އެމްޑީޕީއިން އުޅެނީ ސަރުކާރާއި ރައްޔިތުން ޖައްސަން: އައިފާން

ސަރުކާރަށް އޮތް ތާއީދު ފެނުމުން އިދިކޮޅު ފަރާތްތަކުން އަބަދުވެސް މަސައްކަތް ކުރަނީ ސަރުކާރާއި ރައްޔިތުން ޖައްސަން ކަމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން ވިދާޅުވެއްޖެއެވެ.
އައިފާން މިހެން ވިދާޅުވީ ހެންވޭރު ދެކުނު ދާއިރާގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ކުރިއަށް ގެންދެވި ޑޯޓުޑޯ ހަރަކާތުގެ ތެރެއިން ”ސަންގު“ އަށް ދެއްވި ބަސްދީގަތުމެއްގައެވެ.
އައިފާން ވިދާޅުވީ، ދޮގު ވާހަކަ ފެތުރުމުގައި އިދިކޮޅު އެމްޑީޕީން އަވަދިނެތި އުޅެމުންދާ ކަމަށާއި، އެ ޕާޓީއަކީ ކޮން ބައެއްކަން މިއަދު ދިވެހި ރައްޔިތުންނަށް އެނގޭ ކަމަށެވެ. އަދި އެމްޑީޕީއަކީ އަބަދުވެސް ކަންކަން އޮޅުވާލުމަށް މަސައްކަތް ކުރަމުންދާ ބައެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
 ”އެމްޑީޕީއަކީ ކޮންބައެއްކަން މިއަދު ދިވެހި ރައްޔިތުންނަށް އިނގޭ“ މެމްބަރު އައިފާން ވިދާޅުވިއެވެ.
އައިފާން އިތުރަށް ތުހުމަތު ކުރެއްވި ގޮތުގައި، ސިޔާސީ މަންފާ ހޯދުމުގެ ނިޔަތުގައި މީސްމީހުންގެ މަރުގެ މައްސަލަތަކުގައިވެސް އެމްޑީޕީއިން ދަނީ ރައްޔިތުންނަށް އޮޅުވާލަމުންނެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ އެކު ބޭއްވޭ ރިފަރެންޑަމް ވޯޓާ ގުޅޭގޮތުންވެސް އެމްޑީޕީން ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިގޮތުން، މި ސަރުކާރުން އުޅެނީ ވެރިކަމުގެ ދައުރު ދަންމާލުމަށް ކަމަށް ބުނެ އެމްޑީޕީން ދައްކާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް އައިފާން ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ގާނޫނުއަސާސީއަށް ގެނެވުނު އިސްލާހުގައި ވެރިކަމުގެ ދައުރު ދަންމާލާ ވާހަކައެއް ނޯންނާނެއެވެ. ރާއްޖޭގެ ރައްޔިތުންނަކީ މިއަދު ހޭލުންތެރި ބައެއް ކަމަށާއި، އިދިކޮޅުން ދައްކާ ”ރޯބުހުތާނު ދޮގު“ ތަކަށް ރައްޔިތުން ނުހެއްލޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ސަރުކާރާ މެދު ނުރަނގަޅު ތަސައްވުރެއް އުފެއްދުމަށް އެމްޑީޕީން ކުރާ މަސައްކަތްތަކުން ސަރުކާރު ހައިރާން ނުވާ ކަމަށާއި، މީގެން ހާމަވަނީ އިދިކޮޅު ފަރާތްތައް ފެއިލްވެފައިވާ މިންވަރު ކަމަށް އައިފާން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބެކޭ އެއްފަދައިން ކުރިއަށް އޮތް ކައުންސިލް އިންތިޚާބުވެސް ޕީއެންސީން ބޮޑުތަނުން ކާމިޔާބު ކުރާނެ ކަމަށެވެ.
ނިންމަވާލައްވަމުން އައިފާން ވިދާޅުވީ، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ރައްޔިތުންނަށް ފައިދާވާނެ ކަމެއް ކަމަށް މިއަދު ހުރިހާ ރައްޔިތުންވެސް ގަބޫލުކުރާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ