ބޮޑެތި ގައުމުތަކުގެ ލީޑަރުން އަބްދުﷲ ރަސްގެފާނަށް އިހްތިރާމް އަދާ ކުރަން ސައުދީއަށް

ސައުދީ އަރަބިއާގެ ރަސްގެފާނަކަށް ހުންނެވި އަބްދުﷲ ބިން އަބްދުލްއަޒީޒު މިދިޔަ ހުކުރު ދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެން އެމަނިކުފާނަށް އިހްތިރާމް އަދާ ކުރުމަށް ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ލީޑަރުން ސައުދީއަށް ވަޑައިގަންނަން ފަށައިފި އެވެ.
ސައުދީގެ ތަޚުތުގައި އެންމެ ފަހުން ހުންނެވި އަބްދުﷲ ބިން އަބްދުލްއަޒީޒު މިދިޔަ ހުކުރު ދުވަހުގެ ރޭ އިރާކޮޅު އަވަހާރަވުމާ ގުޅިގެން އެމަނިކުފާނުގެ ކޮއްކޯފުޅު ސަލްމާން ވަނީ ތަޚުތަށް އިސްކޮށްފަ އެވެ.
ރަސްގެފާނު އަބްދުﷲ އަށް އިހްތިރާމް އަދާ ކުރުމަށް ބައްދަލު ކުރުމަށް އެމެރިކާ އާއި އިނގިރޭސިވިލާތުގެ އިތުރުން ފްރާންސް އަދި އަދި އީރާނު ފަދަ ގައުމުތަކުގެ އިސްވެރިން މިހާރު ވަނީ ދިއުމަށް ނިންމައިފަ އެވެ. އެމެރިކާގެ ރައީސް ބަރަކް އޮބާމާ އިންޑިއާއަށް މާދަމާ ވަޑައިގަންނަވާ ނަމަވެސް އެ ދަތުރުފުޅުގައި ކުރިން ރޭވިފައި އޮތް ބައެއް ކަންކަން ކެންސަލް ކުރުމަށް ފަހު އަންނަ އަންގާރަ ދުވަހު ސައުދީއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
ރާއްޖޭގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ސަރުކާރުގެ އެހެން ބައެއް އިސްވެރިން ހިމެނިވަޑައިގަންނަވާ ވަފުދެއް ވެސް މިހާރު ވަނީ ސައުދީއަށް ގޮސްފަ އެވެ.
އުމުރުފުޅުން 90 އަހަރުގެ ރަސްގެފާނު އަބްދުﷲ އަވަހާރަވީ ނިއުމޯނިއާއަށް ފަރުވާ ހޯއްދެވުމަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާއަކީ 2005 ވަނަ އަހަރުން ފެށިގެން ސައުދީގެ ތަޚުތުގައި ހުންނެވި ބޭފުޅާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ