އިންގްލޭންޑުން ކްރޮއޭޝިއާ ކޮޅަށް 4 ލަނޑު

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ކްރޮއޭޝިއާ ކޮޅަށް 4 ލަނޑު ޖަހައި އިންގްލޭންޑުން ފެންވަރުދަށްކާލައިފިއެވެ. ގްރޫޕް އެލްގެ މިމެޗު އިންގްލޭންޑުން ކާމިޔާބުކުރީ 4-2 އިންނެވެ.
މިމެޗުގައި އިންގްލޭންޑަށް 3 ފަހަރަށް ލީޑުނަގަން ޖެހުނެވެ. މެޗުގެ ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީއަކުން އިންގްލޭންޑަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ހެރީ ކޭންއެވެ. އިންގްލޭންޑް ލީޑް ނެގިތާ މާގިނަ އިރުތަކެއް ނުވަނީސް ކްރޮއޭޝިއާއިން ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ މާޓިން ބަޓްރީނާއެވެ.
އިންގްލޭންޑްގެ ދެވަނަ ލަނޑާއެކު ދެވަނަ ފަހަރަށް ލީޑުނަގައިދިނީވެސް ކޭންއެވެ. ކޭންގެ މިލަނޑަކީ ލިބުނު ކޯނަރެއް ބޮލުން ގޯލުގެތެރެއަށް ވައްދާލައިގެން ކާމިޔާބުކުރި ލަނޑެކެވެ. 2-1 އިން އިންގްލޭންޑް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިންމާލަން ދަނިކޮށް ފުރަތަމަ ހާފްގެ އިތުރު ވަގުތުގެވެސް އެންމެ ފަހު މިނެޓުގައި ކްރޮއޭޝިއާއިން ވަނީ ޕީޓަރ މޫސާގެ ލަނޑާއެކު ދެވަނަ ލަނޑު ޖަގާ ދެވަނަ ފަހަރަަށް ނަތީޖާ ހަމަހަމަކޮށްފައެވެ.
ދެވަނަ ހާފްގައި އިންގްލޭންޑް ފެނުނީ ތަފާތުކޮށެވެ. މެޗުގައި 3 ވަނަ ފަހަރަށް ލީޑް ނަގައިދިނީ ޖޫޑް ބެލިންގްހަމް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި 4 ވަނަ ލަނޑު ޖަހައިދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މާކަސް ރަޝްފޯޑްއެވެ.
މިމެޗުގައި ޖެހި ދެ ލަނޑާއެކު ހެރީ ކޭން ވެގެންގޮސްފައި ވަނީ ވޯލްޑް ކަޕްގައި އިންގްލޭންޑަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިއާއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ