ތިނަދޫ އާބާދީގެ ލިސްޓު އޮޅުވާލާފައި ނުވާނެ ކަމުގެ ޔަގީންކަން ތިނަދޫ ސިޓީގެ މޭޔަރ ސައުދު އަލީ ދެއްވައިފިއެވެ.
ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ ހައިކޯޓަށް ވަނީ މައްސަލައެއް ހުށަހަޅާފައެވެ. މި މައްސަލާގައި ތިނަދޫ ސިޓީ ކައުންސިލުގެ މައްޗަށް ތުހުމަތުތަކެއް ކޮށްފައި ވެއެވެ. އެގޮތުން ކައުންސިލުން ތިނަދޫގެ އާބާދީގެ ލިސްޓު އޮޅުވާލަނީ ކަމަށް ބުނެފައިވެއެވެ.
އެކަމާ ގުޅިގެން ތިނަދޫ ސިޓީގެ މޭޔަރ "އަސްލު ޓީވީ" އަށް ވިދާޅުވީ ކައުންސިލުން އެފަދަ އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށެވެ. އަދި ކައުންސިލުގެ ލިސްޓަކީ ކައުންސިލުން ވަރަށް ރަނގަޅަށް ބަލައި ތަރުތީބުކޮށްގެން ގެންގުޅޭ ލިސްޓެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިދިޔަ ސަރުކާރުގައި އޮގަސްޓު މަހު ކުރީގެ ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދީފައިވާއިރު މިހާރު ވަނީ އެކަމަށް އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައެވެ.
އެކަމާ ދެކޮޅަށް ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ވައްދާފައި މިވަނި މިސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުންނަވާ ބޭފުޅެކެވެ. މައްސަލަ ހުށަހެޅުއްވީ އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ގާނޫނީ ވަކީލު މުހައްމަދު ރާގިބެވެ. މިމައްސަލަ ރައްދު ވާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ.
އެކަމާ ގުޅޭގޮތުން މޭޔަރ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސިޔާސީ މަގާމެއްގައި ހުންނެވި ބޭފުޅަކު ރައީސް އޮފީހާ ދެކޮޅަށް ކޯޓުތަކަށް މައްސަލަ ހުށަހެޅުއްވުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ. އަދި އެ ބޭފުޅާއަށް ތުހުމަތުގެ އިނގިލި ދިއްކުރެވެނީ ތިނަދޫގެ ހުރިހާ ރައްޔިތުންނާ ދިމާލަށް ކަމަށާއި، ނިގުޅައިގަންނަން މަސައްކަތް ކުރަނީ ރައްޔިތުންގެ ހައްގެއް ކަމަށް މޭޔަރ ވިދާޅުވިއެވެ.
ރާގިބު މައްސަލަ ހުށަހެޅުއްވި އިރު ޑީއެންއާރު މެދުވެރިކޮށް ތިނަދޫ ސިޓީގެ އާބާދީގެ އަދަދު އޭނާ ސާފުކޮށްފައިވާ ކަމަށް ވެއެވެ. އެ މައުލޫމާތު ލިބިގަތުމުގެ ހައްގުގެ ދަށުން އޭނާ ހޯދި އެ މައުލޫމާތުގައިވާގޮތުން ތިނަދޫގައި ރަޖިސްޓްރީ ވެފައިވަނީ 7900 މީހުންނެވެ.
ތިނަދޫއަށް ސިޓީއެއްގެ ދަރަޖަށް ދިން އިރު ގާނޫނީގޮތުން މައްސަލަތަކެއް ހުރި ކަމަށް ބުނެ އޭރު ވެސް އެކަމުގެ ކަންބޮޑުވުން ފެންމަތިވެފައިވެ އެވެ. އެކަން ހައްލުކުރުމުގެ ގޮތުން މި އަހަރުގެ ކުރީކޮޅު ރައްޔިތުންގެ މަޖިލީހުން ވަނީ ބިލެއް ހުށަހަޅާ އިސްލާހުވެސް ކޮށްފައެވެ. ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ނުދެވި ގާނޫނީ ގޮތުން އޮތް ކަންބޮޑުވުމަށް ހައްލު ހޯދަން ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިންއެވެ.
ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ ހައިކޯޓަށް މައްސަލަ ހުށަހެޅުމުން ރާގިބު މިހާރު ވަނީ މަގާމުންވެސް ވަކިކޮށްފައެވެ.
ތިނަދޫ ސިޓީއަކަށް ހެދުމުގައި އެއްވެސް އޮޅުވާލުމެއް ނޯންނާނެ: މޭޔަރ ސައުދު އަލީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ