ވެމްކޯއިން މުވައްޒަފުންނަށް ޕެންޝަން ފައިސާ ޖަމާނުކުރާތާ 19 މަސްވުމުން ގދ. ތިނަދޫގެ ވެމްކޯ ބްރާންޗުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް މުޒާހަރާ ކުރުމުން އެ މީހުން ވަޒީފާއިން ކަނޑާލައިފި އެވެ.
އަލީ ނާބިތު މުހައްމަދު އަދި މުހައްމަދު ނާއިފުއަށް ވަނީ ވަޒީފާއިން ވަކިކުރިކަމުގެ ލިޔުން ވަނީ މިއަދު ފޮނުވާފަ އެވެ. އެ ދެ ލިޔުމުގައި ވެސް ސޮއިކޮށްފައި އޮތީ ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލު އެވެ.
ޕެންޝަން ފައިސާ ޖަމާނުކޮށް ދިގުލައިގެންގޮސް އެކަމަށް އެދެވޭ ހައްލެއް ނުލިބޭތީ ތިނަދޫގެ ވެމްކޯ ބްރާންޗު ކުރިމަތީ އެ މީހުން މުޒާހަރާ ކުރީ ޖޫން ހައެއްގަ އެވެ.
އެ ދެ މީހުން ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާ ބެހޭ ގާނޫނުގެ 23 ވަނަ މާއްދާއާ ހަވާލާދިނުމަށްފަހު އެވެ. އެ މާއްދާގައި އޮތީ ނޯޓިސް ދިނުމާ ނުލައި މުވައްޒަފުން ވަކިކުރެވޭނެ ހާލަތްތަކެވެ. އެއީ ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ފެނުން ނުވަތަ ހިޔާނާތެއް ވެފައި ވުމެވެ.
ޕެންޝަން ފައިސާ ޖަމާކުރުމަކީ ގާނޫނުން ލާޒިމުކޮށްފައި އޮންނަ ކަމެކެވެ. ވެމްކޯއިން މުވައްޒަފުންނަށް ޕެންޝަން ފައިސާ އެންމެފަހުން ޖަމާކޮށްފައިވަނީ އޮކްޓޯބަރު 16، 2024، ގަ އެވެ. އޭގެ ފަހުން ޕެންޝަން ފައިސާ އެ ކުންފުނިން މުވައްޒަފުންނަށް ޖަމައެއްނުކުރެ އެވެ.
ވެމްކޯއިން ޕެންޝަނަށް ފައިސާ ނުދައްކާ އޮތް ނަމަވެސް، އެ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައިން ކޮންމެ މަހަކު ވެސް ޕެންޝަނަށްވާ ފައިސާ އުނިކުރާ ކަމަށް އެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުން ބުންޏެވެ.
މިދިޔަ ޖެނުއަރީ މަހު ވެމްކޯއިން ވަނީ މުވައްޒަފުންނަށް ޕެންޝަން ފައިސާ ޖަމާނުކުރާ ކަމަށް އެއްބަސްވެ، އެ ފައިސާ ޖަމާނުކުރެވެނީ ކުންފުންޏަށް ލިބެންޖެހޭ ފައިސާ ނުލިބިގެން ކަމަށް ބުނެފަ އެވެ.
ވެމްކޯއަކީ ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް މުވައްޒަފުން ގެންގުޅޭ އެއް ކުންފުންޏެވެ. އެ ކުންފުނިން ދޭ ކުނި އުކުމުގެ ހިދުމަތަށް ގޭބިސީތަކުން ފައިސާ ނުދައްކާތީ، 2023 ގައި މާލެ ސަރަހައްދުގެ ކުނި ބިލު ވަނީ ކަރަންޓު ބިލާ އެއްކޮށްލައިފަ އެވެ.
ކޮންމެ މުވައްޒަފެއްގެ ވެސް އަސާސީ މުސާރައިގެ ހަތް ޕަސެންޓު މުވައްޒަފުގެ މުސާރައިން ޕެންޝަނަށް އުނި ކުރެ އެވެ. އަދި ހަމަ އެ އަދަދަށްވާ ފައިސާ ވަޒީފާ ދޭ ފަރާތުން ޕެންޝަނަށް ދައްކަން ޖެހެ އެވެ. އެއީ ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ކުރަން ލާޒިމު ވެސް ކަމެކެވެ.
ޕެންޝަން ފައިސާ ޖަމާނުކުރާތީ މުޒާހަރާކުރި ދެ މުވައްޒަފުން ވެމްކޯގެ ވަޒީފާއިން ކަނޑާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ