އެމެރިކާއާއި އިރާނާ ދެމެދު ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަކަށް އައިސްފައިވާކަން ދެ ގައުމުން ކަށަވަރުކޮށްދީފި އެވެ.
މި ތާރީހީ ނިންމުމާ ގުޅޭގޮތުން، ސުލުހައިގެން މެދުވެރިއެެއްގެ ދައުރު އަދާކުރެއްވި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވީ، ދެ ފަރާތުން ވެސް އަސްކަރީ ހަރަކާތްތައް ދާއިމީކޮށް ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށާއި، ރަސްމީކޮށް މި އެއްބަސްވުމުގައި ސޮއިކުރުން އޮންނާނީ އަންނަ ހުކުރު ދުވަހު ސުވިޒަލޭންޑުގައި ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މި އެއްބަސްވުން ފުރިހަމަވެފައިވާކަން ކަށަވަރުކޮށްދެއްވައި، އިރާނާ ދެކޮޅަށް އަޅާފައިވާ ކަނޑުގެ ބަންދުކުރުން އުވާލުމަށް އަމުރުކުރައްވާފަ އެވެ.
ޓްރަމްޕް ވިދާޅުވީ ހޮރްމޫޒް ކަނޑުއޮޅި މިހާރު ވަނީ އެއްވެސް ފީއަކާ ނުލައި ދުނިޔޭގެ ހުރިހާ އުޅަނދުފަހަރަކަށް ހުޅުވާލެވިފައި ކަމަށާއި، ތެލުގެ ވިޔަފާރި އަލުން ފެށުމަށް މަގުފަހިވެފައިވާ ކަމަށެވެ. މިއީ ޓްރަމްޕްގެ އުފަންދުވަހާ ދިމާކޮށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ ސިފަކުރައްވާފަ އެވެ.
މި އެއްބަސްވުމަށް މަގުފަހިކޮށްދިނުމުގައި ޕާކިސްތާނާއި ގަތަރުގެ އިތުރުން ސައުދީ އަރަބިއްޔާއާއި ތުރުކީވިލާތުން އަދާކުރި މުހިންމު ދައުރަށް ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ތައުރީފު ކުރަމުންނެވެ.
އިރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިރޭގެ ވަގުތެއްގައި ހުރިހާ ދިމާއަކުން ހަމަލާތައް ހުއްޓާލެވޭނެ ކަމަށާއި، ނަމަވެސް ދާއިމީ އެއްބަސްވުމުގެ މަޝްވަރާތައް ކުރިއަށްދާނީ އެމެރިކާއިން މިހާރު އެއްބަސްވެފައިވާ ކަންކަން ފުރިހަމަކުރުމުން ކަމަށެވެ.
ތުރުކީގައި ހުންނަ އިރާނުގެ އެމްބަސީން ވަނީ މިއީ މެދުއިރުމައްޗަށް އައި އާ ޒަމާނެއްގެ ފެށުން ކަމަށް ބުނެ މަރުހަބާ ކިޔާފަ އެވެ.
ދުނިޔޭގެ ބޮޑެތި ބާރުތަކުން ވެސް ވަނީ އެމެރިކާ އާއި އިރާނުން ސުލުހައިގެ އެއްބަސް ވުމަކަށް އާދެވުމުން، މި ނިންމުމަށް މަރުހަބާ ކިޔާފައެވެ.
އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވީ މިއީ ސަރަހައްދީ ހަމަޖެހުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
ޖަރުމަނުވިލާތް، އިޓަލީ އަދި ފްރާންސުން ވަނީ އިރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން އިތުބާރު ހުރި ފިޔަވަޅުތަކެއް އަޅައިފިނަމަ، އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ތައްޔާރަށް ތިބިކަން ހާމަކޮށްފައެވެ.
މި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ހަފުތާގައި ދެ ގައުމުގެ މެދުގައި ފަންނީ ފެންވަރުގެ މަޝްވަރާތައް ކުރިއަށްދާނެއެވެ. މީގެ މައިގަނޑު ބޭނުމަކީ ހުކުރު ދުވަހު ބާއްވާ ރަސްމީކޮށް ސޮއިކުރުމުގެ ރަސްމިއްޔާތަށް ބޭނުންވާ ތައްޔާރީތައް ފުރިހަމަކުރުމެވެ.
އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ މެންބަރުން މިކަން ސިފަކުރަނީ ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަމަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައެވެ.
އެމެރިކާއާއި އިރާނުން ހަނގުރާމަ ހުއްޓާލަން އެއްބަސްވެއްޖެ، ސޮއިކުރުން ހުކުރު ދުވަހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ