ކޯޓުން ބަލައިގެންފައި ވަނިކޮށް މައުމޫނާ ދެކޮޅަށް ހުށަހެޅި މައްސަލަ އަނބުރާ ގެނެސްފި
ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ ދެކޮޅަށް އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ތިން މެމްބަރަކު ހުށަހެޅުއްވި މައްސަލަ ސިވިލް ކޯޓުން ބަލައިގެންފައި ވަނިކޮށް މައްސަލަ އަނބުރާ ގެނެސްފި އެވެ. މައްސަލަ ހުށަހެޅުއްވި މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު މިއަދު ސަން އަށް ވިދާޅުވީ، މައްސަލަ އަނބުރާ ގެންދިޔައީ ޕާޓީގެ ގުނަވަންތައް ހުއްޓުވާފައި އޮތްއޮތުން މައުމޫން ނިމުމަކަށް ގެނެސްފައިވާތީ ކަމަށެވެ. "ކޮންމެވެސް ވަރެއްގެ ލުއިތަކެއް އެބަލިބޭ ކަންނޭނގެ. ޕާޓީގެ ރައީސް މައުމޫން ރޭގަ ވިދާޅުވެފަ އޮތްކަމަށް އަޅުގަނޑަށް މައުލޫމާތު ލިބޭ މިހާރު ދެން އެމަނިކުފާނު ޕާޓީގެ ގުނަވަންތައް ހުއްޓުވާފަ އޮތްއޮތުން ނިމުމަކަށް ގެނެސް ހުރިހާ ކަމެއް ދޫކޮށްލި ވާހަކަ. ކޮމެޓީތައް ކުރިއަށްގެންދަވަން ހުއްދަ ދެއްވި ވާހަކަ. އެހެންވެއްޖެއްޔާ އަޅުގަނޑުމެންނަކަށް ހިޔެއް ނުވޭ މައްސަލަ ޝަރީއަތަށް ހުށަހަޅައިގެން އިތުރަށް ކުރިއަށްގެންދިޔުމުގެ ބޭނުމެއް އޮތް ހެނެއް،" ޝާހިދު ވިދާޅުވި އެވެ. ޝާހިދުގެ އިތުރުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އަސްއަދު ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައި ވަނީ ޕީޕީއެމްގެ އަސާސީ ގަވާއިދާ ޚިލާފަށް ޕާޓީގެ ގުނަވަންތައް ރައީސް މައުމޫނު ހުއްޓުވާފައިވާ ކަމަށެވެ. އަދި ޕީޕީއެމް އިސްލާހު ކުރަން މައުމޫން އެކުލަވާލެއްވި އިސްލާހީ އެޖެންޑާ ބާތިލްކޮށްދިނުމަށް ވެސް އެ މައްސަލާގައި އެދުނެވެ. ޕީޕީއެމްގެ ހުރިހާ ކޮމެޓީތަކުގެ މުގައްރިރުންނަށް މައުމޫން އިއްޔެ ފޮނުއްވި އެސްއެމްއެސްއެއްގައި ވިދާޅުވީ ޕާޓީގެ ގުނަވަންތަކާއި ކޮމެޓީތަކުގެ މަސައްކަތް ޕާޓީގެ އަސާސީ ގަވާއިދާއި ހިނގާ ގަވާއިދާ އެއްގޮތަށް އިއްޔެ އިން ފެށިގެން ކުރިއަށް ގެންދިޔުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ