެގުމަށް ފަހު އެ މައްސަލަ ބައްލަވަން އިސް ގާޒީ އަބްދުﷲ ފެއްޓެވީ އެވެ.
ގާޒީ ސަމީރު އެ މައްސަލަ ބައްލަވަމުން ގެންދެވިއިރު ސިޔާމް ކޯޓަށް ހާޒިރު ނުކުރެވިގެން އޭނާ ބަންދުކޮށްގެން ވެސް ކޯޓަށް ހާޒިރުކޮށްފައިވެ އެވެ. އެ ޝަރީއަތް ހިންގިއިރު ސިޔާމް ކޯޓަށް ހާޒިރުކޮށްފައި ބައިންދަނީ ކޯޓަށް ހާޒިރުކުރާ އެހެން އެންމެންނާ ވަކިން ކޯޓުގެ އެތެރޭގެ ސަރަހައްދެއްގަ އެވެ. އަދި އޭރު އޭނާ ކޯޓަށް ވަންނަނީ ވެސް ކޯޓުގެ މުވައްޒަފުންނާއި ފަނޑިޔާރުން ވަނުމަށް ޚާއްސަކޮށް، ޖަސްޓިސް ބިލްޑިންގެ ފުރަގަހުން ހުންނަ ދޮރުންނެވެ.
އެ މައްސަލައިގެ އިޖްރައާތު ފުރިހަމަކޮށްފައި ނުވާތީ އެ މައްސަލަ ސާބިތުނުވާ ކަމަށް ހުކުމްކުރި ނަމަވެސް އެ ލަގެޖް ފާސްކުރި ކަސްޓަމްސް އޮފިސަރުން ވަނީ އެ ލަގެޖުން ރާ ފުޅިއެއް ފެނުނު ކަމަށް ކޯޓުގައި ހެކިބަސް ދީފަ އެވެ. ނަމަވެސް އެ ފުޅި ފެނުނުއިރު އެ ލަގެޖް ގެންގުޅުނީ އެއާޕޯޓުން އެ ލަގެޖާ ހަވާލުވި މުވައްޒަފަކު ކަމަށް ކަސްޓަމްސް އޮފިސަރުން ކޯޓުގައި ބުނެފައިވެ އެވެ. އަދި އެ ފުޅި ފެނުނުއިރު އެ ލަގެޖްގައި ހުރީ ތަޅުލާފައި ނޫން ކަމަށް ކަސްޓަމްސް އޮފިސަރުން ބުނެފައިވެ އެވެ.
ބަނގުރާ އެތެރެކުރުމުގެ ދައުވާ މެމްބަރު ސިޔާމްގެ މައްޗަށް ސާބިތެއް ނުވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ